މޯލްޑިވްސް ޕޮލިސް ސާވިސް

ނުނިމި ދިގުލައިގެން ދިޔަ އިމާރާތް އަހަރީ ދުވަހު ހުޅުވަނީ

Feb 14, 2022
6

ހެންވޭރު ދަނޑާ ދިމާލުން މަޖީދީ މަގަށްވާ ގޮތަށް ހަަދަމުންދާތާ އެތައް އަހަރެއް ވެފައިވާ ފުލުހުންގެ އިމާރާތް ފުލުހުންގެ އަހަރީ ދުވަހު ހުޅުވުމަށް ތައްޔާރު ވެއްޖެ އެވެ.

އެ އިމާރާތުގެ މަސައްކަތް ކުރާތާ 20 އަކަށް އަހަރު ވަނީ ވެފަ އެވެ. އިމާރާތުގެ މަސައްކަތް ނިންމުން ލަސްވި ސަބަބާ ގުޅޭގޮތުން ފުލުހުންނާ ސުވާލު ކުރުމުން އެ މައުލޫމާތު ހިއްސާކޮށްފައެއް ނުވެ އެވެ.

އަވަސް އިން ލިޔުމުން ފޮނުވި ސުވާލުތަކެއްގައި އެ އިމާރާތް ހެދުމަށް ހަރަދުކުރުމަށް ނިންމާފައިވާ ޖުމްލަ ބަޖެޓާ ގުޅޭގޮތުންނާއި މިހާތަނަށް ހިނގި ހަރަދާ ގުޅޭގޮތުން ކުރި ސުވާލަށް ވެސް ފުލުހުން ޖަވާބު ދީފައެއް ނުވެ އެވެ.

ފުލުހުން ބުނީ 10 ބުރީގެ އެ އިމާރާތުގެ މަސައްކަތް ނިމުމުން އެތަނުގައި މައިގަނޑު ގޮތެއްގައި ކުރިއަށް ގެންދާނީ ފުލުހުންގެ ތަހުގީގުގެ މަސައްކަތްތައް ކަމަށެވެ.

އިމާރާތުގެ މަސައްކަތް ފެށީ އަމިއްލަ ކުންފުންޏަކުން ކަމަށްވީ ނަމަވެސް އިމާރާތް ނިންމުމުގެ މަސައްކަތް މިހާރު ކުރަމުންދަނީ ފުލުހުންގެ ވެލްފެއާ ކޯޕަރޭޝަން -- ޕޮލްވެކް އިންނެވެ. އެ ކޯޕަރޭޝަނުން އެ މަސައްކަތާ ހަވާލުވީ ސެޕްޓެމްބަރު 10، 2018 ގައި ކަމަށްވީ ނަމަވެސް މަސައްކަތްތައް ފެށީ އޮކްޓޫބަރު 1، 2018 ގައެވެ.

ފުލުހުން ބުނީ އިމާރާތް ނިންމުމުގެ ގޮތުން މިހާރު ކުރަމުންދަނީ އިމާރާތުގައި ނެޓްވޯކް އެޅުމުގެ މަސައްކަތާއި ފަރުނީޗަރު ރޭވުމުގެ މަސައްކަތް ކަމަށެވެ. ފުލުހުންގެ އަހަރީ ދުވަހުގެ ގޮތުގައި ފާހަގަކުރާ މާޗް 31 ވަނަ ދުވަހު އެ އިމާރާތް ހުޅުވުމަށް މަސައްކަތް ކުރަމުންދާ ކަމަށްވެސް ފުލުހުން ބުނެފައިވެ އެވެ.

ފުލުހުންނަށް ހާއްސަކޮށްގެން ހުޅުމާލޭގައި ހަދާފައިވާ ފްލެޓްތައް ވެސް ނިންމުން ވަނީ ވަރަށް ބޮޑަށް ލަސްވެފަ އެވެ. އެ މަސައްކަތް ވެސް އެކި ފަހަރު އެކި ކުންފުނިތަކުން ކުރަމުން ގޮސް ފްލެޓްތައް ނިންމުމުގެ މަސައްކަތް މިހާރު ކުރަމުންދަނީ އަމީން ކޮންސްޓްރަކްޝަނުންނެވެ.