ގައުމެއްގެ ދާހިލީ ކަންކަމުގެ ތެރެއަށް ޗައިނާ ނުވަންނާނެ ކަމަށާ އެކަން އެ ގައުމުން ސާބިތުކޮށްދީފައިވާ ކަމަށް ވިދާޅުވެ އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު އަދި މެދުހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމްގެ ތުހުމަތު ތަކަށް ޗައިނާއިން ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޖޭންގް ލީޖޮންގް ރައްދު ދެއްވައިފި އެވެ.
އާޒިމް ވަނީ އިދިކޮޅު ޕީޕީއެމާއި ކޮންގްރެސް ޕާޓީ (ޕީއެންސީ) އިން ހިންގާ ސިޔާސީ ހަރަކާތްތަކަށް ޗައިނާއިން އެހީވެދީ، ރާއްޖޭގެ ދާހިލީ ކަންކަމުގެ ތެރެއަށް ވަަންނަމުންދާ ކަމަށް ތުހުމަތު ކުރައްވާފައެވެ. ވިދާޅުވީ ރާއްޖޭގެ ސިޔާސީ މަސްރަހު ހަލަބޮލި ކުރަން އިދިކޮޅު ފަށާފައިވާ ހަރަކާތް ތަކަކީ ޗައިނާ އިން ފަންޑު ކޮށްގެން ކުރާ މަސައްކަތެއް ކަމަށެވެ.
އޭނާ އެ ތުހުމަތުތަކާ ގުޅުވަފައި ވަނީ އިންޑިއާއާ ދެކޮޅަށް ފުޅާ ކޮށްފައިވާ "އިންޑިއާ އައުޓް" ކެމްޕޭނާއި "ގައުމު ވިއްކާލުމާ ދެކޮޅަށް" ހަރަކާތެވެ.
"އިދިކޮޅު ފަރާތްތަކުގެ ހަރަކާތްތަކަކީ، ކަނޑައެޅިގެން ޗައިނާއިން ފައިސާ ދީގެން ހަލަބޮލި ކުރަން ކުރާ ކަމެއް،" އާޒިމް ރޭ ވިދާޅުވި އެވެ.
ޗައިނާ ސަފީރު ވިދާޅުވީ މާޒީން ޗައިނާއިން އަމަލު ކޮށްފައިވާ ގޮތް ސާފުކޮށް ފެންނަން އޮންނާނެ ކަމަށެެވެ. އެއްވެސް ގައުމެއްގެ ދާހިލީ ކަންކަމުގެ ތެރެއަށް ވަނުމަކީ ޗައިނާއިން ގެންގުޅޭ ސިޔާސަތެއް ނޫން ކަމަށްވެސް ވިދާޅުވި އެވެ.
ސަފީރު ވަނީ އާޒިމްގެ ވާހަކަތަކަކީ ހަގީގަތް އޮޅުވާލުމެއް ކަމަށް ވިދާޅުވެފައެވެ. އަދި އެފަދަ ތުހުމަތުތަކުން ޗައިނާގެ ސިޔާސަތު ބަދަލުވެސް ނުކުރެވޭނެ ކަމަށާ އަދި ހަގީގަތްވެސް އޮޅުވާނުލެވޭނެ ކަމަށް ވިދާޅުވިއެވެ.
އާޒިމްގެ ތުހުމަތުތަަކަށް އިދިކޮޅުންވެސް ވަނީ ރައްދު ދީފައެވެ.
ޕީއެންސީގެ ޕީޖީ ލީޑަރު އަދި ކުރީގެ ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް އުމަަރު ވިދާޅުވީ އިދިކޮޅު ކޯލިޝަނަކީ ސިޔާދަތާއި ގައުމިއްޔަތަށް ނުރައްކާނެ އަދި ބޭރު ގައުމެއްގެ ޕަޕެޓަކަށް ވާނެ ބައެއް ނޫން ކަމަށާއި ބޭރު ގައުމުތަކުގެ ސިފައިން ރާއްޖެ ހިފަން ގޮވާލައި ރާއްޖޭގެ ދާހިލީ ކަންކަމުގެ ތެރެއަށް ބޭރު މިހުން ވެއްދުމަކީ އެ ކޯލިޝަނުން ކުރާ ކަމެއް ނޫން ކަމަށެވެ.