ގިނަ ބަޔަކު ހީކޮށްގެން ތިބި ގޮތާ ޚިލާފަށް ކާރްތިކް އާރްޔަން އާއި ކަރަން ޖޯހަރް ރުޅިވެރިކަން އެއްފަރާތްކޮށް ސުލްހަ ވެއްޖެ އެވެ.
ދާދިފަހުން އޮތް އިވެންޓަކުން ކަރަން އާއި ކާރްތިކް ވަނީ ބައްދަލުވެފަ އެވެ. އަދި މި ބައްދަލުވުމުގައި ދެ މީހުން އެކަކު އަނެކަކާ ވާހަކަ ނުދައްކާ ކަމަށް ބުނެ އިންޑިއާގެ މީޑިއާތަކުން ޚަބަރު ފަތުރާފައި ވެއެވެ.
ނަމަވެސް ކަންތައްވީ އެހެން ނޫންކަމާއި މި އިވެންޓުން ބައްދަލުވުމާއެކު ކަރަން އާއި ކާރްތިކް އެމީހުންގެ ރުޅިވެރިކަން ހަނދާން ނައްތާލައި ވަރަށް އެކުވެރިކަމާއެކު ވާހަކަ ދައްކަން ތިބި މަންޒަރު ފެންނަ ވީޑިއޯ އެއް ސޯޝަލް މީޑީއާގައި ވައިރަލްވެ ކަންތައް ވެފައިވަނީ ކުރިން ޚަބަރުތައް ފެތުރުނު ގޮތަށް ނޫންކަން ވަނީ ޔަގީން ވެފަ އެވެ.
މި ވީޑިއޯގައި ފެންނަނީ ވަރުން ދަވަން އާއި ކާރްތިކް އަދި ކަރަން އެއް މޭޒެއްގައި އިށީނދެ ތިބެ ވަރުން ދައްކަމުންދިޔަ ވާހަކަތަކަށް ތިން މީހުން ވަރަށް ބާރަށް ހެމުން ގެންދިޔަ ތަނެވެ. އަދި ކާރްތިކް އާއި ދިމާލަށް ބަލަން އިނދެ ކަރަން ވަރަށް މަޖާ ވާހަކަތައް ދައްކަމުން ދިޔަ ތަން ވެސް ވީޑިއޯ ގައި ފެނެ އެވެ.
މި ވީޑިއޯ ބަލާފައި ފޭނުން ބުނަނީ އެމީހުންނަށް ބުނާނެ އެއްޗެއް ނޭނގި ބޯ ކަހަކަހާ ތިބެވުނީ ކަމަށެވެ. ސަބަބަކީ ނޫސްތަކުން ފަތުރާފައިވާ ޚަބަރުތަކާއި ވީޑިއޯ އިން ފެންނަ މަންޒަރުތަކާ ދިމާ އިދިކޮޅަށް ހުރީމަ އެވެ.
ގިނަ ފޭނުންނަށް ހީވެފައި އޮތީ މި އެވޯޑު ދިނުމުގެ ހަފުލާއިން ކަރަން އާއި ކާރްތިކް ބައްދަލުވުމާއެކު ދެ މީހުން އެކަކު އަނެކަކާ ބައްދަލުނުވާން މަސައްކަތް ކުރާނެ ކަމަށެވެ.
ޚާއްސަކޮށް ކުރިން ވައިރަލްވީ ވީޑިއޯއެއްގައި ކަރަން ޕްރޮޑިއުސްކޮށްފައިވާ "ޖުގް ޖުގް ޖިޔޯ"ގެ ލަވައަކަށް ސްޓޭޖު މައްޗަށް އަރައި އެންމެން ނެށިއިރު ކާރްތިކް އެހާ ބޮޑަށް ނުނަށާ ހުރުމުން އޭނާ އާއި ކަރަންގެ މެދުގައި މައްސަލަތައް ޖެހިފައިވާތީ ކާރްތިކް ނުނެށީ ކަމަށް ބުނެ ޚަބަރުތައް ފެތުރިފައި ވެއެވެ.
ކަރަން އާއި ކާރްތިކްގެ މައްސަލަތަކެއް އުޅޭކަމުގެ ޚަބަރުތައް ނޫސްތަކުގައި ލިޔަން ފެށީ ކަރަން ޕްރޮޑިއުސްކުރާ "ދޯސްތާނާ 2"ގެ ޝޫޓިން ވަކި ވަރަކަށް ނިންމާފައި އޮއްވާ ކާރްތިކް އެ ފިލްމުން ވަކި ކުރުމުންނެވެ. ނުވަތަ ވަކިވުމުންނެވެ.
މި ފިލްމުން ކާރްތިކް ވަކިވިކަން ދަރްމާ އިން އިއުލާންކުރީ ވަރަށް ނުގޮތަކަށެވެ. އެ ކުންފުނިން ނެރުނު ނޫސްބަޔާނުގައި ބުނެފައިވަނީ "ދޯސްތާނާ 2"ގެ ކާސްޓް ބަދަލުކޮށް އަލުން ޝޫޓްކުރަން ހަމަޖެހިފައިވާ ކަމަށެވެ.
މިކަމާ ގުޅިގެން ކަރަން ވެސް އަދި ކާރްތިކް ވެސް ވަކި އެއްޗެކޭ ބުނެފައެއް ނުވެ އެވެ.