ދިވެހި ސިނަމާ

އެންމެން ދައްކަނީ "ހިންތަ" މޮޅު ވާހަކަ

"ކަޒްމިކް އިންޓަނޭޝަނަލް" އާއި "އައި ފިލްމްސް" ގުޅިގެން ގެނެސްދޭ ކުރު ފިލްމު "މަޒްލޫމް" ގެ ޗެޕްޓަރުތަކަކީ މި ފަހުން ބެލުންތެރިންނާއި ހަމައަށް ގެނެސްދިން އެންމެ ތަފާތު އުފެދުންތަކެވެ. އެއީ ފެންވަރުގެ ގޮތުން ކޮލެޓީ އުފެއްދުންތަކެކެވެ. އެހާމެ އިބްރަތްތެރި މެސެޖްތަކެއް ލިބިދޭ އުފެއްދުންތަކެކެވެ. "މަޒްލޫމް" ބައިސްކޯފުން ދައްކާފައިވަނީ ހަތަރު އެޕިސޯޑަކަށް ބަހާލައިގެންނެވެ. އެންމެ ފަހު އެޕިސޯޑް ރޭ ވަނީ އާންމުކޮށްފައެވެ. "ހިންތަ" ނަމުގައި ގެނެސްދިން މި އެޕިސޯޑާއެކު އެންމެންވެސް ދައްކަނީ އެ އުފެއްދުމުގެ މޮޅު ވާހަކައެވެ.

"ހިންތަ" ގެނެސް ދިނުމުގެ ކުރީން ރިލީޒްކުރި ތިން އެޕިސޯޑަށްވެސް އާންމުންގެ ބޮޑު ތަރުހީބެއް ލިބިފައިވެއެވެ. "މަޒްލޫމް" އާއި "ޒައްރޫކު" އަދި "މިންޖު" މި ޗެޕްޓާގައިވެސް ނޭވާ ހިފަހައްޓާލަން ޖެހޭ ކިތަންމެ މަންޒަރެއް ފެނިގެންދެއެވެ. ޝައުގުވެރި އަދި އެހާމެ ފުރިހަމަކޮށް މަންޒަރުތައް ގެނެސްދީފައިވެއެވެ. އެއިން ކޮންމެ ޗެޕްޓަރެއްގެ ސްކްރީންޕްލޭ އެހާމެ ފުރިހަަ އެވެ.

ކޮންމެ ޗެޕްޓަރެއްވެސް ހާއްސަކޮށްފައިވަނީ މުޖްތަމައުގެ ތެރޭގައި ހިނގާ މުހިންމު މައްސަލަ އަކަށެވެ. މައްސަލައަށް އޮތް ހައްލުވެސް ބައެއް ޗެޕްޓަރުތަކުން ގެނެސްދެއެވެ. އަނެއް ބައި ޗެޕްޓަރުތައް ހިމެނީ އެެތައް ސުވާލުތަކެއް އުފައްދަމުންނެވެ.

މި ހުރިހާ ސުވާލަކަށް ޖަވާބު ދިނުމާއެކު "ހިންތަ" ނިމިގެންދަނީ ވަރަށްވެސް ޝައުގުވެރި ގޮތަކަށެވެ. އެއް ކަމެއް ފާހަގަކޮށްލާނަމަ "މަޒްލޫމް" ގައި ހިނގާ ރޭޕްގެ ހާދިސާއާ ގުޅިގެން އެ ޗެޕްޓަރުން އުފެދުނު ސުވާލުތަކަށް "ހިންތަ" އިން ޖަވާބު ލިބޭނެ އެވެ. ދެން ގެނެސްދިން ދެ ޗެޕްޓަރުގެ މައިގަނޑު މައްސަލައާ ގުޅުންހުރި ބައިތައްވެސް "ހިންތަ" ގައި ހިމަނާފައިވަނީ ވަރަށް ޝައުގުވެރި ކޮށެވެ. މިއީ އެހެން ލެވެލްއެއްގެ އުފެއްދެމޭ ބުނެވޭހާ ތަފާތެވެ. އެންމެ ހާއްސަ ކަމަކީ "ހިންތަ" އިން ހަތަރު ޗެޕްޓަރު ގުޅުވާލާފައިވާ ގޮތެވެ.

"ހިންތަ" ގައި މުހިންމު ރޯލްތަކުން ފެނިގެން ދަނީ މަރިޔަމް އައްޒަ އާއި ރަވީ ފާރޫގު އަދި އައިޝަތު އަލީ (އައިޝް) އެވެ. އަދި އިތުރު ދެ ތިން ތަރިއަކުވެސް މުހިންމު ރޯލުތަކުން ފެނިގެން ދެއެވެ. މުޅި ޗެޕްޓަރުގައި އައްޒަ ދައްކުވައިދެނީ ވަރަށް ފާހަގަކޮށްލެވޭ ރޯލެކެވެ. އެ ރޯލަށް އޭނަ ވަރަށް ފިޓެވެ. ވަރަށް މޮޅެވެ. މިއީ އޭނާގެ ކުޅަދާނަކަން އެންމެ ބޮޑަށް ފެނުނު އުފެއްދުމޭ ބުނެވޭހާ ރަނގަޅެވެ. ރަވީގެ އެކްޓިންއަށްވެސް ވަރަށް ގިނަ ބަޔަކު ތައުރީފު ކުރެއެވެ. އަދި އަރަމުން އަންނަ ތަރި އައިޝްގެ އެކްޓިންއަށް ތައުރީފު ހައްގެވެ.

ބައިސްކޯފުން "ހިންތަ" ބެލި ކޮންމެ މީހަކު "ކަޒްމިކް އިންޓަނޭޝަނަލް" އާއި "އައި ފިލްމްސް"ގެ މި އުފެއްދުމަށް ތައުރީފު ކުރިއެވެ. އެކްޓަރުންގެ އެކްޓިންއަށް ތައުރީފު ކުރެއެވެ. "ބަވަތި" އިން އާންމުންގެ ބޮޑު މަގުބޫލު ކަމެއް ހޯދާފައިވާ ޒުވާން ޑަައިރެކްޓަރު އިލްޔާސް ވަހީދުގެ ސްކްރީން ޕްލޭ އާއި އޭނާގެ ޑައިރެކްޝަނަށް ސާބަސް ދެއެވެ. އެކަން ވަޒަންކޮށްލަން "ހިންތަ" ބަލާލަން ދައުވަތު އަރުވަމެވެ.