ރައްޔިތުންގެ މަޖިލިސް

މެމްބަރު ފަޒާދުގެ ގޮނޑި ގެއްލިދާނެ ފަދަ މައްސަލައެއް ކޯޓުން ބޭރުގައި ހައްލުކުރަނީ

ވެރިކަން ކުރާ ޕީއެންސީއަށް ނިސްބަތްވާ، ރައްޔިތުންގެ މަޖިލީހުގެ ފުވައްމުލަކު މެދު ދާއިރާގެ މެމްބަރު އަލީ ފަޒާދުގެ ރަހުނު ހިމެނޭ ލޯނުގެ މައްސަލައެއް ކޯޓުން ބޭރުގައި ހައްލު ކުރަން ނިންމައިފި އެވެ.

މިއީ، އެސްއެމްއީ ޑިވެލޮޕްމެންޓް ފައިނޭންސް ކޯޕަރޭޝަނުން އަލީ ފަޒާދު އަދި އޭނާގެ އަނބިކަނބަލުން އައިޝަތު އަނީސް ގެރެންޓީދީގެން، އައިޝަތު އަނީސްގެ ނަމުގައި ރަޖިސްޓްރީކޮށްފައިވާ ކުންފުނި، ކިޔަވާ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑަށް ދޫކޮށްފައިވާ 3.6 މިލިއަން ރުފިޔާގެ ލޯނު ނުދައްކައިގެން އެސްއެމްއީ ޑިވެލޮޕްމެންޓް ފައިނޭންސް ކޯޕަރޭޝަނުން ހުށަހެޅި މައްސަލައެކެވެ.

މި މައްސަލައިގައި އެސްއެމްއީ ޑިވެލޮޕްމެންޓް ފައިނޭންސް ކޯޕަރޭޝަނުން އެދިފައިވަނީ ލޯނު އެއްބަސްވުމާ، ދައުވާ ލިބޭ އަލީ ފަޒާދު، އޭނާގެ އަނބިކަނބަލުން އަދި ކުންފުނިން ހިލާފުވެފައިވާ ކަމާއި ލޯނަށް ފައިސާ ނުދައްކާކަން ކަނޑައަޅައި، އެ ފައިސާއާ މެދު އަލީ ފަޒާދުއާއި އޭނާގެ އަނބިކަނބަލުން ޒިންމާވާން ޖެހޭނެކަމަށް ކަނޑައަޅައި، އަދި ރަހުނު ވިއްކާލުމުގެ ހުއްދަ ހޯދުމަށެވެ.

މިދިޔަ އާއްމު އިންތިހާބުގެ ކުރިން ސިވިލް ކޯޓަށް ހުށަހަޅާފައިވާ މި މި މައްސަލަ މިދިޔަ ހަފްތާގައި ކޯޓުން ނިންމީ، އެ ފައިސާ ދެއްކުމާމެދު، އަލީ ފަޒާދުއާއި އޭނާގެ އަނބިކަނބަލުން އަދި ކުންފުނިން އެސްއެމްއީ ޑިވެލޮޕްމެންޓް ފައިނޭންސް ކޯޕަރޭޝަނާއެކު ވާހަކަ ދައްކަމުންދާތީ އެ ފަރާތްތަކުން އެދިފައިވާ ގޮތަށް ދައުވާ އަނބުރާ ފޮނުވާލުމަށެވެ.

މި މައްސަލަ އަނބުރާ ނުގެންގޮސް ހުކުމަކާ ހަމައަށް ދިޔަނަމަ، އަލީ ފަޒާދުގެ ގޮނޑި ގެއްލޭނެ އެވެ. އެއީ، ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަމުގެ ޝަރުތު ގެއްލޭ ކަންކަމުގެ ތެރޭގައި ސާބިތު ދަރަންޏަށް ފައިސާ ނުދެއްކުން ހިމެނޭތީ އެވެ. މީގެ ކުރިންވެސް މިފަދަ މައްސަލަތަކުގައި ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ގޮނޑި ގެއްލިފައި އެބަހުއްޓެވެ.

ފަޒާދަކީ މިހާރު ޕީއެންސީގެ މެންބަރެއް ނަމަވެސް ކުރިން އޭނާ އުޅުއްވީ އެމްޑީޕީގައެވެ.