ހަބަރު

ގއ. ވިލިނގިލިން ކަރަންޓު ކެނޑުން ހައްލުކުރަން ޓީމެއް ފޮނުވައިފި

ގއ. ވިލިންގިލީގައި މިދުވަސް ވަރު ކުރިމަތިވެގެން އުޅޭ ކަރަންޓު ކެނޑުމުގެެ މައްސަލަ ހައްލު ކުރުމަށް ފެނަކަ ކޯޕަރޭޝަންގެ އިންޖީނިއަރުންގެ ޓީމެއް އެރަށައް ފުރައިފި އެވެ.

ވިލިނގިލީގިއްޔަށް ކަރަންޓު ދިނުމަށް ބޭނުންކުރާ އެންމެ ބޮޑު ޖެނަރޭޓަރު ހަލާކުވުމުގެ ސަބަބުން އެރަށުން ކަރަންޓު ކެނޑެމުން އަންނަތާ ދެ ހަފްތާއަށް ވުރެއް ގިނަ ދުވަސް ވެއްޖެ އެވެ. މީގެ ސަބަބުން އެރަށު ރައްޔިތުންނަށް ގިނަ އުނދަގޫތަކާއި ކުރިމަތި ލާން ޖެހިފައިވެއެވެ. މި މައްސަލަ ހައްލުކުރުމަށްޓަކައި ފެނަކަ ކޯޕަރޭޝަން އިން ވަނީ އެކުންފުނީގެ ފަސް އިންޖީނިއަރުން ވިލިނގިއްޔަށް ފޮނުވާފައެވެ.

މިކަމާ ބެހޭ ގޮތުން "އަވަސް" އަށް މައުލޫމާތު ދެއްވަމުން ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ނިމާލް ވިދާޅުވީ ވިލިނގިލީގައި މިހާރު ދިމާވެގެން އުޅޭ ކަރަންޓުގެ މައްސަލަ ހައްލު ކުރުމަށް އެކުންފުނިން އެތައް މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށާއި އަދި މިހާރު ވާނީ އަދި މިހާރު ވާނީ އެމައްސަލާގެ ބޮޑުބައި ހައްލު ކުރެވިފަ ކަމަށެވެ.

"މިހާރު އެމައްސަލަ ފުދޭ ވަރަކަށް ސްޓޭބަލް އެހެން ނަމަވެސް އަދި ފުލް ލޯޑައް ލެވޭ ވަރު ކެޕޭސިޓީއެއް އެ ޖެނަރޭޓަރުގަ ނެތް. އެކަމަށް ބޭނުންވާ ސްޕެއާތައް އޭރު އެރަށުގައެއް ނެތް. އެހެން ކަމުން އެމައްސަލަ ހައްލު ކުރުމަށް އަޅުގަނޑުމެންގެ އިންޖީނިއަރުންގެ ޓީމެއް މިއަދު ހެނދުނު 8:30 ގައި ފުރައިފި އެވެ. އެބޭފުޅުހުން އެކޮޅުގައި ތިބެ އެމައްސަލަ މުޅިން ހައްލުކުރާނެ،" ނިމާލް ވިދާޅުވި އެވެ.

ވިލިންގިލިން ކަރަންޓު ދިއުމުގެ މައްސަލަ ހައްލު ނުވެއް އެތައް ދުވަހަކަށް ދިގުދެމިގެން ދިއުމުގެ ސަބަބުން އާމުންނަށް އެތައް ބަޔަކަށް ގިނަގުނަ އުންދަގޫތަކަކާ ކުރިމަތި ލާން ޖެހިފައިވެއެވެ. އަދި އެކަމާ އެ ރަށު ރައްޔިތުން ވަނީ ވަރަށް ބޮޑަށް ކަންބޮޑުވުން ފާޅުކޮށް މައްސަލަ ހައްލު ކުރުމަށް ގޮވާލައި ހިނގާލުމެއްވެސް ބާއްވާފަ އެވެ.

މިމައްސަލަ މިހާތަނަށް ވެސް ހައްލު ނުވެހުރި ސަބަބަށް އިޝާރަތްކޮށް ނިމާލް ވިދާޅުވީ މައްސަލަ ހައްލު ނުވެ ހުރީ ޖެނަރޭޓަރަށް ބޭނުންވާ ސްޕެއާ ޕާޓްސް ނުލިބުނީމަ ކަމަށާއި އެސްޕެއާ ތަކަކީ ރާއްޖޭގައި ހުންނަ އެއްޗެއްް ނޫން ކަމަށެވެ. ނަމަވެސް އެކަން އެހެން ދިމާވީމަ ވެސް ވިލިނގިލީ ރައްޔިތުންނާއި ކައުންސިލުން ދެއްވި އެއްބާރުލުމާއި ކެއްތެރިކަން ނިމާލް ވަނީ ފާހަގަކޮށްފަ އެވެ.

ވިލިނގިލީގައި ބޭނުންކުރަމުން އައި ބޮޑު ޖަނަރޭޓަރު ހަލާކުވީނަމަވެސް ދެން އިން 400 އަދި 260 ކިލޯވޯޓްގެ ދެ ޖަނަރޭޓަރުން މިހާރުވެސް ކަރަންޓު ފޯރުކޮށްދެ އެވެ. އަދި މިހާރު ދަނީ އެކި ސަރަހައްދުތަކަށް ވަގުތު ބަހާލައިގެން ކަރަންޓް ދެމުން ނެވެ. ނަމަވެސް ހޮސްޕިޓަލް ތަކަށް 24 ގަޑިއިރު ކަރަންޓު ފޯރުކޮށްދޭ ކަމަށް އެރަށު ކައުންސިލުން ބުނެއެވެ.