ހަބަރު

އިދިކޮޅުން އުޅެނީ "އިންޑިއާ އައުޓް" ނުވެގެންނޫން، ޖަލަށް "އިން" ވެދާނެތީ

Oct 18, 2020
2

މި ސަރުކާރާއި އަވަށްޓެރި އިންޑިއާ އާދެމެދު އޮތް ގުޅުމުގެ އިދިކޮޅުން ފަރާތްތަކުން ފާޑު ކިޔައި، "އިންޑިއާ އައުޓް" ގެ ނަމުގައި ކެމްޕޭން ކުރަނީ އެކަމާ ކަންބޮޑުވުން ވެގެން ނޫން ކަމަށާއި، އެކަމުގެ މަގުސަދަކީ ގައުމު ހަލަބޮލިކޮށް، އިދިކޮޅުގެ އިސް ސަފުގައި ހިމެނޭ ބޭފުޅުންނަށް ކުރެވޭ ކޮރަޕްޝަންގެ ބޮޑެތި ތުހުމަތުތަކުން ސަލާމަތް ވެވޭނެ ގޮތެއް ހޯދަންކަމަށް ރައްޔިތުންގެ މަޖިލީހުގެ މެދު ހެންވެއިރު ދާއިރާގެ މެންބަރު އަދި އެމްޑީޕީގެ ޕާލިމަންޓަރީ ގުރޫޕުގެ ލީޑަރު އަލީ އާޒިމް ވިދާޅުވެއްޖެ އެވެ.

އެމްޑީޕީގެ ހަބަރު ސިޓީގެ އެންމެ ފަހުން ނެރުނު އަދަދުގައި އާޒިމް ލިޔުއްވާފައިވާ ލިޔުމުގައި ވިދާޅުވީ މި ސަރުކާރުން އިންޑިއާއާއެކީ ގުޅުން ބަދަހިކޮށް ކިތަންމެ ގިނަ އެހީތަކެއް ފޯރުކޮށްދިން ކަމުގައި ވީނަމަވެސް، "އިންޑިއާ އައުޓް" ކުރަން ގޮވާ ފަރާތްތަކުން ތުހުމަތު ކުރާ ގޮތަށް އިންޑިއާއަކުން ރާއްޖެއަށް އަތްގަދަ ކުރަން ނޫޅޭ ކަމަށެވެ.

އާޒިމް ލިޔުއްވާފައިވާ ގޮތުގައި އިންޑިއާއިން ރާއްޖޭގައި މިލިޓަރީ ބޭސްއެއް ހަދައި، ރާއްޖެ ހިފާކަށް ނޫޅެ އެވެ.

"އެ ފުރުސަތު ދީގެން ބަލަން ދުނިޔޭގެ އެހެން ގައުމުތަކަކުން ނުވެސް ތިބޭނެ އެވެ. މިއީ އެ ޒަމާނެއް ނޫނެވެ،" އާޒިމް ވިދާޅުވެފައިވެ އެވެ.

އިތުރަށް ވިދާޅުވީ އިންޑިއާއާއެކު އޮންނަ ގުޅުން ވަރުގަދަވެފައިވާއިރު، ހާއްސަކޮށް މިހާރު، ރާއްޖޭގެ ސަލާމަތާ ރައްކާތެރިކަމަށް އިންޑިއާ އިން ކަށަވަރު ކުރާނެ އެވެ.

އާޒިމް ވިދާޅުވީ، މި ސަރުކާރުގެ ހާރިޖީ ސިޔާސަތު ފެންނަނީ ވަރަށް ހަރުދަނާ އަދި ހިކުމަތްތެރި ސިޔާސަތެއްގެ ގޮތުގައި ކަމަށެވެ.

"އިންޑިއާއާ ވަރަށް ގާތެވެ. ހަމަ މިގޮތަށް ޗައިނާއާ ވެސް ރަށްޓެއްސެވެ. ސައުދީ އަރައްބިޔާ އާއި މެދުއިރުމަތީގެ ގައުމުތަކާވެސް ރަހުމަތްތެރި އެވެ. ޔޫރަޕުގެ ގައުމުތަކާއި އެމެރިކާއާވެސް ގުޅުން ބަދައްސެވެ،" މި ސަރުކާރުގެ ދެ އަހަރުގެ ތެރޭގައި ބައިނަލްއަގުވާމީ މުޖުތަމައު އިން ރާއްޖެ ބަލައިގެންފައިވާކަން ފާހަގަކުރައްވަމުން އާޒިމް ވިދާޅުވި އެވެ.

މިގޮތުން، އެކިއެކި ގައުމުތަކަށް ވަޑައިގަތުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް "އޮހެން" ފަށާފައިވާ ދައުވަތުތަކުންވެސް އެކަން ސާފުވާކަމަށް އޭނާ އިތުރަށް ވިދާޅުވި އެވެ.

"ނަމަވެސް، ނިމިދިޔަ ސަރުކާރުގެ ފަސް އަހަރު، އެ ސަރުކާރުގެ ހާރިޖީ ސިޔާސަތު ފެއިލްވެފައިވާކަން އެންމެ ރަނގަޅަށް އެނގެނީ، ދުނިޔޭގެ ތިން ގައުމެއް ފިޔަވައި، އެހެން އެއްވެސް ގައުމަކުން މި ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާއަށް އެ ގައުމުތަކަށް ވަޑައިގަތުމުގެ ފުރުސަތު ނުލިބުމެވެ،" އާޒިމް ވިދާޅުވެފައިވެ އެވެ.

އޭނާ އިތުރަށް ލިޔުއްވާފައިވާ ގޮތުގައި، އިންޑިއާއާ ދެކޮޅަށް އިދިކޮޅުން އެއްވެސް އަސާސެއްނެތް ތުހުމަތުތަކެއް ކުރަނީ މުޅީން އެހެން މަގުސަދެއްގައި ކަމަށެވެ. އެއީ ކޮންމެވެސް ގޮތަކުން މި ސަރުކާރު ބަދަލުކޮށްލައި، ކޮރަޕްޝަންގެ ދައުވާތަކުން ސަލާމަތްވުމުގެ ރޭވުމެއްގެ ގޮތުގައި އާޒިމް ވަނީ އެ ލިޔުމުގައި ސިފަ ކުރައްވައިފަ އެވެ.

"މިއުޅެނީ އިންޑިއާ އައުޓް ނުވެގެނެއް ނޫނެވެ. މިއުޅެނީ ކުށްސާބިތުވެ، ޖަލު ތޭރިތަކުގެ ތެރެއަށް އިން ވެދާނެތީ އެކަމާ ގަންނަ ބިރަކުންނެވެ،" ކުރީގެ ސަރުކާރުގައި އިސްކޮށް ތިއްބެވި ބައެއް ބޭފުޅުންގެ ނަންތައް ވަކި ވަކިން ފާހަގަކުރައްވަމުން އާޒިމް ތުހުމަތު ކުރެއްވި އެވެ.

އިންޑިއާއާ ދެކޮޅަށް ކުރާ ތުހުމަތުތަކަށް ދިވެހިން ރަނގަޅަށްވެސް ފަރިތަވެއްޖެ ކަމަށާއި، އޭގެ ބަދަލުގައި، މި ސަރުކާރު ޖަވާބުދާރީ ކުރުވުމުގެ މަސައްކަތް ފެށުމަށް އާޒިމް ވަނީ އިދިކޮޅަށް ގޮވާލައްވައިފަ އެވެ.