ވާހަކަ

އެހާ ލޯބިން ދިނީމާ ހިތް

(31 ޖެނުއަރީ 2022އާ ގުޅޭ)

ފެށިގެން ދިޔަ އައު ދުވަހާ އެކުގައި ޖައިޝް ވަރަށް ބޮޑަށް ތައްޔާރު ވެލައިގެން ގެސްޓު ހައުސްއަށް ދިޔަ އިރު އޭނާގެ ހިތުގައި ކޮންމެވެސް ވަރެއްގެ ބިރެއް އޮތެވެ. މިވަރުގެ ބޮޑު ޒިންމާއެއް ބޮލުގައި އަޅައިގެން ދާން ޖެހޭނެ ފުރަތަމަ ދުވަހަށް ވީތީއެވެ. ނަމަވެސް ޖައިޝްގެ ނަފްސަށް ޔަޤީން ކަން އޮވެއެވެ.

ގެސްޓު ހައުސްއަށް ވަނުމާ އެކުގައި ތަނުގެ އައު މެނޭޖަރަށް އެތަނުގެ މުވައްޒަފުންގެ ފަރާތުން ލިބުނީ ހޫނު މަރުޙަބާ އެކެވެ. ޖައިޝްއަށް ލިބުނީ ހައިރާން ކަމެކެވެ. އެއާ އެކު ޖައިޝްގެ ތުންފަތުން ފައުޅުވެގެން ދިޔައީ ފުޅާ ހިނިތުންވުމެކެވެ. "ތެންކްޔޫ!" އޭ ބުނެ އެންމެންނަަށް ބަލަމުން ޖައިޝް ހިނިތުން ވުމަކާ އެކުގައި ހިނގައިގަތެވެ.

****

ސިޓިންރޫމްގައި ހިޝާމް އިނީ ފޯނުން މީހަކާ ވާހަކަދައްކާށެވެ. ސިއްރު ސިއްރުން ހިޝާމް ދައްކާ ވާހަކަ އަޑުއަހާފަައި ލުލުއަތު އައިސް އިށީންނީ ހިޝާމާ ޖެހިގެންނެވެ. އެވަގުތަކީ ހިޝާމް ފޯނު ބޭޢްވި ވަގުތެވެ.

"ހާދަ އުފާވެފަ. ކިހިނެއްވީ؟" ލުލުއަތު އޭނާގެ ކަނާއަތް ބާއްވައިލީ ހިޝާމްގެ އަތް މަތީގައެވެ.

"އެއީ ރިޔާޒް.." ހިޝާމް ބަލައިލީ ލުލުއަތަށެވެ.

"އެހެންތަ؟ ހިޝާމް އޯކޭ ވީތަ އޭނާގެ ވިޔަފާރިއާ ހަވާލު ވާން؟" ކެތްނުވެގެން ވަރަށް ސީދާ ކޮށް ލުލުއަތު ސުވާލު ކޮށްލިއެވެ.

"ހެހެ! ނޫނޭ. އަހަރެން ނެތިން އެހެން މުދާ ބޭނުން ވެގެން. ރިޔާޒް ގެސްޓު ހައުސް ހަވާލު ކުރީ ޖައިޝްއަށް.." ހިޝާމް އެހެން ބުނުމާ އެކުގައި ލުލުއަތު ހައިރާން ވިއެވެ.

"ވަޓް؟ އެ މަސްތުވާ އެއްޗެހި ބޭނުން ކުރާ މީހާއަށްތަ؟ ކޮއްކޮގެ ފިރިއަށް؟" ލުލުއަތު އެހެން އެހުމާ އެކުގައި ހިޝާމް ހިތްހަމަ ނުޖެހުނެވެ.

"ލުލުއަތު ހާދަ ފާޑެއްގެ ރާގެއްގަ ތި އެހީ؟ މިހާރު ޖައިޝް އަކީ އެކަހަލަ މީހެއް ނޫން. މީހުން ކުރިން ކޮށްފަ، ފަހުން ތަޢުބާ ވެފަ ހުންނަ ކަންތަކުގެ ވާހަކަ ދައްކާކަށް ނުވާނެ." ހިޝާމް ބުނެލިއެވެ. ލުލުއަތު އިތުރަށް އެއްވެސް އެއްޗެއް ނުބުނިއެއް ކަމަކު، އޭނާ އިނީ ހިތްހަމަ ނުޖެހިފައެވެ.

ދުވަސްތައް މާޒީ ވަމުން ދެއެވެ. ޖައިޝް އޭނާގެ މަސައްކަތުގައި އުޅެމުން ދާއިރު، ފާތުންގެ ނުބައި ރޭވުމުގައި އުއްމީދުގެ އަލިކަން ފެންނަން ފަށައިފިއެވެ. އޮފީހުގެ ބުރަ މަސައްކަތް ނިންމާލުމަށްފަހު، ދެމީހުން އެއްކޮށް "ވީޑެއް" ނުވަތަ "ފުޅިއެއް ކަނޑާލުމެއް" އޮވެއެވެ. މަސައްކަތުގެ ސްޓްރެސް ފިލުވުމުގެ ނަމުގައެވެ. ""މެނޭޖާރސްގެ މިޗުއަލް އަންޑަސްޓޭޑިން" ދަށުން އެމީހުން ކޮށް އުޅޭ ކަމަކަށް އެކަން ވަނީ ވެފައެވެ. ޖައިޝްއަށް މަސްތުގެ ތެރެއަށް އަނެއްކާ ވެސް އަނބުރާލެވުނީ އޭނާ ހީވެސް ނުކޮށް ހުއްޓައެވެ.

މުޅިން އައު ދުވަހަކަށް ދުނިޔެއަށް އިރު މަރުޙަބާ ކިޔައިފިއެވެ. އޮފީހުން ލިބުނު ބްރޭކް ގަޑިއެއްގައި ފާތުން އާއި ޖައިޝް ވަނީ ޖައިޝްގެ ގެއަށެވެ. އެވަގުތަކީ ސަހުލާ ފިހާރާގައި އިން ވަގުތު ކަމުން ގޭގައި އެއްވެސް މީހެއް ނެތެވެ. ފާތުން އާއި ޖައިޝް ކޮޓަރިއަށް ވަންނަން ޖެހުނީ އެމީހުންގެ މެދުގައި ވަރަށް ގިނަ ވާހަކަތަކެއް ބަދަލު ކުރުމަށްފަހުގައެވެ. ދެމީހުން ރަނގަޅަށް ދަސްވެ، ދެމީހުންގެ މެދުގައި ލޯބީގެ ރާހަތެއް ވުމަށްފަހުގައެވެ.

"ސަހުލާ.. ސަހުލާ.." ފިހާރާގައި އިން ސަހުލާއަށް ސިހިފައި ބަލައިލެވުނީ ކުއްލިއަކަށް ފިހާރަ ތެރެއަށް ވަދެގަތް ރަށުގެ މެދު އުމުރެއްގެ އަންހެނެއްގެ މޫނަށެވެ.

"ކިހިނެއްވީ؟" ސަހުލާ ހައިރާން ވިއެވެ.

"މަންޖޭ! ދައްތަ އަށް ފެނުނު މަންޒަރެއް ބުނަން ވެގެން. ޤަބޫލު ވެސް ނުކުރެވޭ! މަންޖެ ފިރިމީހާ ކޮންމެވެސް އަންހެނެއް ގޮވައިގެން ވަދެއްޖެ. ކޮޓަރިއަށް.. ތިގޭ ކޮޓަރިއަށް.. ދައްތަ ދެލޮލުން ދުށިން.." އެމީހާ ދެއްކި ވާހަކައިން ސަހުލާއަށް ކޮޅަށް ތެދުވެވުނެވެ. ދެލޯ ތެރެއަށް ކަރުނަތައް ޖަމާވެ ގަތަސް، އެކަރުނަތައް ސަހުލާ ހިފެހެއްޓިއެވެ. ވަރަށް އަވަހަށް ފިހާރަ ތަޅުލާފައި ސަހުލާ ނިކަން ބާރަށް ހިނގައިގަތީ އެގެއާ ދިމާލަށެވެ. ކޮޓަރިއަށް ވަތް ގޮތަށް ޖައިޝް ދޮރު ތަޅުލުމުން، ޖައިޝްއަށް ސިއްރުން ފާތުން ދޮރުގެ ތަޅު އަންލޮކް ކުރިއެވެ.

ބާރު ހިނގުމުގައި އައި ގޮތަށް ސަހުލާ ހިފައިލީ ދޮރުގެ އަތް ގަޑުގައެވެ. ވަގުތުން ދޮރު ހުޅުވުނެވެ. މަސްތުގެ ހާލުގައި، ފާތުން އާއި ޖައިޝް އެނދުމަތީގައި އޮތީ ދެލޮލަށް ބަލަން އުނދަގޫ ވާނެ ފަދަ ގޮތަކަށެވެ. ސަހުލާއަށް އާދެވުނީ އިންތިހާއަށް ރުޅިއެވެ. ކަރު ބުޑުން ހަޅޭލަވައިގަނެވުނެވެ.

"ތި އަނގަ ހުއްޓާ! މީހަކަށް އިވިދާނެ." ޖައިޝް ފުންމައިގެން އައިސް ހިފީ ސަހުލާގެ ކޮލުގައެވެ. ސަހުލާ އައި ރުޅީގައި އޭނާގެ އަތް ނަގާ ނިކަން ބާރަށް ޖައިޝްގެ މޫނުމަތީގައި ޖަހައިލިއެވެ.

"އައްދޯއި.." ޖައިޝް އައި ރުޅީގައި ސަހުލާގެ ކަރުގަ ހިފާ ފާރަށް ފިއްތާލިއެވެ. ސަހުލާއަށް ކަމެއް ވުމަކީ ފާތުންގެ މަސައްކަތަށް ލިބޭނެ ހުރަހަކަށް ވާތީ ފާތުން މަސައްކަތް ފެށީ ސަހުލާ ސަލާމަތް ކުރާށެވެ.

"ކަލޭ ތިހުރީ ވަރިކޮށް.. ތި ހުރީ ތިންފަތްވެފަ.." ޖައިޝް އައި ރުޅީގައި ސަހުލާ ވަރިކޮށްލުމާ އެކުގައި ފާތުންގެ ތުންފަތުން ދުވެލީ ލުއި ހިނިތުންވުމެކެވެ. ނަމަވެސް ތިންފަތްވީކަން އެއީ ފާތުންއަށް ވެސް އަލަށް އެނގިގެން ދިޔަ ކަމެކެވެ. ސަހުލާ ރޮމުން ރޮމުން ކޮޓަރިން ނުކުމެ ދުއްވައިގަތީ އޭނާގެ މަންމަމެންގެ ގެއަށް ދިޔުމަށެވެ. ސަަހުލާ އާއި ޖައިޝްގެ ކައިވެނި 3ފަށްވެ، ދެން ޖައިޝްއާ އެކުގައި އައު ޙަޔާތެއް ފެށުމަކީ އުނދަގޫ ކަމެކެވެ. އެހެން ނޫނަސް، އެއްވެސް ޙާލަތެއްގައި ޖައިޝްއާ ގުޅޭކަށް ސަހުލާ ބޭނުމެއް ދެނެއް ނުވެއެވެ.

"ސަހުލާ ޖައިޝް ދޫކޮށް ކުރިން ވެސް ދަނީ ދެން ގުޅެން ބޭނުން ވެގެން ނޫނެވެ. ނަމަވެސް ފަހު ވަގުތުގައި ސަހުލާގެ ހުރިހާ ވިސްނުމެއް ބަދަލުވެއެވެ. ދެން އުފުދޭ ސުވާލަކީ ސަހުލާ އާއި ޖައިޝްގެ ކައިވެނި (ފަށްކެނޑުމަށް)ފަހު އަލުން ކައިވެނި ކުރާނެ ތޯއެވެ. މިސުވާލުގެ ޖަވާބު މި ވާހަކައިގެ ސީޒަން 2 އިން ލިބޭނެއެވެ. އަދި މިވާހާކައިގަ ކުރުކޮށް އައިސްފައިވާ ބައިތަކުގެ ތަފުސީލްތައް ވެސް ސީޒަން2 އިން ލިބޭނެއެވެ. " (ނިމުނީ)