ސަފާރީ ހުއްދަ ބަދަލު ކުރާ ފަރާތުގައި ދައުލަތަށް ދައްކަން ޖެހޭ ފައިސާއެއް އޮތްނަމަ ސަފާރީ ހުއްދަ ނުލިބޭ ގޮތަށް ގަވައިދު އިސްލާހުކޮށްފި އެވެ.
ރާއްޖޭގެ ޓޫރިސްޓް އުޅަނދު ހިންގުމާބެހޭ ގަވާއިދަށް ޓޫރިޒަމް މިނިސްޓްރީން ގެނެސްފައިވާ އިސްލާހުގެ ދަށުން، މި ގަވާއިދުގެ ދަށުން ދީފައިވާ ހުއްދަ އެހެން ފަރާތެއްގެ ނަމަށް ބަދަލުކުރެވޭނީ އެ އުޅަނދެއް ހިންގުމުގެ ހުއްދަ އަށް އެދި ހުށަހަޅާ ފަރާތުން ދައުލަތުގެ އެއްވެސް އިދާރާ އަކަށް ފައިސާއެއް ދައްކަން ނެތްނަމަ އެވެ. މި ހުއްދަ ބަދަލު ކުރެވޭނީ ދައުލަތަށް ދައްކަން ޖެހޭ ޓެކުސް ނުވަތަ ފައިސާއެއް ދައްކާ ހަލާސް ކުރީމަ އެވެ.
ދެހާސް ހަތް ވަނަ އަހަރު ހަދާފައިވާ ސަފާރީ އުޅަނދާ ބެހޭ މި ގަވައިދު ކުރިން އޮތް ގޮތުން މި ގަވައިދުގެ ދަށުން ދީފައިވާ ހުއްދައެއް އެހެން ފަރާތަކަށް ބަދަލުކުރެވޭނީ އެ އުޅަނދަކާ ގުޅިގެން ދައްކަންޖެހިފައިވާ އެއްވެސް ޖޫރިމަނާއެއް ނުވަތަ ޓެހުމެއް ނެތް ނަމަ އެވެ. އޭރުގެ ގަވައިދުގައި އޮތް ގޮތުންނަމަ ޓެކްސް ލަސްވުމުގެ ސަބަބުން ދައްކަން ޖެހޭ ޖޫރިމަނާ ފީތައްވެސް ދައްކާ ހަލާސް ކުރަން ލާޒިމްކޮށްފައިވެ އެވެ.
ރާއްޖޭގައި 150 އަށްވުރެ ގިނަ ސަފާރީ އުޅަނދުތައް އޮތްއިރު ސަފާރީއާ ބެހޭ ގަވައިދަކީ ދުވަސްވީ އެއްޗެކެވެ. އަދި މި ދާއިރާއަާް ޒަމާނީ ގަވައިދެއް ހަދަން މަސައްކަތް ކުރިނަމަވެސް އެ ގަވައިދު ނެރެވޭ ގޮތް ވަނީ ނުވެފަ އެވެ.