ހަބަރު

ފެނުނު ގޮތް ނޭނގޭ އަލިގުޅައަކީ އިންޑިއާގެ ރޮކެޓެއް

ރާއްޖެއިން ރޭ ފެނުނު ގޮތް ނޭނގޭ އަލިގުޅަ އަކީ އިންޑިއާއިން ސެޓެލައިޓެއް ލޯންޗުކުރަން ޖައްވަށް ފޮނުވި ރޮކެޓެއްގެ އަލި ކަމަށް އޭވިއޭޓާސް މޯލްޑިވްސް އިން ބުނެފި އެވެ.

މިއަދު ފަތިހު 5:35 ހާއިރު ސިނަމާލެ ބްރިޖް ކައިރިންނާއި ބްރިޖް މަތިން ދަތުރުކުރި މީހުންނަށް އެދިމާ މަތިން އެ އަލިގުޅަ ވަނީ ފެނިފަ އެވެ. އަދި އެ އަލިގުޅާއާ މެދު ގިނަ ބަޔަކު ދިޔައީ ސުވާލު އުފައްދަމުންނެވެ.

އޭވިއޭޓާސް މޯލްޑިވްސް އިން މިއަދު ބުނީ ފަތިހު ފެނުނު އަލިގުޅައަކީ އިންޑިއަން ސްޕޭސް ރިސާޗް އޯގަނައިޒޭޝަން (އިސްރޯ) އިން ދުނިޔެ ބެލުމަށް ފޮނުވި އީއޯއެސް-4 ސެޓެލައިޓްގެ ވެހިކަލް ޕީއެސްއެލްވީ- ސީއެފް2 އިން އެޅުނު އަލި ގުޅައެއް ކަމަށެވެ.

މި އަލިގުޅަ ފެނުނީ ހަމައެކަނި މާލެ ސަރަހައްދަށް އެކަންޏެއް ނޫނެވެ. އަތޮޅު ތެރޭގެ ބައެއް ރަށްތަކަށް ވެސް އަލި ފެނިފައިވާ ކަމަށް އެނގިފައިވެ އެވެ.

އިންޑިއާ އިން މިއަދު ރޮކެޓެއް ޖައްވަށް ދޫކޮށްލި ކަމަށާއި އެއީ އިސްރޯގެ މިއަހަރުގެ ފުރަތަމަ މިޝަން ކަމަށް އެ އޯގަނައިޒޭޝަނުން ވެސް ބުނެފައިވެ އެވެ.