ސިވިލް ކޯޓް

ސައްލެގެ ވާހަކަތައް ސިވިލް ކޯޓުން ދޮގުކޮށްފި

ރައްޔިތުންގެ މަޖިލީހުގެ ހޯރަފުށީ ދާއިރާގެ މެމްބަރު އަހުމަދު ސަލީމް މިއަދު މަޖިލީހުގެ ތަޅުމުގައި ސިވިލް ކޯޓާ ގުޅުވައިގެން ދެއްކެވި ވާހަކަތައް އެ ކޯޓުން ދޮގު ކޮށްފި އެވެ.

މަޖިލީހުގައި މިއަދު ބަހުސް ކުރަމުން ދަނީ ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ގައި ސިޔާސީ މީހުންނަށް ނުތިބެވޭ ގޮތަށް އެ ކޮމިޝަން އިސްލާހު ކުރުމަށް މަހިބަދޫ ދާއިރާގެ މެންބަރު އަހުމަދު ތޯރިގް ހުށަހެޅުއްވި ބިލަށެވެ.

ބަހުސްގައި ސަލީމް ވިދާޅުވެފައި ވަނީ އޭނާއަށް ލިބިފައިވާ މައުލޫމާތުތަކަށް ބަލާއިރު ސިވިލް ކޯޓުގައި މައްސަލައެއް ތާވަލު ނުކުރާތާ އަހަރަކަށްވުރެ ގިނަ ދުވަސް ވެފައިވާ ކަމަށެވެ.

އެކަމަށް ރައްދު ދެއްވަމުން ސިވިލް ކޯޓުގެ އިންފޮމޭޝަން އޮފިސަރު އައިޝަތު ނަޖާތު އަވަސް އަށް ވިދާޅުވީ ސިވިލް ކޯޓުން ކޮންމެ ދުވަހަކު ވެސް މައްސަލަތައް ތާވަލު ކޮށްގެން ޝަރީއަތްތައް ހިންގަމުން އަންނަ ކަމަށެވެ. ކޯޓު ވެބްސައިޓް ބެލުމުން އެދުވަހަކަށް ތާވަލު ކުރެވިފައިވާ މައްސަލަތައް މިހާރު ވެސް ފެންނަން ހުންނާނެ ކަމަށެވެ.

"ކޯޓުގެ ޝަރީއަތްތައް މެދުކެނޑުމެއްނެތި ކުރިއަށްދޭ. އެއްވެސް އިރެއްގައި މެދުކެނޑިފައެއް ނުވޭ،" ނަޖާތު ވިދާޅުވި އެވެ.

ސަލީމް މިއަދު މަޖިލީހުގެ ތަޅުމުގައި ވިދާޅުވެފައި ވަނީ ކޯޓުތަކުގައި މައްސަލަތައް ލަސްވުމާއި އަވަސް ކުރުމަކީ ކޯޓުތަކުގެ ފަނޑިޔާރުންގެ އަތްމަތީގައި އޮންނަ ކަމެއް ކަމަށެވެ. އަދި މައްސަލަތައް ތާވަލުކުރުމުގައާއި ކޯޓުތައް ހިންގުމުގައި ވެސް އެންމެ އިސް ދައުރެއް އަދާކުރާ ބަޔަކީ ފަނޑިޔާރުން ކަމަށެވެ.

އެހެންކަމުން އެކަންކަމަކީ ޖޭއެސްސީގެ މައްސަލައެއް ނޫން ކަމަށް ފާހަގަ ކުރެއްވި އެވެ.

"އަޅުގަނޑަށް އެނގިފަވާ ގޮތުގައި މިހާރު ސިވިލް ކޯޓުގައި މައްސަލައެއް ތާވަލު ނުކުރާތާ އެއް އަހަރު ވެގެން ހިނގައްޖެ އިއްޒަތްތެރި ރައީސް. މި މައުލޫމާތަކީ ތެދު މައުލޫމާތެއް ކަމަށްވާނަމަ މީ އަޅުގަނޑުމެން ކަންބޮޑުވާ ކަމެއް. މީ ޖޭއެސްސީގެ މައްސަލައެއް ކަމަކަށް އަޅުގަނޑު ނުދެކެން. އެހެން ނަމަވެސް ފާޑުކިޔާ މީހުންގެ އިނގިލިތައް ޖޭއެސްސީއަށް އަމާޒުވުމަކީ މީގަ ހަމަ ވަރަށް ގާތް ކަމެއް،" ސަލީމް ވިދާޅުވި އެވެ.

ސަލީމް ވިދާޅުވެފައި ވަނީ ޖޭއެސްސީ އަލަށް އެކުލަވައިލާއިރު މެޖޯރިޓީ ޖުޑިޝަރީއަށް އޮންނަން ޖެހޭ ކަމަށެވެ. އެކަމަކު އެ ކޮމިޝަން ސިޔާސީ ނުފޫޒުން އެއްކިބާކުރި ނަމަވެސް، އެ ނިޒާމް ރަގަޅުވެ ރައްޔިތުންގެ އިތުބާރު ލިބޭނީ ފަނޑިޔާރުން އެމީހުންގެ ޕްރޮފެޝަނަލިޒަމް ހިފެހެއްޓި މިންވަރަކަށް ކަމަށް ވެސް ވަނީ ވިދާޅުވެފަ އެވެ.

ކޯޓުތަކުގައި ހިނގާ މައްސަލަތައް ލަސްވުމަކީ އަބަދުވެސް އޮންނަ ޝަކުވާއެކެވެ. ބައެއް މައްސަލަތައް ތާވަލުކުރުމުގައި އަހަރު ދުވަސް ނަގައި އަދި އަނެއްބައި މައްސަލަތައް ވަރަށް އަވަހަށް ނިންމާތީ އެކަމަށް އޮންނަ ފާޑިކިޔުންތައް ވަރަށް ބޮޑެވެ. ކޯޓުތަކުން ބައެއް މައްސަލަތަކުގައި ތަފާތުކުރުންތައް ގެންގުޅޭތީ އެކަމަށް ވެސް އާންމުންގެ ޝަކުވާ އޮވެ އެވެ.