ސިވިލް ކޯޓް

ސަދާގެ މަރު: ކޯޓުން ބޭރުގައި މައްސަލަ ހައްލެއް ނުވި

ފުވައްމުލަކު ހޮސްޕިޓަލްގައި ފަރުވާދެމުން ދަނިކޮށް އެ ހޮސްޕިޓަލްގެ އިހުމާލުން އުމުރުން ފަސް އަހަރުގައި މަރުވި ސަދާ ސައުދުﷲގެ މަރުގެ މައްސަލައިގައި ގެއްލުމުގެ ބަދަލު ހޯދުމަށް ސިވިލް ކޯޓަށް ހުށަހަޅާފައިވާ މައްސަލަ ކޯޓުން ބޭރުގައި ހައްލުކުރުމަށް ދިން ފުރުސަތު ދައުލަތުން ދޫކޮށްލައިފި އެވެ.

ގެއްލުމުގެ ބަދަލު ހޯދަން ސަދާގެ އާއިލާއިން މައްސަލަ ސިވިލް ކޯޓަށް ހުށަހެޅީ އެޗްއާރްސީއެމް އިން އެންގި އެންގުމަކާ ގުޅިގެން އެ ބަދަލު ހޯދަން އޮތް ހައްގާ އެކުގައެވެ.

ސިވިލް ކޯޓުގައި މިދިޔަ އާދިއްތަ ދުވަހު އޮތް އަޑުއެހުމުގައި ސަދާގެ މައިންބަފައިންގެ ފަރާތުން ވަކީލް ވިދާޅުވީ ސަދާ މަރުވީ ދައުލަތުގެ އިހްމާލުން ކަމަށް އެއްބަސްވާނަމަ ގެއްލުމުގެ ބަދަލުގެ ގޮތުގައި ނަގާނެ އަދަދެއް ކަނޑައެޅުމަށް ކޯޓުން ބޭރުގައި ދައުލަތާ ވާހަކަދައްކަން ތައްޔާރަށް ތިބި ކަމަށެވެ. އެހެންވެ ދައުލަތުން އެދުނީ އެކަމުގައި މަޝްވަރާކުރަން ފުރުސަތު ދިނުމަށެވެ. ކޯޓުން އެ ދުވަހު ވަނީ އެކަމުގައި ގޮތްތަކެއް ނިންމުމަށް ދައުލަތަށް ދެ ދުވަހުގެ މުއްދަތެއް ދީފަ އެވެ.

ސިވިލް ކޯޓުގައި މިއަދު ބޭއްވި އަޑުއެހުމުގައި އެޓާނީ ޖެނެރަލް އޮފީހުގެ ފަރާތުން ބައިވެރިވި މުހައްމަދު ސުދައިސް ވިދާޅުވީ ސަދާގެ މަރުގެ މައްސަލައިގައި ޝަރުއީ މަރުހަލާގެ ތެރެއިން ގޮތެއް ކަނޑައެޅުމަށް ދައުލަތުން އެދޭތީ ދައުވާގެ ދިފާއުތައްވެސް ހުށަހަޅާފައި ވާނެ ކަމަށެވެ.

މިއަދުގެ އަޑުއެހުމުގައި ގާޒީ ވަނީ މިއީ ބޮޑު މައްސަލައެއް ކަމުގައި އެފަދަ މައްސަލަތައް ކުރިއަށް ގެންދާ އުސޫލުން މިމައްސަލައިގައިވެސް ޝަރީއަތް ގެންދާނެ ގޮތުގެ އިރުޝާދު ހަސްމުންނާ ހިއްސާކުރައްވާނެ ކަމަށެވެ.

ފުވައްމުލަކު ހޮސްޕިޓަލަށް ސަދާ ގެންދިޔައީ ބަނޑުގައި ރިއްސާ ހޮނޑުލާތީ ފުވައްމުލަކުގައި އޭރު ހުރި ފުލޫ ކްލިނިކަށް ދެއްކުމަށްފަހު އެތަނުން އަންގައިގެން އޮކްޓޫބަރު 1، 2021 ގައެވެ. ސަދާ މަރުވީ އޮކްޓޫބަރު 3، 2021 ގައެވެ.

ސަދާ މަރުވި ކަމަށް އާއިލާއިން ތުހުމަތު ކުރަނީ ފުވައްމުލަކު ހޮސްޕިޓަލުން ޖެހި އިންޖެކްޝަނަކަށްފަހު އެވެ.

ސަދާގެ މަރާ ގުޅިގެން ހެލްތު މިނިސްޓްރީން މައްސަލަ ތަހުގީގުކުރުމަށްފަހު އެކުލަވާލި ރިޕޯޓްގައި 21 ކަމެއް ފާހަގަކޮށްފައިވާއިރު އޭގެ ތެރޭގައި ސަދާ އަށް ފަރުވާ ދިން ޑޮކްޓަރުންނާއި ނަރުހުންގެ ބޮޑެތި އިހްމާލުތަކަކާއި ދޮގު މައުލޫމާތު ދިން މައްސަލަތަކެއް ފާހަގަކޮށްފައިވެ އެވެ.