އަލީ އާޒިމް

އިދިކޮޅު ލީޑަރެއް ކަނޑައަޅާ މުސާރައާ ރައްކާތެރިކަން ދޭންްޖެހޭ: އާޒިމް

އިދިކޮޅު ލީޑަރަކު ކަނޑައެޅުމާ ބެހޭ ގާނޫނެއް މުހިންމު ކަމަށާ އެ ގާނޫނުގެ ދަށުން އިދިކޮޅު ލީޑަރަށް މުސާރަ އާއި ރައްކާތެރިކަން ދޭން ޖެހޭ ކަމަށް އެމްޑީޕީގެ ޕާލިމަންޓަރީ ގުރޫޕްގެ ލީޑަރު އަލީ އާޒިމް ވިދާޅުވެއްޖެ އެވެ.

އާ ދައުރަށް މަޖިލީހަށް ހުށައަޅާ ބިލްތަކުގެ ތެރޭގައި އިދިކޮޅު ލީޑަރަކު ކަނޑައެޅުމާ ބެހޭ ބިލެއް ހުށައަޅަން ނިންމާފައިވާ ކަމަށް މައުލޫމާތު ލިބިފައިވެއެވެ. އެ ފަދަ ބިލެއްގެ މުހިންމު ކަމާ ގުޅޭގޮތުން ރޭ ރާއްޖެ ޓީވީގައި ވާހަކަދައްކަވަމުން އާޒިމް ވިދާޅުވީ ޑިމޮކްރަސީ ފުރިހަމަވަނީ ވާދަވެރިންގެ ހިޔާލު ހިމަނައިގެން ކަމަށާ ގާނޫނަކުން އިދިކޮޅު ލީޑަރެއް ކަނޑައެޅުމަކީ މުހިންމު ކަމެއް ކަމަށެވެ.

މިހާރު އިދިކޮޅު ކޯލިޝަން އޮތް ގޮތުން އިދިކޮޅު އިސް ލީޑަރަކަށް ހޯދުމަކީ ވަރަށް އުނދަގޫ ކަމެއް ކަމަށާ ބޭރު ގައުމުތަކުން ވަޑައިގަންނަވާ އިއްޒަތްތެރިންވެސް އިދިކޮޅު ލީޑަރުގެ ގޮތުގައި ބައްދަލުކުރައްވަން ޖެހިވަޑައިގަންނަވަނީ އެކި ފަހަރު އެކި ބޭފުޅުންނާއި ކަމަށް އާޒިމް ވިދާޅުވިއެވެ. އާޒިމް ވިދާޅުވީ އެމްޑީޕީ ނިކުމެ އޮތީ ޑިމޮކްރަސީ ހަރުދަނާ ކުރުމުގެ މަސައްކަތަށް ކަމަށާ އިދިކޮޅު ލީޑަރެއް ގާނޫނަކުން ސާފުވެފައި އޮތުން މުހިންމު ކަމަށެވެ. އަދި އެފަދަ ބޭފުޅަކަށް މުސާރަ އާއި ހިމާޔަތާއި ރައްކާތެރިކަން އޮންނަން ޖެހޭ ކަމަށްވެސް ވިދާޅުވިއެވެ.

"އިދިކޮޅު ލީޑަރެއް ރިކޮގޮނޮއިޒް ކުރުމަކީ ޑިމޮކްރަސީގައި އަޅުގަނޑުމެން ކުރަންޖެހޭ ކަމެއް. ވަރަށް ބޮޑަށް އަޅުގަނޑުމެން ކުރަންޖެހޭ ކަމެއް. އެހެންވީމަ އެ ފަރާތްތަކަށް ހިމާޔަތްދޭންޖެހޭ ރައްކާތެރިކަން ދޭންޖެހޭ. މުސާރަވެސް ދޭން ޖެހޭ. ދެންވެސް ދެވެން ހުރި އެއްޗެއް ހުރިއްޏާ ދޭންޖެހޭ. އޭރުން އަޅުގަނޑުމެންގެ ޑިމޮކްރަޓިކް ނިޒާމު ފުރިހަމަވާނީ،" އާޒިމް ވިދާޅުވިއެވެ.

އާޒިމް ވިދާޅުވީ އިދިކޮޅުގެ ލީޑަރަކު އެބަހުންނެވި ކަމަށާ އެއީ ރައީސް އަބްދުﷲ ޔާމީން ކަމަށް އިދިކޮޅު ޕާޓީތަކުން ބުނި ނަމަވެސް އެކަން ގާނޫނީ ގޮތުން ގަބޫލު ކުރެވެން ނެތް ކަމަށެވެ. އެއީ ހުކުމެއް ތަންފީޒު ކުރާ ބޭފުޅަކަށް ސިޔާސީ ޕާޓީއެއްގެ ލީޑާރުކަން ނުކުރެވޭ ގޮތަށް ކަނޑައަޅާ ޕީޕީއެމްގެ ބާރު އޮތްއިރު ގާނޫނަށް ގެނެސްފައިވާ ބަދަލު ކަމަށްވެސް އާޒިމް ވިދާޅުވިއެވެ.

ނަމަވެސް އެ ނިންމުންވެސް ބަދަލުކޮށް ގާނޫނު ފުރިހަމަ ކުރުމުގެ މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށް ވިދާޅުވިއެވެ.

"އަޅުގަނޑުމެން މިކަމުގައި ކޮންމެވެސް ގޮތެއް ހޯދާނަން ސިޔާސީ ޕާޓީތަކާއި މަޝްވަރާ ކުރުމަށްފަހު،" އާޒިމް ވިދާޅުވިއެވެ.

އާޒިމް ވިދާޅުވީ މީހުން މަރާ، ގެއްލުވައިލައިެގން އަދި ޖަލަށް ލައިގެން ވެރިކަމުގައި ނުތިބެވޭނެ ކަމަށާ އެމްޑީޕީން އެ މަގުން ނުހިނގާނެ ކަމަށެވެ. އަދި އެމްޑީޕީން ކުރާ ކޮންމެ މަސައްކަތެއްވެސް ކުރާނީ ގައުމާއި ރައްޔިތުންގެ ހެވާއި ލާބައަށް ކަމަށް ވިދާޅުވިއެވެ.

އިދިކޮޅު ކޯލިޝަންގެ ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން މި ވަގުތު ހުންނެވީ ފަސް އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަން މާފުށީ ޖަލުގައެވެ. އެ ކޯލިޝަންގެ އެކްޓިން ލީޑަރަކީ ޕީއެންސީގެ ރައީސް އަަދި ފޮނަދޫ ދާއިރާގެ ކުރީގެ މެންބަރު އަބްދުއްރަހީމް އަބްދުﷲ އެވެ. އޭގެ އިތުުރުން ކޯލިޝަންގެ ދެ އެޑްވައިޒަރުންގެ ގޮތުގައި ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު އާއި ކުރީގެ ނާއިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު އެބަ ތިއްބެވިއެވެ.