މޯލްޑިވްސް ކަރެކްޝަނަލް ސާވިސް

މާލޭ ޖަލުގައި ކޯޓް ރޫމުތަކެއް ހަދައިފި

Feb 13, 2022

މާލޭ ޖަލުގައި ގައިދީންނާއި ބަންދު މީހުންނަށް އޮންލައިންކޮށް ޝަރީއަތްތަކުގައި ބައިވެރިވެވޭ ގޮތަށް ހާއްސަކޮށްފައިވާ ތިން ކޯޓް ރޫމް މިއަދު ބޭނުންކުރަން ފަށައިފި އެވެ.

މާލޭ ޖަލުގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި ކޯޓް ރޫމްތައް ހުޅުއްވައިދެއްވީ ކޮމިޝަނާ އޮފް ޕްރިޒަންސް އަހްމަދު މުހައްމަދުފުޅެވެ.

މިރަސްމިއްޔާތުގައި ކޮމިޝަނާ ވިދާޅުވީ މާލޭ ޖަލުގައި މިއަދު ބޭނުންކުރަން ފެށުނު ތިން ކޯޓް ރޫމަކީ މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ މަސައްކަތްތަކަށް ލިބޭ ވަރަށް ބޮޑު ކުރިއެރުމެއް ކަމަށެވެ.

ސީޕީ ވިދާޅުވީ ކޮވިޑް-19ގެ ބަލިމަޑު ކަމާއެކީގައި ކަރެކްޝަންގެ ގިނަ މަސައްކަތްތަކެއް އޮންލައިންކޮށް ކުރިއަށް ގެންދަން މަޖުބޫރުވުމާ އެކު، ހާއްސަކޮށް ރާއްޖެ ކަހަލަ ގައުމެއްގައި އެކިއެކި ތަންތަނުގައި ތިބެގެން ޝަރީއަތް ހިންގޭނެ އިންތިޒާމްތައް ހަމަޖެއްސުމަށްޓަކައި ގިނަ މަސައްކަތްތަކެއް މިދަޔަ އަހަރު ކުރެވުނު ކަމަށެވެ.

ސީޕީ ވިދާޅުވީ ކަރެކްޝަންސްގެ ބެލުމުގެ ދަށުގައި އަބަދުވެސް ޝަރީއަތް ނިމެންދެން ގިނަ އަދަދެއްގެ މީހުން ބަންދުކޮށްފައި ބައިތިއްބަންޖެހޭ ކަމަށެވެ. މިއަދު އެކަނިވެސް 298 މީހުން ބަންދުކުރަން ޖެހުނު ކަމަށް ވިދާޅުވި އެވެ. އޭގެތެރެއިން 80 އެތައް މައްސަލަ އަކީ މެޖިސްޓްރޭޓް އަދި އަތޮޅުތަކާ ގުޅޭ މައްސަލަތައް ކަމަށާއި މީހުން އެއްތަނުން އަނެއް ތަނަށް އުފުލުމަކީ ތަކުލީފު އަދި ހަރަދު ބޮޑު ކަމެއް ކަމުގައިވެސް ވިދާޅުވި އެވެ.

"އެކަމަކު މިއަދު ހުޅުވުނު ކޯޓް ރޫމްތަކުގެ ސަބަބުން މި މަސައްކަތަށް ވަރަށް ބޮޑެތި ލުއިތަކެއް ލިބިގެންދާނެ،" ކޮމިޝަނާ ވިދާޅުވި އެވެ.

މާލޭ ޖަލުގެ ޑައިރެކްޓަރު މުހައްމަދު ތޮލާލް ވިދާޅުވީ މީގެ ކުރިން އޮންލައިންކޮށް ޝަރީއަތުގައި ބައިވެރިވުމަށް ވަކިން ތަނެއް ހާއްސަކުރެވިފައި ނުވާ ކަމަށާއި މީގެ ކުރިން އެކަމަށް ބޭނުންކުރަމުން އައީ އެހެން ބައެއް ކަންކަމަށް ބޭނުންކުރަމުން ދިޔަ ރޫމްތަކެއް ކަމަށެވެ. މިވަގުތު ވެސް ޝަރީއަތުން ވަކި ގޮތެއް ނިމެންދެން މާލޭ ޖަލުގައި 131 މީހުން ބަންދުކުރެވިފައިވާ ކަމަށާއި އެއީ ބޮޑު އަދަދެއް ކަމުގައިވެސް ވިދާޅުވި އެވެ. އަދި ގައިދީންނާއި ބަންދު މީހުންގެ ގިނަ ޝަކުވާ އަކީ ޝަރީއަތް ދިގުލައިގެން ދިއުން ކަމަށާއި މިއަދު ހުޅުވުނު ކޯޓް ރޫމްތަކުގެ ސަބަބުން އެ މައްސަލަ އަށް ވަރަށް ބޮޑު ހައްލެއް ލިބިގެންދާނެ ކަމަށްވެސް ވިދާޅުވި އެވެ.

މިރަސްމިއްޔާތުގައި ކޮމިޝަނަރުގެ އިތުރުން ޑެޕިއުޓީ ކޮމިޝަނާ އޮފް ޕްރިޒަންސް އިބްރާހިމް މުޙައްމަދު ދީދީ، އެސިސްޓަންޓް ކޮމިޝަނާ އޮފް ޕްރިޒަންސް މުހައްމަދު އާސިފް، މާލޭ ޖަލުގެ ޑައިރެކްޓާ ޑެޕިއުޓީ ސްޕްރިންޓެންޑެންޓް އޮފް މުހައްމަދު ތޮލާލް އަދި ކޮމިޝަންޑް އޮފިސަރުންނާއި ޖަލުގެ އޮފިސަރުން ބައިވެރިވި އެވެ.