ލައިފްސްޓައިލް

ކައިވެނީގެތެރޭ ނަށަން ހުއްޓާ މަރުވެއްޖެ

އިންޑިއާގެ ރާޖަސްތާނުގެ އަލްވާރު ޑިސްޓްރިކްޓްގައި އޮތް ކައިވެނީގެ އުފާވެރި މާހައުލެއް ކުއްލިއަކަށް ބޮޑު ހިތާމައަކަށް ބަދަލުވެއްޖެ އެވެ. މިހެން ދިމާވީ ކައިވެނިކުރަން ހަމަޖެހިފައިވާ ފިރިހެންމީހާގެ މަންމަ ކުއްލިގޮތަކަށް މަރުވެގެން ވެއްޓުމުންނެވެ.

އަންހެންމީހާ މަރުވެގެން ވެއްޓުނީ އޭނާގެ ދަރިފުޅުގެ އަތްމައްޗަށެވެ. އޭރު އަންހެންމީހާ ހުރީ ދަރިފުޅާއެކު ނަށާށެވެ. ކައިވެނީގެ ރަސްމިއްޔާތުގައި ނަށަން ހުއްޓާ މަރުވީ 55 އަހަރުގެ ނީލަމް ކިޔާ އަންހެނެކެވެ. އެ އަންހެންމީހާ ނަށަން ހުއްޓާ ނަގާފައިވާ ވިޑީއޯތައް މިހާރު ސޯޝަލް މީޑިއާގައި ދައުރުވަމުންދާއިރު އެ ވީޑިއޯގައި ފެންނަނީ އަންހެންމީހާ ނަށަން ހުއްޓާ އަރިއަޅާލަތަން ފެނިގެން އޭނާގެ ދަރިފުޅު ގޮސް ހިފަހައްޓާ މަންޒަރެވެ. ހޮސްޕިޓަލަށް ގެންދިޔައިރުވެސް އަންހެންމީހާ އޮތީ މަރުވެފައި ކަމަށް އިންޑިޔާގެ ނޫސްތަކުން ވަނީ ބުނެފަ އެވެ.

މި ހިނގާ ފެބްރުއަރީ މަހުގެ 3 ވަނަ ދުވަހު ހިނގި މި ހާދިސާގެ ސަބަބުން ކައިވެނި ރަސްމިއްޔާތު ވަނީ ކެންސަލްކޮށްފަ އެވެ.

އިންޑިޔާގެ ނޫސްތަކުން ބުނެފައިވާ ގޮތުގައި މަރުވި އަންހެންމީހާ އަކީ ހިތުގެ ބައްޔަކަށް ބޭސް ކުރަމުންދާ މީހެކެވެ. އަންހެންމީހާ 20 ވަރަކަށް ސިކުންތު ނަށާލިތަނާ ހާޓް އެޓޭކެއް ޖެހި މަރުވީ ކަމަށް ވެސް މި ޚަބަރުގައި ބުނެފައި ވެއެވެ.