ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އެކުލެވިގެންވާ ގޮތް ބަދަލުކުރުން އެއީ އެމްޑީޕީއާއި ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ވައުދެކެވެ. އެމްޑީޕީގެ ރިޔާސީ މެނިފެސްޓޯގައި ގާނޫނުއަސާސީއަށް އިސްލާހު ގެނެސް ޖޭއެސްސީ އެކުލަވާފައިވާ ގޮތް ބަދަލުކުރާނެ ކަމަށް ބުނެފައިވެ އެވެ. އެކަމަކު ރައީސް ސޯލިހުގެ ވެރިކަމަށް ހަތަރު އަހަރު ވާން ދާއިރު އެކަން ކުރާނެ ގޮތުގެ އެއްވެސް ފޯމިއުލާއެއް ސަރުކާރުން އަދި ހާމައެއް ނުކުރެ އެވެ. ދެރައީ އެކަން ހަގީގަތަކަށް ހަދައިދޭނެ ހުށަހެޅުމެއްގެ އަކުރެއްހާ ހިސާބުވެސް ސަރުކާރުން އަދި މިހާތަނަށް ލިޔެފައި ނެތުމުންނެވެ.
ޝަރުއީ ދާއިރާ އަށް ސިޔާސީ ނުފޫޒު އޮތް ކަމަށް ވެރިކަމަށް ވަޑައިގަތުމުގެ ކުރިން ރައީސް ސޯލިހު ގެންދެވީ ތަކުރާރުކޮށް ވިދާޅުވަމުންނެވެ. އެއީ އެމްޑީޕީން ވެސް ތަކުރާރުކޮށް ކުރާ ތުހުމަތެކެވެ. އަދި އެއީ ފެންނަން އޮތް ހަގީގަތެއް ކަމަށް ގަބޫލުކުރަންވެސް ޖެހެ އެވެ. ނިމިިދިޔަ ސަރުކާރުގެ ސީދާ ނުފޫޒާއި ބާރުގައި އެތައް ބަޔަކަށް ނުހައްގު އެތައް ހުކުމެއްކޮށްފައިވެ އެވެ. ބޭއިންސާފު އެތައް އަނިޔާއެއް ދީފައިވެ އެވެ. ޖޭއެސްސީ ބަދަލުކުރަންޖެހެނީ އެފަދަ ނުފޫޒުތަކުން ޖޭއެސްސީ ސަލާމަތްކޮށް އަދުލު އިންސާފުގެ ދާއިރާ މިނިވަންކޮށް އަދުލުވެރި ފަނޑިޔާރުގެއެއް ހޯދައިދިނުމަށެވެ.
ޖޭއެސްސީގެ މަސްއޫލިއްޔަތުތަކުގެ ތެރޭގައި ފަނޑިޔާރުންނާއި ގުޅޭ ޝަކުވާތަކާއި މައްސަލަތައް ބަލައި ފިޔަވަޅު އެޅުމާ އެކު އަދުލު އިންސާފު ގާއިމުކުރުމުގެ ބާރުގެ އާންމު އިދާރީ ކަންކަން ރާވައި ހިންގާ ބެލެހެއްޓުން ހިމެނެ އެވެ. އެހެންކަމުން ޝަރުއީ ދާއިރާގެ މިނިވަންކަން ކަށަވަރުކުރުމަށްޓަކައި ޖޭއެސްސީ އިސްލާހުކުރަންޖެހެ އެވެ. އަދި އެކަން އަވަސް ކުރަންވެސް ޖެހެ އެވެ.
އެމްޑީޕީގެ މެނިފެސްޓޯގެ 105 ވަނަ ސޮފްހާ
އެމްޑީޕީން ހުށަހަޅަނީ ފަނޑިޔާރުންނަށް ފާރަވެރިވެ ފަނޑިޔާރުންގެ ސުލޫކީ މިންގަނޑު ބެލެހެއްޓުމަށް އޮތް ޖުޑިޝަލް ސާވިސް ކޮމިޝަން އެކުލެވިގެންވާ ގޮތަށާއި، އެކުލަވާލާ ގޮތަށް ބަދަލު ގެނައުމަށެވެ. ފަނޑިޔާރުންގެ ޒާތީ މަސްލަހަތާއި ތައައްސުބުން އެއްކިބާވެފައިވާ ޖުޑިޝަލް ސާވިސް ކޮމިޝަނެއް ގާއިމުކުރުމަށެވެ.
- ޖޭއެސްސީގެ މެންބަރުން ކަނޑައަޅާއިރު ފަނޑިޔާރުންނާއި، މަގާމުގެ ހައިސިއްޔަތުން އައްޔަންކުރެވޭ ފަރާތްތައް ކޮމިޝަންގައި ނުހިމެނުން.
- ކޮމިޝަންގައި ހިމެނޭ ހުރިހާ މެންބަރުންނަކީ އާންމު ރައްޔިތުންގެ ތެރެއިން ބަޔަކަށްވުމާ އެކު އެއްވެސް މެންބަރަކީ ވަކި ދާއިރާއަށް ހާއްސަވެފައިވާ މީހަކަށް ވާން ނުޖެހުން.
- މެންބަރުންގެ ޝަރުތުތަކުގެ ތެރޭގައި ޑިގްރީއެއް އޮތުމާއި، ކުށުގެ ރެކޯޑެއް ނެތުން ފަދަ ޝަރުތުތަކެއް ކަނޑައެޅިފައި އޮތުން.
- ޖޭއެސްސީގެ ނިންމުންތައް އެއްވެސް ކޯޓަކުން ނުބެލޭނެ ކަމަށް ގާނޫނުގައި ކަނޑައަޅައި ބަޔާންކުރުން.
- ޖޭއެސްސީގެ ދައުރަކީ ތިން އަހަރު ކަމުގައި ހެދުން
2020 ވަނަ އަހަރުގެ ކުރިއަށް ގާނޫނުއަސާސީ އިސްލާހުކޮށް އެއަށް އަމަލުކުރަން ފަށަންވާނެ ކަމަށްވެސް އެމްޑީޕީގެ މެނިފެސްޓޯގެ 99 ވަނަ ސޮފްހާގައި ބުނެފައިވެ އެވެ. ޖޭއެސްސީ އިސްލާހު ކުރެވޭނީ ގާނޫނުއަސާސީ އިސްލާހުކޮށްގެން ކަމަށްވާއިރު އެކަން ކުރަން ބުނި މުއްދަތު ވެސް އެވަނީ ފަހަނައަޅައި ގޮސްފަ އެވެ.
ތޯރިގުގެ އިސްލާހާއި އެމްޑީޕީން އަމަލުކުރި ގޮތް
އެމްޑީޕީއަށް މަޖިލީހުގެ ސުޕަ މެޖޯރިޓީ ލިބިފައިވާތީ ގާނޫނުއަސާސީ އިސްލާހުކުރުމަށް އެމްޑީޕީއާއި ސަރުކާރުން ބޭނުންވާނަމަ އެކަން ކުރެވޭނެ އެވެ. ސަރުކާރުން އެ މަސައްކަތް ފެށުން ލަސްކުރާތީ އިދިކޮޅު މަހިބަދޫ ދާއިރާގެ މެންބަރު އަހްމަދު ތޯރިގު ވަނީ ޖޭއެސްސީ އެކުލެވިގެންވާ ގޮތް ބަދަލުކުރުމަށްޓަކައި ގާނޫނުއަސާސީގެ 158، 161، 162، 164 އަދި 165 ވަނަ މާއްދާ އިސްލާހުކުރުމަށް ގާނޫނުއަސާސީއަށް ބިލެއް ހުށަހަޅުއްވާފަ އެވެ.
މަޖިލީހަށް މިދިޔަ ހޯމަ ދުވަހު ބިލް ހުށަހަޅުއްވަމުން ތޯރިގު ވިދާޅުވީ ޖޭއެސްސީ މިހާރު އޮތް ގޮތް ބަދަލުކުރަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި އެމްޑީޕީން ބޭނުންވާތީ އޭނާ ބިލެއް ހުށަހެޅުއްވީ އެކަމަށް ފަސޭހަކޮށްދިނުމަށް ކަމަށެވެ. އޭނާ ހުށަހެޅުއްވި ބިލް ކޮމިޓީ އަށް ގެންގޮސް ސަރުކާރުން ގެންނަން ބޭނުންވާ އިސްލާހެއް ގެނެސް އެއީ ސަރުކާރުން ހުށަހެޅި ބިލަކަށް ހަދައި އެ ބިލް ފާސްކުރި ނަމަވެސް މައްސަލައެއް ނެތް ކަމުގައި ވިދާޅުވި އެވެ. ތޯރިގު ބޭނުންވަނީ ޖޭއެސްސީ އެކުލަވާލާފައިވާ ގޮތް ވީހާވެސް އަވަހަށް ބަދަލުކުރާށެވެ.
މިއީ ތޯރިގު އެ ބިލް މަޖިލީހަށް ހުށަހެޅުއްވި ދެވަނަ ފަހަރެވެ. ފުރަތަމަ ފަހަރު ބިލް ހުށަހެޅުއްވުމުން އިބްތިދާއީ ބަހުސަށްފަހު އެމްޑީޕީގެ އަގުލަބިއްޔަތު އޮތް މަޖިލީހުން ވަނީ ބިލް ބޭރުކޮށްލާފަ އެވެ. އެ ފަހަރު އެމްޑީޕީގެ އެއްވެސް މެންބަރަކު އެ ބިލްގެ ބަހުސްގައި ބައިވެރިވެފައެއް ވެސް ނުވެ އެވެ.
ތޯރިގު ދެވަނަ ފަހަރަށް ޖޭއެސްސީ އިސްލާހުކުރަން ހުށަހެޅުއްވިއިރު ބައެއް ބަދަލުތައް ކުރީގެ ބިލަށް ގެނެސްފައިވެ އެވެ. އޭނާ ކުރިން ހުށަހެޅުއްވި ބިލްގައި އޮތީ ޖޭއެސްސީގައި މިހާރުވެސް މެންބަރުން ތިބި އަދަދަށް 10 މެންބަރުން ހިމެނޭ ގޮތަށެވެ. ނަމަވެސް މިހާރު މަޖިލީހުގައި ބަހުސްކުރަމުންދާ ބިލްގައި އޮތީ 8 މެންބަރުން ހިމެނޭ ގޮތަށް ޖޭއެސްސީ އެކުލަވާލުމަށެވެ. ޖޭއެސްސީގައި މިހާރު ތިއްބަވާ ބޭފުޅުންގެ ތެރެއިން ރައްޔިތުންގެ މަޖިލީހުގެ ރައީސް އާއި، މަޖިލީހުން ޖޭއެސްސީ އަށް ކަނޑައަޅުއްވާ މެންބަރާއި، ބަންޑާރަނައިބާއި، ފަނޑިޔާރުންގެ ހައިސިއްޔަތުން ތިއްބަވާ ބޭފުޅުންނާއި، އާންމު ރައްޔިތުންގެ ތެރެއިން މަޖިލީހުން ޖޭއެސްސީއަށް ކަނޑައަޅުއްވާ މެންބަރާއި، ސިވިލް ކޮމިޝަންގެ ރައީސްއާއި، ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރައްވާ މެންބަރު ޖޭއެސްސީން އުނިކުރަން ތޯރިގު ވަނީ ހުށަހަޅުއްވާފަ އެވެ.
އެ ހުށަހެޅުއްވުން މަޖިލީހުން ފާސްކޮށްފިނަމަ ޖޭއެސްސީގައި މިހާރު ތިއްބަވާ ބޭފުޅުންގެ ތެރެއިން ކޮމިޝަންގައި އިންނަވާނީ ވަކީލުންގެ ތެރެއިން އިންތިހާބު ކުރާ ވަކީލް އެކަންޏެވެ. ނަމަވެސް ތޯރިގު ހުށަހެޅުން ފާސްވެ ކަމާ ގުޅޭ ގާނޫނާއި ގަވައިދުތައް އެކުލަވާލުމަށްފަހު، ޖޭއެސްސީ އަލުން އެކުލަވާލާ ގޮތަށް އޮތުމުން ވަކީލުންގެ ތެރެއިން ޖޭއެސްސީ އަށް އަލުން ބޭފުޅަކު އިންތިހާބު ކުރާނެތީވެ ވަކީލެއްގެ ގޮތުން މިހާރު ޖޭއެސްސީގައި އިންނެވި އަބްދުލްމާނިއު ހުސައިންގެ މަގާމު ވެސް ގެއްލޭނެ އެވެ.
"އެކިފަހަރު ޖުޑިޝަލް ސާވިސް ކޮމިޝަނަށް ނުފޫޒު ވަންނަނީ އެކި ދިމާލުން. އެ ނުފޫޒުތަކަކީ ބައެއް ވެރިކަމުގެ ތެރޭގައި ބަންޑާރަނައިބްގެ ފަރާތުން ވަންނަ ނުފޫޒުތައް. ބަންޑާރަނައިބް ހާއްސަކޮށް ޖުޑިޝަލް ސާވިސް ކޮމިޝަންގައި އިންނަވާ ކަމަށްވަންޔާ މިވަންނަނީ ސަރުކާރުގެ ސީދާ ނުފޫޒު. ރައީސުލްޖުމްހޫރިއްޔާ މެންބަރަށް ވުރެ ބަންޑާރަނައިބްގެ ނުފޫޒު ޖޭއެސްސީ ތެރޭގައި ބާރުގަދަ ވެގެން ގޮސް ސަރުކާރުން ބޭނުންވާ ގޮތަށް ޖުޑިޝަލް ސާވިސް ކޮމިޝަން، އެބާރުގެ ތެރޭގައި އޮޕަރޭޓް ކުރަމުންދާ ގޮތަށް މީގެކުރިން އެބައޮތް ފެނިފައި،" ޖޭއެސްސީން ސިޔާސީ ބޭފުޅުން ދުރުކުރަންޖެހޭ ކަމަށް ފާހަގަކުރައްވާ ތޯރިގު ވިދާޅުވި އެވެ.
ޖޭއެސްސީ އިސްލާހުކުރަން ތޯރިގު ހުށަހަޅާ ގޮތް
- ޖޭއެސްސީ އިސްލާހު ކުރަން ހުށަހަޅާ ގޮތް
- ފަނޑިޔާރުންގެ ތެރެއިން ޝަރަފުވެރިކަމާ އެކު މުސްކުޅިކޮށްފައިވާ އަދި ކޯޓުތަކުގައި ވަކާލާތު ނުކުރާ މީހުންގެ ތެރެއިން އިންތިހާބުކުރާ މީހެއް
- ވަކީލުންގެ ތެރެއިން އިންތިހާބުކުރާ ވަކީލެއް
- ވަކީލުންގެ ތެރެއިން އިންތިހާބުކުރާ އަންހެން ވަކީލެއް
- ޔުނިވަސިޓީތަކުގައި އިސްލާމީ ޝަރީއަތުގެ އިލްމު ކިޔަވައިދޭ މުދައްރިސުންގެ ތެރެއިން އިންތިހާބުކުރާ މީހެއް
- ޔުނިވަސިޓީތަކުގައި ގާނޫނީ އިލްމު ކިޔަވައިދޭ މުދައްރިސުންގެ ތެރެއިން އިންތިހާބުކުރާ މީހެއް
- ތައުލީމީ ދާއިރާ އިން މަތީ ތައުލީމު ހާސިލްކޮށްފައިވާ އަދި ސިޔާސީ ގޮތުން ހަރަކާތްތެރި ނުވާ ތަޖުރިބާކާރުންގެ ތެރެއިން އިންތިހާބުކުރާ މީހެއް
- ވިޔަފާރީގެ ދާއިރާއަކުން މަތީ ތައުލީމް ހާސިލްކޮށްފައިވާ އަދި ސިޔާސީ ގޮތުން ހަރަކާތްތެރި ނުވާ ތަޖުރިބާކާރުންގެ ތެރެއިން އިންތިހާބުކުރާ މީހެއް
- ގާނޫނީ ފަންނު ފިޔަވައި އެހެން ފަންނަކުން މަތީ ތައުލީމް ހާސިލްކޮށްފައިވާ އަދި ސިޔާސީ ގޮތުން ހަރަކާތްތެރި ނުވާ ތަޖުރިބާކާރުންގެ ތެރެއިން އިންތިހާބުކުރާ މީހެއް
ތޯރިގުގެ އިސްލާހަށް ބަހުސްކުރެއްވި އެމްޑީޕީގެ މެންބަރުން އެ އިސްލާހަށް ދެކޮޅު ހެއްދެވި އެވެ. ނަމަވެސް ޖޭއެސްސީ އެކުލަވާލާފައިވާ ގޮތަށް ބަދަލުތަކެއް ގެންނަންޖެހޭ ކަމަށް އެމްޑީޕީގެ ގިނަ މެންބަރުން ބަހުސްގައި ފާހަގަކުރެއްވި އެވެ. އެކަމަކު އެމްޑީޕީން ކުރިން ވަކާލާތު ކުރި ގޮތާ ހިލާފަށް މިފަހަރު އެމްޑީޕީގެ މެންބަރުން ވަކާލާތު ކުރެއްވީ ޖޭއެސްސީގައި ސިޔާސީ ބޭފުޅުން ކޮންމެވެސް ވަރަކަށް ތިއްބެވުމަށެވެ. ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދުގެ ވިސްނުމަކީ ވެސް ސިޔާސީ ބޭފުޅުން ކޮންމެވެސް ވަރަކަށް ޖޭއެސްސީގައި ތިއްބެވުމެވެ. ހާއްސަކޮށް ރައްޔިތުން އިންތިހާބުކޮށްގެން މަގާމުތަކަށް އަންނަ ސިޔާސީ ބޭފުޅަކު ޖޭއެސްސީގައި އިންނެވުމަކަށް އެމްޑީޕީގެ މެންބަރުން މިހާރު ދެކޮޅެއް ނުހައްދަވަ އެވެ. އެކަމަކު އެ ބޭފުޅުންގެ އެ ވިސްނުމުގައި ޖޭއެސްސީ އެކުލަވާލެވިދާނެ ގޮތުގެ ތަސައްވުރެއް އެއްވެސް ބޭފުޅަކު ހިއްސާކުރައްވާފައެއް ނުވެ އެވެ.
ތޯރިގު ހުށަހަޅުއްވާފައިވަނީ ސިޔާސީ އެއްވެސް ކަމެއްގައި ނޫޅުއްވާނެ ކަމަށް އެ ބޭފުޅާއަށް ގަބޫލުކުރެއްވޭ ބޭފުޅުންތަކެއް ތިން އަހަރުގެ މުއްދަތަކަށް ޖޭއެސްސީއަށް އިންތިހާބުކޮށްގެން އެ ކޮމިޝަން އެކުލަވާލުމުގެ ވިސްނުމެކެވެ.
އެމްޑީޕީގެ ވިލުފުށި ދާއިރާގެ މެންބަރު ހަސަން އަފީފް ސުވާލު އުފެއްދެވީ ސިޔާސީ ނޫން ބޭފުޅުން ޖޭއެސްސީ އަށް އިންތިހާބު ކުރަން ތޯރިގު ހުށަހަޅުއްވާފައިވާތީ އެކަން މާނަކުރާނެ ގޮތަކާ މެދު އެވެ. ތޯރިގުގެ ހުށަހެޅުއްވުމުގައި ވަނީ ކޮންމެ ބޭފުޅަކުން އިންތިހާބުކޮށްގެން ޖޭއެސްސީ އަށް ނެގުމުގެ ވިސްނުމެއް ކަމަށްވާތީ ރާއްޖޭގެ ސިޔާސީ މަސްރަހު އޮތް ގޮތުން އިންތިހާބުތައް ސިޔާސީ ވާނެ ކަމުގައި ގާނޫނު އަސާސީ އެކުލަވާލި ހާއްސަ މަޖިލީހުގައި ވެސް އިންނެވި ހަސަން އަފީފް ވިދާޅުވި އެވެ.
"އންތިހާބަކަށް ކުރިމަތިލާއިރު އެ ސިޔާސީ ނުވެ ނުދާނެ. ނުފޫޒުތަކެއް އެބަ އާދޭ،" އިންތިހާބު ކޮށްގެން ޖޭއެސްސީ އަށް މެންބަރުން ހޮވާ ގޮތަށް އޮތުމުން ކަންބޮޑުވެވަޑައިގެން އަފީފް ވިދާޅުވި އެވެ.
މަރަދޫ ދާއިރާގެ މެންބަރު އިބްރާހިމް ޝަރީފް ވިދާޅުވީ ދުނިޔޭގެ އެއްވެސް ގައުމެއްގައި ސިޔާސީ ނުފޫޒް ނުވަންނަ ގޮތަށް އެއްވެސް ތަނެއް އެކުލަވާލާފައި ނެތް ކަމަށެވެ. އެކަމަކު ސިޔާސީ ނުފޫޒުން ޖޭއެސްސީ އެއްކިބާވެފައި އޮންނަ ޖެހޭ ކަމަށް އޭނާ ވެސް ގަބޫލުކުރައްވަ އެވެ. އެކަމަކު ތޯރިގުގެ ހުށަހެޅުމަށް ވުރެ ރަނގަޅު ގޮތެއް ޝަރީފް ވިދާޅުވެފައެއް ނުވެ އެވެ. ހަސަން އަފީފާއި ޝަރީފް ވެސް ވިދާޅުވީ ގާނޫނުއަސާސީއާ އަވަސް އަވަހަށް ކުޅެ އިސްލާހުކުރުމަކީ ގަބޫލުކުރެވޭނެ ގޮތެއް ނޫން ކަމަށާއި އެކަން ކުރަންވާނީ ރައްޔިތުންނާއި ސިޔާސީ ޕާޓީތަކުގެ މެދުގައި ފުޅާދާއިރާއެއްގައި މަޝްވަރާކުރެވިގެން ކަމަށެވެ.
"މިހެން ތިބެފައި އަޅުގަނޑުމެން ގާނޫނުއަސާސީއާ ކުޅިވަރު ކުޅޭހެން ކުޅެން ފަށައިފިނަމަ މި ގައުމަށް ދުވަހަކު ވެސް ހަމަޖެހުމެއް، ހިތްހަމަޖެހުމެއް ނާންނާނެ،" ގާނޫނުއަސާސީ އެކުލަވާލި ހާއްސަ މަޖިލީހުގެ އައްޑޫގެ މެންބަރު އިބްރާހީމް ޝަރީފް ވިދާޅުވި އެވެ.
އެމްޑީޕީގެ ހޯރަފުށި ދާއިރާގެ މެންބަރު އަހްމަދު ސަލީމް ވިދާޅުވީ ޖޭއެސްސީ ވިޔަސް އަދި އެހެން މުއައްސަސާއެއް ވިޔަސް ރަނގަޅަށް ހިނގާނީ އެތަނެއްގައި ތިއްބަވާ ބޭފުޅުން ވަކިން ހާއްސަކޮށް ޝަރުއީ ދާއިރާނަމަ ފަނޑިޔާރުން ތެދުވެރިކަމާއި އަމާނާތްތެރިކަމާ އަދި ހެޔޮ ނިޔަތެއްގައި މަސައްކަތްކޮށްގެން ކަމަށެވެ. ޖޭއެސްސީ އަލުން އެކުލަވާލާނަމަ އެތަނުގައި ތިއްބަވާ ގިނަ މެބްބަރުންނަކީ ސީދާ ޝަރުއީ ދާއިރާއާ ގުޅިފައި ތިބޭ ބަޔަކަށް ވާންޖެހޭނެ ކަމަށް ވިދާޅުވެ ސަލީމް އޭނާގެ އަމިއްލަފުޅު ވިސްނުމެއް ތިލަކުރެއްވި އެވެ.
"ކިތަންމެ އިސްލާހެއް ގާނޫނަށް ގެނައި ނަމަވެސް މިދެންނެވި ހެޔޮ ނިޔަތް ނެތްނަމަ މައްސަލަތައް ހައްލު ނުކުރެވޭނެ،" ސަލީމް ވިދާޅުވި އެވެ.
އެމްޑީޕީގެ ތަރުޖަމާން އަދި މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒް ފަހުމީ ވިދާޅުވީ ޝަރުއީ ދާއިރާ އިސްލާހުކޮށް، އަދުލު އިންސާފު ކަށަވަރުކުރުމަކީ އޭނާ ނިސްބަތްވެވަޑައިގަންނަވާ އެމްޑީޕީއާއި ސަރުކާރުގެ ވައުދަކަށް ވާތީ ޖޭއެސްސީ އެކުލަވާލާފައިވާ ގޮތް އެމްޑީޕީއާއި މިސަރުކާރުން ބަދަލުކުރާނެ ކަމަށެވެ. އެކަން ކުރާނެ ގޮތެއް އަދި ވަގުތީ ތާރީހެއް ނަމަވެސް ނުދެއްވަ އެވެ.
ޖޭއެސްސީ އަލުން އެކުލަވާލާއިރު އެތަނުގައި ސިޔާސީ މީހުން ނުތިބޭ ފޯމިއުލާއަކަށް އިމްތިޔާޒު ތާއީދެއް ވެސް ނުކުރައްވަ އެވެ. އެގޮތަށް އިމްތިޔާޒު ވިދާޅުވީ ބަންޑާރަނައިބް އިބްރާހީމް ރިފްއަތުގެ ދައުވަތަކަށް 2019 ވަނަ އަހަރު ރާއްޖެ ވަޑައިގެންނެވި ދެކުނު އެފްރިކާގެ ސުޕްރީމް ކޯޓުގެ ރިޓަޔާޑް ފަނޑިޔާރެއް ކަމަށްވާ ޔޯހާން ކްރިގްލާގެ ދިރާސީ ރިޕޯޓަކާ ހަވާލާދީ އެވެ. ކްރީގްލާގެ ދިރާސާއަކަށް އިޝާރާތްކުރައްވައި އިމްތިޔާޒު ވިދާޅުވީ ޖޭއެސްސީގައި ސިޔާސީ މީހުން ނެތުމަކީ "ތަސައްރަފް ނުފުދޭ، ޅަ ވިސްނުމެއް" ކަމަށެވެ.
ޖޭއެސްސީ އޮތް ގޮތާ މެދު ތަޖުރިބާކާރުންގެ ވިސްނުން
އިންޓަނޭޝަނަލް ކޮމިޝަން އޮފް ޖޫރިސްޓް، އައިސީޖީ އިން ރާއްޖޭގެ ޝަރުއީ ދާއިރާއާ ގުޅޭ ގޮތުން 2011 ވަނަ އަހަރާއި 2013 ވަނަ އަހަރު އެކުލަވާލި ރިޕޯޓްގައި ޖޭއެސްސީ "މާބޮޑަށް ސިޔާސީ" ކަމަށް ބުނެފައިވެ އެވެ. ޖޭއެސްސީގައި ޝަރުއީ ދާއިރާއާ ގުޅުމެއް ނެތް ބޭފުޅުން ތިބުމަކީ ސީރިއަސް ގޮތެއްގައި ވިސްނަން ޖެހޭ ކަމެއް ކަމަށް އެ ރިޕޯޓް އެކުލަވާލެއްވި އައިސީޖީގެ އޭޝިއާ ޕެސިފިކް ޑައިރެކްޓާ ރޮޖާ ނޯމަން ވިދާޅުވެފައިވެ އެވެ. ސިވިލް ސާވިސްގެ ރައީސް އާއި މަޖިލީހުގެ ރައީސް އަކީ އެގޮތަށް ގުޅުމެއް ނެތް ބޭފުޅުންގެ ގޮތުގައިވެސް ސިފަކުރައްވާފައިވެ އެވެ.
ޖޭއެސްސީގެ ރައީސް ކަމުގެ މަގާމުގައި މިވަގުތު ހުންނެވި ތުޅާދޫ ދާއިިރާގެ މެންބަރު ހިސާން ހުސައިން އެ މަގާމާ ހަވާލުވެވަޑައިގެންނެވުމުގެ ކުރިން ވިދާޅުވެފައިވާ އޮތް ވިދާޅުވުމެކެވެ. "ޖޭއެސްސީގައި ތިއްބަވަން ޖެހޭނީ ނަޒާހަތްތެރި، ގާބިލު، ތައުލީމީ ބޭފުޅުން،"ނެވެ.
ދޮރުތައް ބަންދުކޮށްގެން އެކަމަކު ބައެއް ނޫސްވެރިންނަށް ފުރުސަތު ދީގެން ކުރިއަށް ގެންދިޔަ 2019 ވަނަ އަހަރުގެ ޝަރުއީ ދާއިރާގެ މަހާސިންތާގައި ހިސާން ވިދާޅުވެފައި ވަނީ ޖޭއެސްސީ ބައްޓަން ކޮށްފައި އޮތީ ބާރުގަދަ ސިޔާސީ ފަރާތްތަކުގެ ނުފޫޒު ވަންނަ ގޮތަށް ކަމަށެވެ. އެހެންވެ، ޝަރުއީ ދާއިރާ އިސްލާހު ކުރަން ޖޭއެސްސީ އެކުލަވައިލެވޭ ގޮތް ބަދަލު ގެނައުން މުހިއްމު ކަމުގަ އެވެ. އެކަމަކު އޭރު ހިސާން ވިދާޅުވި ގޮތަށް ޖޭއެސްސީ އަށް ނުފޫޒު ވަންނަ މައި ދޮރު ކަމަށްވާ "ސިޔާސީ ބޭފުޅާ" ބޭރުކުރައްވަން ވަކާލާތެއް ނުކުރައްވަ އެވެ. ކުރީގައި ޖޭއެސްސީގައި އޭރުގެ މަޖިލީހުގެ ރައީސްގެ ހައިސިއްޔަތުން އަބްދުﷲ މަސީހާއި ގާސިމް އިބްރާހީމް އިންނެވުމުން ބޮޑު މައްސަލައަކަށްވި އެވެ. އެކަމަކު މަޖިލީހުގެ ރައީސްގެ ހައިސިއްޔަތުން ރައީސް ނަޝީދު އިންނެވުން މައްސަލައެއްގެ ގޮތުގައި އެމްޑީޕީގެ ގިނަ މަޖިލިސް މެންބަރުން ދެކެވަޑައެއް ނުގަންނަވަ އެވެ.
މިހާރު އަމަލުކުރަމުންދާ ގާނޫނުއަސާސީ އެކުލަވާލި ޑްރާފްޓިން ކޮމިޓީއަށް އެހީތެރިކަން ފޯރުކޮށްދެއްވުމަށް އެދުވަސްވަރު ރާއްޖެ ވަޑައިގެންނެވި ކެނަޑާގެ ޕްރޮފެސަރު ސްމައިޒާގެ ވިސްނުމުގައި ޖުޑިޝަލް ސާވިސް ކޮމިޝަން އެކުލަވާލުމުގައި ވަކި ހާއްސަ ގޮތެއް ނެތެވެ. އެ ބޭފުޅާގެ މައިގަނޑު ވިސްނުމަކީ ވެސް ޖޭއެސްސީ އަކީ މިނިވަން މުއައްސަސާއެއް ނަމަ ނުފޫޒުތައް ކުޑަވާނެ ގޮތަކަށް އެކަން ކުރުމެވެ. ޑްރާފްޓިން ކޮމިޓީގައި ޝަރުއީ ދާއިރާއާ ގުޅޭ ބައިތައް ފާސްކުރީ ވެސް ގާތްގަނޑަކަށް 10 ވަރަކަށް ޑްރާފްޓް ހުށަހަޅައިގެން އޭރުގެ ސަރުކާރަށް ތާއީދު ކުރެއްވި މެންބަރުންނާއި އޭރުގެ އިދިކޮޅު މެންބަރުން 283 ގަޑިއިރު ޑްރާފްޓިން ކޮމިޓީގައި މަސައްކަތް ކުރައްވައިގެންނެވެ. ދުނިޔޭގެ އެކި ގައުމުތަކުގެ 20 ގާނޫނުއަސާސީ އޭރު ދިރާސާ ވެސް ކޮށްފައިވެ އެވެ.
ސަރުކާރުގެ ވިސްނުން
ނަން ނުޖެހުމަށް ޝަރުތުކޮށް ސަރުކާރުގެ ލީގަލް ރިފޯމް އެޖެންޑާގެ މަސައްކަތުގައި އިސްކޮށް އުޅުއްވާ ބޭފުޅަކު ވިދާޅުވީ ޖޭއެސްސީ އެކުލަވާލާފައިވާ ގޮތް ބަދަލުކުރާނެ ކަމަށް މެނިފެސްޓޯގައި އޮތް ނަމަވެސް ސަރުކާރުން ބޭނުންވަނީ ޝަރުއީ ދާއިރާ އިސްލާހު ކުރުމަށް ކަމަށެވެ. އެ އިސްލާހުތައް ނިމި މުޅި ނިޒާމު ފުރިހަމަވުމުން އޭގެ ޒާތުގައި ޖޭއެސްސީގައި ތިއްބެވި ބޭފުޅުންނާއި ފަނޑިޔާރުން ޕްރޮފެޝަނަލް ކޮށް މަސައްކަތް ކުރައްވާނެ ކަމަށެވެ.
"އަޅުގަނޑުމެންނަށް ހަގީގަތުގައި އަދި މިބަދަލު މި ގެނެވުނީ ހަމައެކަނި ސުޕްރީމް ކޯޓަށް ދެއްތޯ. ހައިކޯޓަށް ވެސް އަދި އެ ބަދަލެއް ނުގަނެވޭ. އަދި މުޅިން އަލަށް މި އައްޔަންކުރެވުނީވެސް ހައެއްކަ ފަނޑިޔާރުން. އެހެންވީމާ މުޅި ނިޒާމު ބަދަލުކުރަން އަދި ވަގުތުކޮޅެއް ނަގާނެ،" އޮފިޝަލް ވިދާޅުވި އެވެ.
އޭނާ އިތުރަށް ވިދާޅުވީ ޖޭއެސްސީ އެކުލަވާލާފައިވާ ގޮތް ބަދަލުކުރާނެ ކަމަށް މެނިފެސްޓޯގައި އޮތް ނަމަވެސް މިހާތަނަށް ވެސް އެކަން ކުރާނެ ގޮތުގެ ކުރެހުމެއް ސަރުކާރުގައި ނެތް ކަމަށެވެ. އޭގެ މާނައަކީ މިހާރު ސަރުކާރުން އެކަމަށް އިސްކަން ނުދެނީތޯ އެއްސެވުމުން ވިދާޅުވީ އެއީ "ފުއްދަވަން ޖެހޭ ވައުދެއް ނަމަ ދެން ކޮންމެވެސް ގޮތެއް ހޯދާނެ" ކަމަށެވެ.
ޖޭއެސްސީ އެކުލެވިގެންވާ ގޮތް ބަދަލުކުރައްވާނެ ކަމަށް ރައީސް ސޯލިހް ވެވަޑައިގެންނެވި ވައުދު ފުއްދެވުން ލަސްވާތީ އަމާޒުކުރި ފާޑުކިޔުންތަކާއި ގުޅިގެން ރައީސް ސޯލިހު ވެސް އެންމެ ފަހުން ދެއްވީ ވަރަށް ހެއްވާ ޖަވާބެކެވެ. ވިދާޅުވިއެވެ؛ "[އެއީ] މަތި މައްޗަށް ހުވާ ކޮށްގެން ތިއްބަވާ ބޭފުޅުން، އެންމެ މިނިވަންވާން ޖެހޭނީ އެ ބޭފުޅުން ނޫންތޯ؟،" އެހެންވީމަ އެއަށްވުރެ އިންސާފުވެރި ބައެއް ވަކި ހޯދާނީ ކޮންތާކުންތޯ ރައީސް އައްސަވަ އެވެ.
ސަރުކާރަށް ތާއީދު ކުރައްވާ އެމްޑީޕީގެ މަޖިލިސް މެންބަރުންނާއި ރައީސް ސޯލިހުގެ ވިސްނުންފުޅު ހުރި ގޮތުން ޖޭއެސްސީ އިސްލާހު ކުރާނެ ކަމާމެދު މިހާރު ޝައްކު އުފެދެ އެވެ. އެކަމަކު ޖޭއެސްސީ އަދިވެސް އޮތީ ގަދަ ނުފޫޒަށް ދޮރު ހުޅުވާފަ އެވެ.. ބަދަލުވީ ޖޭއެސްސީގެ ގޮނޑިތަކުގައި ތިއްބެވި ބޭފުޅުންނެވެ. ސަރުކާރުގައި ނެތީ ޖޭއެސްސީ ބަދަލުކުރާނެ ވިސްނުމާއި ފޯމިއުލާ އެވެ.