ބޮލީވުޑް

"ޖުގް ޖުގް ޖިޔޯ" ލަވަޔަށް ކާރްތިކް ނުނެށި

ޕްރޮޑިއުސަރު-ޑައިރެކްޓަރު ކަރަން ޖޯހަރާއި އެކްޓަރު ކާރްތިކް އާރްޔަންގެ މެދުގައި މައްސަލަތަކެއް ޖެހި ދެ މީހުން އެކަކު އަނެކަކު ދެކެ ވަރަށް ރުޅިއައިސްގެން އުޅުނު ހަބަރުތައް ދުވަސްކޮޅެއް ކުރިން ރިޕޯޓްކޮށްފައިވެ އެވެ.

ކަރަންގެ "ދޯސްތާނާ 2"ގެ ތަރިންގެ ގޮތުގައި ކުރިން ހަމަޖެހިފައި އޮތީ ކާރްތިކް އާއި ޖާންވީ ކަޕޫރެވެ. އަދި މި ދެ ތަރިންނާއެކު ފިލްމުގެ ޝޫޓިން ފެށިވެސް މެއެވެ. ނަމަވެސް ޝޫޓިންގް ވަކި ހިސާބަކަށް ދިޔަތަނާ ކުއްލިއަކަށް ކާރްތިކް ޕްރޮފެޝަނަލް ނޫން ކަމަށް ބުނެ އެ ފިލްމުން އޭނާ ވަނީ ވަކިކޮށްފަ އެވެ. އޭގެ ފަހުން ކާތިކް އާއި ކަރަން އަބަދުވެސް އުޅެމުންދަނީ ވަރަށް ދުރުދުރުންނެވެ.

ކަރަންގެ 50 ވަނަ އުފަން ދުވަސް ފާހަގަކުރަން ދާދިފަހުން ބޭއްވި ޕާޓީއަށް ބޮލީވުޑްގެ ހުރިހާ ފަންނާނުންނަށް ކަހަލަ ގޮތަކަށް ދައުވަތު ދިން އިރު ކާރްތިކް އަކަށް ދައުވަތެއް ނުދެ އެވެ. މިހެން ކަންތައް އޮއްވާ ދާދިފަހުން ކަރަން އާއި ކާރްތިކް އަށް އެއް ސްޓޭޖަކަށް އަރަން ޖެހުމުން ވަރަށް ތަފާތު މަންޒަރެއް ވަނީ ފެނިފަ އެވެ.

ބުރާސްފަތި ދުވަހުގެ ރޭ މުމްބައިގައި އޮތް އިވެންޓަކަށް ކާރްތިކް ދިޔައިރު ކަރަން ވެސް ހަމަ އެ އިވެންޓަށް ދައުވަތު ދީގެން ގޮސް ހުއްޓެވެ. އަދި ކާރްތިކް އަށް ސްޓޭޖަށް އަރަން ޖެހުނީ އެ ތަނަށް ހާޒިރުވެ ތިބި "ޖުގް ޖުގް ކިޔޯ"ގެ އެކްޓަރުންގެ ތެރެއިން އަނިލް ކަޕޫރާއި ވަރުން ދަވަން، ކިއާރާ އަދުވާނީ، މަނީޝް ޕޯލް އަދި އަޔުޝްމާން ކުރާނާ އާ އެކު އެވެ. އަދި އިރުކޮޅަކުން ކަރަން ވެސް ސްޓޭޖަށް އަރައި އެންމެން "ޖުގް ޖުގް ޖިޔާ"ގެ 'ނާޗް ޕަންޖާބަން' ލަވަޔަށް ނަށަން ފެށި އެވެ.

ނަމަވެސް ކާރްތިކް އެ ލަވަޔަށް އެއްގޮތަކަށް ވެސް ނުނެށި އެވެ. އޭނާ ހަމަ އެހުރި ގޮތަށް ހުރީ އެވެ. މިކަން މި މަންޒަރުތައް ފެންނަ ވީޑިއޯ ބެލި ގިނަ ބަޔަކު ވެސް ފާހަގަކޮށް ވަރަށް މަޖާ ކޮމެންޓްތައް ކޮށްފައިވެ އެވެ.

އެއްބަޔަކު ބުނީ ކާރްތިކް އަށް ކަރަން ސްޓޭޖަށް އެރިޔަސް ނޭރިޔަސް ވަރިހަމަ ކަމަށެވެ. އަނެއް ބަޔަކު ބުނީ ކަރަންގެ ކުރިމަތީ އިސްޖަހަން ކާރްތިކް ބޭނުން ނޫން ކަމަށެވެ.