ދިވެހި އިންޑިއާގެ ގުޅުން

"އިންޑިއާ އައުޓް"ގެ ސަބަބުން ރާއްޖެއަށް ފިޔަވަޅު އަޅާފާނެ

އިންޑިއާ ސިފައިން ރާއްޖެއިން ބޭލުމަށް ގޮވާލައި އިދިކޮޅު ޕީޕީއެމް / ޕީއެންސީން ކުރިއަށް ގެންދާ އިންޑިއާ އައުޓް ހަރަކާތުގެ މައްސަލަ އިންޑިއާގެ ޕާލިމެންޓުން ބަލަން ފަށާފާނެތީ ރާއްޖޭގެ ފޮރިން މިނިސްޓްރީން ކަންބޮޑުވުން ފާޅުކޮށްފި އެވެ.

"އިންޑިއާ އައުޓް"ގެ މައްސަަލަ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީން ބަލަމުން ގެންދާއިރު ފޮރިން މިނިސްޓްރީގެ އިސް ބޭފުޅުން މިއަދު ވަނީ އެ ކޮމިޓީއަށް ހާޒިރުކޮށް ސުވާލުކޮށްފަ އެވެ.

ކޮމިޓީގެ ބަައްދަލުވުމުގައި ރާއްޖޭގެ ފޮރިން ސެކްރެޓަރީ އަބްދުލްޣަފޫރު މުހައްމަދު ވިދާޅުވީ "އިންޑިއާ އައުޓް"ގެ ސަބަބުން ރާއްޖެއާއި އިންޑިއާއާ ދެމެދު އޮންނަ ގުޅުމަށް އަސަރުކުރާނެ ކަމަށާއި އަދި އެކަން އިންޑިއާ ސަރުކާރާ ހިސާބުން ނުފެށިދާނެ ކަމަށެވެ.

އިންޑިއާ އައުޓް ހަރަކާތުގެ ސަބަބުން ރާއްޖޭގައި ދިރިއުޅޭ އިންޑިއާގެ ރައްޔިތުންނަށް އަސަރު ކުރާނެ ކަމަށް ޣަފޫރު ވިދާޅުވި އެވެ. އަދި އިންޑިއާގެ ސިޔާސީ ބޭފުޅުން މި މައްސަލަ އެ ގައުމުގެ ތެރޭގައި ނަގާފާނެތީ ވަރަށް ބޮޑަށ ކަންބޮޑުވާ ކަމަށްވެސް ވިދާޅުވި އެވެ.

"އިންޑިއާގެ ސިޔާސީ ބޭފުޅުން އެ ބޭފުޅުންގެ ޕާލިމަންޓްގައި މި އިޝޫ ނަންގަވާފާނެ. އިންޑިއާ ސަރުކާރުގައި ސުވާލުކުރަން ފަށާނެ. ކީއްވެގެން އަޅުގަނޑުމެން މިހާ ގާތް ގައުމެއްގައި އަޅުގަނޑުމެންގެ ރައްޔިތުންނަށް މި ދަތިތަކާ ދިމާވަނީ. މިހެންވުމުން އޮންނަ ގާތްކަމާ ދޭތެރޭ ސުވާލު އުފައްދާނެ. އެ މީހުން އެ ބާއްވާ ގާތްކަން ރާއްޖެއިން ބާއްވާތޯ." ޣަފޫރު ވިދާޅުވި އެވެ.

ޣަފޫރު ވިދާޅުވީ އިންޑިއާގެ ޕާލިމަންޓާ ހިސާބަށް މައްސަލަ ގޮއްސި ނަމަ ރާއްޖެއާ މެދު ފިޔަވަޅު އަޅަން މަޖުބޫރުވެ ދެ ގައުމުގެ ގުޅުމަށް ހީނަރުކަން އަތުވެދާނެ ކަމަށެވެ. އަދި ރާއްޖެއަކީ މުޅިންހެން އިމްޕޯޓް މުދަލަށް ބަރޯސާވާ ގައުމަކަށް ވެފައި ކުދިކުދި ކަންކަމުން ވެސް ރާއްޖެއަށް އަސަރުކުރާނެ ކަމަށެވެ. އިންޑިއާ އަކީ މި ސަރަހައްދުގައި ވެސް އެންމެ ބޮޑު ގައުމަށްވާތީ އިންޑިއާއަށް އިންތިހާއަށް ކަންކަމުގައި ބަރޯސާވާންޖެހޭ ކަމުގައިވެސް ވިދާޅުވި އެވެ.

ޣަފޫރު އިތުރަށް ވިދާޅުވީ އިންޑިއާ އައުޓް ހަރަކާތުގެ ސަބަބުން އެހެން ގައުމުތަކުގެ އެމްބަސީތަކުންވެސް ކަންބޮޑުވުން ފާޅުކުރަމުންދާ ކަމަށާއި ގައުމުތަކުގެ އެމްބަސީތަކުގެ ސެކިއުރިޓީވެސް މިހާރު ވަރުގަަދަކޮށްފައިވާ ކަމަށެވެ.

އިންޑިއާ އައުޓް ހަރަކާތް މުޅި ރާއްޖެ އަށް ފުޅާކުރަމުންދާއިރު އެ ހަރަކާތް ހުއްޓުވުމަށް އަމާޒުކޮށްފައިވާ ބިލެއް މި ހަފްތާ މަޖިލީހަށް ހުށަހެޅުމަށް ދަނީ ތައްޔާރުވަމުންނެވެ.

އިންޑިއާ އައުޓް ހަރަކާތުގެ ސަބަބުން ގައުމީ ސަލާމަތަށް ނުރައްކާވަމުންދާ ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވެސް މަޖިލީހުގެ 241 ކޮމިޓީގައި ވިދާޅުވެފައިވެ އެވެ. އެކަމަކު އިދިކޮޅު ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން ގެންދަވަނީ ރާއްޖޭގައި ތިބި އިންޑިއާ ސިފައިންގެ އެންމެން ރާއްޖެއިން ފައިބަންދެން އިންޑިއާ އައުޓް ހަރަކާތް ކުރިއަށް ގެންދާނެ ކަމަށް ތަކުރާރުކޮށް ވިދާޅުވަމުންނެވެ.