ބޮލީވުޑްގެ މަޝްހޫރު ބަތަލާ އާއި ކުޅަދާނަ ޕްރޮޑިއުސަރު-ޑައިރެކްޓަރު ކަރަން ޖޯހަރްގެ މެދުގައި ވަރުގަދަ އަރާރުމެއް ހިނގާތާ ލައްކަ ދުވަސް ވެއްޖެ އެވެ. ދާދިފަހުން މި ދެ ފަންނާނުންނަށް ވަނީ އިންޑިއާ ސަރުކާރުން ދޭ އެންމެ ޝަރަފުވެރި އެއް އެވޯޑު ކަމަށްވާ ޕަދްމާ ޝްރީ ލިބޭ ކަން އިއުލާން ކޮށްފަ އެވެ.
މިއާއެކު ކަންގަނާ ވަނީ ޕަދްމާ ޝްރީ ލިބޭތީ ކަރަން އަށް މަރުހަބާ ކިޔައި އެ އެވޯޑަކީ ކަރަން އަށް ވަރަށް ހައްގު އެއްޗެއް ކަމަށް ބުނެފަ އެވެ. އަދި އިންޑިއާގެ ނޫހަކަށް ދިން އިންޓަވިއު އެއްގައި ކަރަން ވެސް ވަނީ ކަންގަނާ އަށް ތައުރީފުކޮށްފަ އެވެ. އަދި އަމިއްލަ މައްސަލަތައް ހުއްޓަސް ޕްރޮފެޝަނަލް ކޮށް ބަލާއިރު ކަންގަނާ އަށް އެ އެވޯޑު ހައްގުވާ ކަމަށް ކަރަން ބުނެފައި ވެއެވެ.
ކަރަން މިހެން ބުނާއެކު ނޫސްވެރިއަކު ވަނީ ކަންގަނާ އާ އެކު މުސްތަގްބަލްގައި މަސައްކަތް ކޮށްފާނެތޯ ސުވާލު ކޮށްފަ އެވެ. ކަރަން ބުނީ މާދަމާ ވެސް އޭނާއަށް ކަންގަނާ ކޮންމެހެން ބޭނުންވާ ފިލްމެއް ލިބިއްޖިއްޔާ ކަންގަނާ އަށް ފޯނު ކުރާނެ ކަމަށެވެ.
ކަންގަނާ އާއި އޭނާގެ މެދުގައި ކޮންމެ ފަދަ މައްސަލަތަކެއް ހުއްޓަސް އަދި ސޯޝަލް މީޑިއާގައި ކިތަންމެ ވާހަކަތަކެއް ލިޔެވުނަސް އެކަމަށް ނުބަލާނެ ކަމަށެވެ.
"އަހަރެންނަކީ ފިލްމު އުފައްދާ މީހެއް. އޭނާ އަކީ އާޓިސްޓެއް. އެހެންވީމާ ޒާތީގޮތުން އެއްވެސް ކަހަލަ ތަފާތުކުރުމެއް ނުގެންގުޅޭނަން. އެއީ އަހަރެން ގަބޫލުކުރާ ގޮތަކީ. އަދި ދެމި ހުންނާނީ ވެސް އެ އުސޫލުތަކުގެ މަތީގައި،" ކަރަން ބުންޏެވެ.
އެހެންނަމަވެސް ކަންގަނާ އާއި ކަރަންގެ ޚިޔާލު ތަފާތުވުންތައް ނައްތާލަން ކުރާ މަސައްކަތަކީ ކަންގަނާގެ ދައްތަ ރަންގޯލީ ޗަންޑަލް އެހާ ހިތްހަމަޖެހުނު ކަމަށް ނުވި އެވެ. ރަންގޯލީ އަކީ އަބަދުވެސް ފިލްމީ ތަރިންނާ ދިމާލަށް ހިތަށް އެރި އެއްޗެއް ގޮވާލާ މީހެކެވެ. އެގޮތުން މިފަހަރުވެސް ރަންގޯލީ ކުރި ޓުވީޓްގައި ވަނީ ކަރަން އަށް ވަރަށް މަލާމާތް ކޮށްފަ އެވެ.
"ކަރަން ޖޯހަރްޖީ ބުނާ ގޮތުން ހީވަނީ އޭނާ ފޯނު ކުރާއިރަށް ކަންގަނާ ދާނެހެން. ކަރަން! އަހަންނާ ކަލެއާ ބޭނުންހާ ގޮތަކަށް ކަންތައްތައް ވާނެތަ؟ ކަންގަނާ އަށް ބޭނުންވާނެ ސްކްރިޕްޓް. ދުވަހަކުވެސް ކަލެޔަށް ލިބޭނެތަ އޭނާއާ އެކަށީގެންވާ ސްކްރިޕްޓެއް،" ރަންގޯލީގެ ޓުވީޓްގައި ވެއެވެ.
ކަރަން އާއި ކަންގަނާ އާ ދެމެދު މައްސަލަ ޖެހުނީ ކަރަންގެ ޓޯކް ޝޯ "ކޮފީ ވިތު ކަރަން"ގައި އެޕިސޯޑެއްގައި ކަންގަނާ ބައިވެރިވި ކަރަން އާ ދިމާލަށް ގޮވި އެއްޗެހި ތަކެއްގެ ސަބަބުންނެވެ. ކަންގަނާ ތުހުމަތުކުރި ގޮތުގައި ކަރަން އިސްކަން ދެނީ ފިލްމު އިންޑަސްޓްރީގައި މަސައްކަތްކުރާ އެކްޓަރުންގެ އާއިލާގެ މީހުންނަށެވެ. މި ވާހަކައާ ގުޅިގެން ވަރަށް ވަރުގަދަ ބަހުސެއް އެ ދުވަސްވަރު ހިނގައި ދެ މީހުން އެކަކު އަނެކަކަށް ބަހުގެ ހަމަލާތައް ވެސް ރައްދު ކޮށްފައި ވެއެވެ.