ދިރާގު

އެކްސްޕޯ މޯލްޑިވްސްގެ ޓެލެކޮމް ޕާޓްނަރަކަށް ދިރާގު

ދިވެހިރާއްޖޭގެ އުފެއްދުންތެރިކަމުގެ ގައުމީ މަރުކަޒު، 'އެކްސްޕޯ މޯލްޑިވްސް 2015' ގެ ރަސްމީ ޓެލެކޮމް ޕާރޓްނަރަކަށް ދިރާގު ހަމަޖައްސައިފިއެވެ.

އެކްސްޕޯ މޯލްޑިވްސް އަކީ މަސައްކަތްތެރި އުފެއްދުންތައް ދައްކާލުމުގެ އިތުރުން ސަޤާފީ ކުޅިވަރުތަކާއި ދިވެހިން ކޮށްއުޅޭ ބައެއް މަސައްކަތްތައް ވަގުތުން ކުރަމުންދާ ސްޓޯލްތަކާއިއެކި ދައްކާލުމުގެ ގޮތުން މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އިން އިންތިޒާމްކޮށްގެން ބާއްވާ ދިވެހިރާއްޖޭގެ އުފެއްދުންތެރިކަމުގެ ޤައުމީ މަރުކަޒެވެ.

މި މައުރަޒުގައި ރާއްޖޭގެ އަތޮޅުތަކާއި ވަކިވަކި ފަރުދުންނާއި، ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކާއި ކުންފުނިތައް، އަދި ކްލަބް ޖަމިއްޔާތަކަށާއި ސްކޫލްތަކަށް ހުޅުވާލެވިގެން ބޭއްވޭ މައުރަޒެކެވެ.

ދިރާގު ހެޑް އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގައި އެކަމުގެ އެއްބަސްވުމާއި ދިރާގުގެ ފަރާތުން ހަވާލުވެފައިވަނީ ދިރާގުގެ ޑިރެކްޓަރު މާކެޓިން އަހްމަދު މައުމޫނެވެ. އަދި އެކްސްޕޯ މޯލްޑިވްސްގެ ފަރާތުން އެއްބަސްވުމާއި ހަވާލުވެލެއްވީ އިކޮނޮމިކް މިނިސްޓްރީގެ ނައިބު އަދި އެކްސްޕޯގެ ޗެއާމަން އަބްދުﷲ މުހަންމަދެވެ.

އިކޮނޮމިކް މިނިސްޓްރީގެ ނައިބު އަދި އެކްސްޕޯގެ ޗެއަރމަން އަބްދުﷲ މުހަންމަދު ވިދާޅުވީ، "ދިވެހިރާއްޖޭގައި މުވާސަލާތީ ހިދުމަތް އެންމެ ފުޅާދާއިރާއެއްގައި ދެމުން ގެންދާ ކުންފުނި، މި އެކްސްޕޯގެ ރަސްމީ ޓެލެކޮމް ޕާޓްނަރުގެ ގޮތުގައި ހަމެޖެހިގެން ދިޔުމަކީ މި މައުރަޒަށް ލިބިގެން ދިޔަ ވަރަށް ބޮޑުކުރިއެރުމެއް،" އަދި މައުރަޒު ހިނގަމުންދާ ސަރަހައްދު ދިރާގުގެ އެހީގައި ވައި-ފައި ކުރެވިގެން ދިޔުމަކީ، މައުރަޒުގައިވާ އުފެއްދުންތަކާއި މައުލޫމާތު ވީހާވެސް ގިނަ ފަރާތްތަކެއްގެ މެދުގައި ސޯޝަލް މީޑިޔާ މެދުވެރިކޮށްވެސް ފެތުރިގެން ދިޔުމަށް ހުޅުވިގެންދިޔަ މަގެއް ކަމަށް އަބްދުﷲ ވިދާޅުވިއެވެ. އޭނާ ވަނީ މިހަރަކާތުގައި ދިރާގުން ބައިވެރިވާކަމަށްޓަކައި އެ ކުންފުންޏަށް ޝުކުރުއަދާކުރައްވާފައެވެ.

މި ޕާޓްނާޝިޕާއި ބެހޭގޮތުން ދިރާގުގެ މެނޭޖަރ ޕަބްލިކް ރިލޭޝަންސް، އިމްޖާދް ޖަލީލް ވިދާޅުވީ "މިފަދަ ގައުމީ ހަރަކާތްތަކަށް ވެވެން އޮތް އެންމެ ބޮޑު އެހީތެރިކަމެއްވެދީ، އެކަންކަމުގައި ބައިވެރިވުމަކީ ދިރާގުން އަބަދުވެސް ވަރަށް އިސްކަމެއްދީގެން ކުރަމުންދާ ކަމެއް. އެގޮތުން މި އެކްސްޕޯގައި ބައިވެރިވުމަކީވެސް ދިރާގަށް ލިބިގެންދާ ވަރަށް ބޮޑު އުފަލެއް."

ގައުމީ ފެންވަރުގައި ބޭއްވޭ އެންމެ ބޮޑު މައުރަޒަށް މި މައުރަޒުވެގެންދާއިރު މައުރަޒު މާދަމާ ފެށުމަށް ވަނީ ހަމަޖެހިފައެވެ.