ފޮރިން މިނިސްޓްރީ

ރާއްޖޭގެ ވެލިފުކެއްވެސް އިންޑިއާއަށް ނުލިބޭނެ: ހަލީލް

ރާއްޖެއާ އެކު އިންޑިއާއިން ހަދާފައިވާ އެއްބަސްވުންތަކުން ވެލިފުކެއްގެ މިންވަރު ވެސް އިންޑިއާ އަށް ނުލިބޭނެ ކަމަށް ފޮރިން މިނިސްޓްރީން ބުނެފި އެވެ.

"އިންޑިއާ އައުޓް"ގެ މައްސަަލަ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީން ބަލަމުން ގެންދާއިރު ފޮރިން މިނިސްޓްރީގެ އިސް ބޭފުޅުން މިއަދު ވަނީ އެ ކޮމިޓީއަށް ހާޒިރުކޮށް ސުވާލުކޮށްފަ އެވެ.

ކޮމިޓީގެ ބަައްދަލުވުމުގައި ހެންވޭރު ދެކުނު ދާއިރާގެ މެމްބަރު ހުސައިން ޝަހީމް (އަނދުން ހުސައިން) ވަނީ ރާއްޖޭގެ މިނިވަންކަމާއި އިސްތިގުލާލަށް އަސަރުކުރާ ފަދަ އެއްވެސް އެއްބަސްވުމެއްގައި ރާއްޖެއިން އިންޑިއާއާއެކު ސޮއިކޮށްފައިވޭތޯ ސުވާލުކުރައްވާފަ އެވެ.

"ރާއްޖޭގެ ވެލިފުކެއް ވެސް ރާއްޖޭގެ ބާރު ނުހިނގާ އިންޑިއާ އަށް ލިބޭ ގޮތަށް އެއްވެސް އެގްރީމަންޓެއްގައި ސޮއިކޮށްފައިވޭތޯ؟" ހުސައިން އެއްސެވި އެވެ.

ސުވާލަށް ޖަވާބު ދެއްވަމުން ފޮރިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަހްމަދު ހަލީމް ވިދާޅުވީ ދިވެހި ރައްޔިތުންނަށް އެއްވެސް ގެއްލުމެއް ލިބޭ ފަދަ އެއްބަސްވުމެއްގައި ސޮއިކޮށްފައި ނުވާނެ ކަމަށެވެ.

"އެއީ ހަމަ ކުޑަކުޑަ ވެލިފުކެއްގެ ޒައްރުވެސް އެއްވެސް ގައުމަކަށް ދޭގޮތަށް އަޅުގަނޑުމެން މިހާތަނަށް އެއްވެސް ކޮންވެންޝަނެއްގައި ސޮއިކޮށްފައެއް ނޯންނާނެ. އަދި އިތުރަށް ހަމަ އަޅުގަނޑަކަށް ފޯސީއެއް_[ލަފައެއް] ނުކުރެވޭ ސޮއިކުރާނެ ކަމަކަށް ވެސް ރާއްޖޭގެ ފަރާތުން" ހަލީލް ވިދާޅުވި އެވެ.

އޭނާ އިތުރަށް ވިދާޅުވީ އިންޑިއާ އައުޓް ހަރަކާތުގެ ސަބަބުން ހުރިހާ ގެއްލުމެއް ލިބޭނީ ދިވެހި ރައްޔިތުންނަށް ކަމަށެވެ. އަދި ރާއްޖެއިން ސޮއިކޮށްފައިވާ ބައިނަލްއަގުވާމީ މުއާހަދާތަކުގައި ވެސް ވަކި ނަސްލެއް ނުވަތަ ވަކި ގައުމެއް ނުވަތަ ވަކި ދީނެއްގެ ބަޔަކާ ދެކޮޅަށް ހަރަކާތްތައް ނުހިންގަށް ސޮއިކޮށްފައިވާ ކަމަށެވެ. އެހެންކަމުން އިންޑިއާ އައުޓްގެ ނަމުގައި ކުރިއަށް ގެންދާ ހަރަކާތަކީ އެއްގޮތަކަށްވެސް ކޮށްގެންވާނެ ކަމެއް ނޫން ކަމަށާއި އދ. ފަދަ ބައިނަލްއަގްވާމީ ޖަމިއްޔާ ޖަމާއަތްތަކުންވެސް އެކަންކަން ބަލައިނުގަންނާނެ ކަމަށެެވެ.

"އދ.ގައި އޮވޭ ހޭޓް ސްޕީޗާ ދެކޮޅަށް ސްޓްރެޓެޖީއެއް ވެސް. އަދި އިންސައިޓް ޓު ވައިލަންސް [އަނިޔާވެރިކަމަށް ހިތްވަރުދިނުން]އާ ދެކޮޅު ސްޓެރެޓެޖީއެއް ވެސް. އދ. އިން ވެސް ފާހަގަކޮށްފައި އޮވޭ އެއްވެސް ހާލެއްގައި ފްރީޑަމް އޮފް އެކްސްޕްރެޝަން ލިމިޓްކުރަން ކުރާ މަސައްކަތެއް ނޫން ކަމަށް." ހަލީލް ވިދާޅުވި އެވެ.

އިންޑިއާއާ އައުޓްގެ ހަރަކާތް މަޖިލީހުން ބަލަން ފަށައިފައިވާއިރު މަޖިލީހުގެ 241 ކޮމިޓީއަށް ފޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދާއި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲވެސް ހާޒިރުކޮށް ވަނީ ސުވާލުކޮށްފަ އެވެ. އަދި ސަރުކާރުގެ އެހެން ބައެއް މުއައްސަސާތަކުގެ އިސް ބޭފުޅުން ވެސް ހާޒިރުކުރަން ނިންމާފައިވެ އެވެ.

އިންޑިއާ އައުޓް ހަރަކާތް އިދިކޮޅުން މުޅި ރާއްޖެއަށް ފުޅާކުރަމުންދާއިރު އެ ހަރަކާތް ގާނޫނީ ގޮތުން ހުއްޓުވައި ކުށަކަށް ހަދަން މަޖިލީހުގެ ސުޕަ މެޖޯރިޓީ އޮންނަ ވެރިކަން ކުރާ އެމްޑިޕީން މިހާރު ވަނީ މަސައްކަތް ފަށައިފަ އެވެ. އެގޮތުން ދިވެހި ދައުލަތުން އެކި ގައުމުތަކާ އެކު ގާއިމުކޮށްފައިވާ ގުޅުންތަކަށް ނޭދެވޭ އަސަރު ފޯރާ ގޮތަށް ހިންގާ އަމަލުތަކަކީ ޖިނާއީ ކުށަކަށް ހަދަން ޑްރާފްޓް ކޮށްފައިވާ ބިލް މަޖިލީހަށް ހުށަހަޅަން މިހާރު ވަނީ ނިންމައިފަ އެވެ.

މިބިލްގައިވާ ގޮތުން ގާނޫނީ އަދި ބައިނަލްއަގްވާމީ ހަމަތަކާއި އެއްގޮތަށް ގައުމަކާ އެކު ރާއްޖެއިން ގުޅުން އުފައްދާފައި ވަނިކޮށް ސިޔާސީ ޕާޓީ އަކުން ނުވަތަ ވަކި ބަޔަކު ރައްޔިތުންގެ ނަމުގައި ވަކި ގައުމަކާ ދެކޮޅަށް ނުވަތަ ވަކި ގައުމެއްގެ ވަކި މުއައްސަސާ އަކާ ދެކޮޅަށް ހަރަކާތްތެރިވުމަކީ ކުށެކެވެ. ރާއްޖެ އޮތީ ވަކި ގައުމެއްގެ އަޅުވެތިކަމުގައި ކަމަށް ދެއްކުމުގެ ގޮތުން ވަކި ގައުމަކާ ދެކޮޅަށް ހަރަކާތްތައް ހިންގުމަކީ ވެސް ކުށެކެވެ. އެހެންކަމުން މި ބިލް އެކުވާލުމުގެ ބޭނުމަކީ ބޭރު ގައުމުތަކާއެކު ރާއްޖެއިން ގާއިމުކޮށްފައިވާ ގުޅުންތަކަށް ނޭދެވޭ އަސަރު ކޮށްފާނެ ކަމަށް ފެންނަ އަމަލުތައް ހުއްޓުވުން ކަމަށް ބުނެފައިވެ އެވެ.

ބިލްގައިވާ ފަދަ ކުށެއް މީހެއްގެ މައްޗަށް ސާބިތުވެއްޖެނަމަ އަދަބެއްގެ ގޮތުގައި 20،000 ރުފިޔާ އިން ޖޫރިމަނާ ކުރުމާއި، އެއް އަހަރަށް ވުރެ ދިގު ނޫން މުއްދަތަކަށް ގޭބަންދު ކުރުމާއި، ހަމަސް ދުވަހަށް ވުރެ ކުރު މުއްދަތަކަށް ޖަލަށް ލުން ވެސް ހިމެނެ އެވެ.

މިބިލް އެކުލަވާލާފައި އޮތީ ބިލް ގާނޫނަކަށްވެ ތަސްދީގު ކުރާ ދުވަހު އަމަލުކުރާ ގޮތަށެވެ. މި ބިލްގެ ދަށުން ހަދަންޖެހޭ ގަވައިދުތައް ތިން މަސް ދުވަހުގެ ތެރޭގައި ނިންމަން ހަވާލުކޮށްފައިވަނީ ފޮރިން މިނިސްޓްރީ އަށެވެ.

އިންޑިއާ އައުޓްގެ ހަަރަކާތް ހުއްޓުވަން ބިލެއް ޑްރާފްޓް ކުރި ނަމަވެސް އިދިކޮޅުން ބުނީ އެ ހަރަކާތް ނުހުއްޓުވާނެ ކަމަށެވެ.