ކުދި އަދި މެދު ފަންތީގެ ވިޔަފާރީގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލުގެ ބަހުސް ރައްޔިތުންގެ މަޖިލީހުގެ ތަޅުމުގައި މިއަދު ފަށައިފި އެވެ.
ސަރުކާރުގެ ފަރާތުން މިލަންދޫ ދާއިރާގެ މެމްބަރު އަލީ ރިޒާ ހުށަހެޅުއްވި ބިލުގެ ފުރަތަމަ ކިއުން އިއްވާފައިވަނީ މިދިޔަ ނޮވެމްބަރު މަހުގެ 24 ވަނަ ދުވަހު އެވެ.
ބިލުގެ ބޭނުމަކީ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތައް ހަރުދަނާކުރުމުގެ ގޮތުން އެފަދަ ވިޔަފާރިތައް ގިންތިކުރުމުގައި ރިއާޔަތްކުރާ މައުލޫމާތުތަކުގެ ތެރޭގައި މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީހުން ބަލަހައްޓާ މައުލޫމާތުތައް ހިމެނުން ކަމަށް ބުނެފައި ވެއެވެ. އަދި އަލަށް ރަޖިސްޓްރީކުރާ ވިޔަފާރިތައް ރަޖިސްޓްރީކުރެވޭ ތާރިހުން ފެށިގެން ގިންތިކުރުމުގައި އަމަލުކުރާނެ އުސޫލުތައް ބަޔާންކުރުމެވެ.
މީގެ އިތުުރުން ވަޒީފާއާ ބެހޭ ގާނޫނުގެ ދަށުން އެންމެ ކުޑަމިނުން ދޭން ޖެހޭ އުޖޫރަ ކަނޑައެޅުމުގައި އެފަދަ ވިޔަފާރިތަކަށް ނިސްބަތްކޮށް ވަކިވަކި އަދަދުތައް ކަނޑައެޅިފައިވާތީ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތައް ގިންތިކުރުމުގައި ގާނޫނުގައި ބަޔާންކުރާ އުސޫލުތައް އިތުރަށް ހަރުދަނާ ކޮށް ފުރިހަމަކޮށް އެންމެ ކުޑަމިނުން ދޭން ޖެހޭ އުޖޫރައަށް އަމަަލުކުރަން ފަށާ ތާރީހާ ހަމައަށް ރާއްޖޭގައި ހަރަކާތްތެރިވާ ހުރިހާ ވިޔަފާރިތަކެއް ގިންތިކުރުމަށް މަގުފަހިކުރުމެވެ.
ބިލުގައިވާ ގޮތުން ޕެންޝަން ސްކީމްގައި ރަޖިސްޓްރީކޮށްފައިވާ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކުން ޕެންޝަން އޮފީހަށް ހުށަހަޅާ މައުލޫމާތުތަކުގެ ތެރެއިން އެ ވިޔަފާރިތަކުގެ މުވައްޒަފުންގެ އަދަދުގެ މައުލޫމާތު ކޮންމެ އަހަރެއްގެ ޖުލައި މަސް ނިމުމުގެ ކުރިން ޕެންޝަން އޮފީހުން ރެޖިސްޓްރާއަށް ހުށަހަޅަން ޖެހޭނެ އެވެ.