ސިވިލް ކޯޓް

ސަދާގެ މަރު: ކޯޓުން ބޭރުގައި މައްސަލަ ހައްލުކުރަން ފުރުސަތު ދީފި

ފުވައްމުލަކު ހޮސްޕިޓަލްގައި ފަރުވާދެމުން ދަނިކޮށް އެ ހޮސްޕިޓަލްގެ އިހުމާލުން އުމުރުން ފަސް އަހަރުގައި މަރުވި ސަދާ ސައުދުﷲގެ މަރުގެ މައްސަލައިގައި ގެއްލުމުގެ ބަދަލު ހޯދުމަށް ސިވިލް ކޯޓަށް ހުށަހަޅާފައިވާ މައްސަލަ ކޯޓުން ބޭރުގައި ހައްލުކުރުމަށް ދައުލަތަށް މިއަދު ފުރުސަތު ދީފި އެވެ.

ސިވިލް ކޯޓުގައި މިއަދު އޮތް އަޑުއެހުމުގައި ސަދާގެ މައިންބަފައިންގެ ފަރާތުން ވަކީލް ވިދާޅުވީ ސަދާ މަރުވީ ދައުލަތުގެ އިހްމާލުން ކަމަށް އެއްބަސްވާނަމަ ގެއްލުމުގެ ބަދަލުގެ ގޮތުގައި ނަގާނެ އަދަދެއް ކަނޑައެޅުމަށް ކޯޓުން ބޭރުގައި ދައުލަތާ ވާހަކަދައްކަން ތައްޔާރަށް ތިބި ކަމަށެވެ. އެހެންވެ ދައުލަތުން އެދުނީ އެކަމުގައި މަޝްވަރާކުރަން ފުރުސަތު ދިނުމަށެވެ.

ދައުލަތުން މަޝްވަރާކޮށް ގޮތެއް ނިންމުމަށް ސިވިލް ކޯޓުން މިއަދު ދިނީ ދެ ދުވަހުގެ މުއްދަތެކެވެ.

ފުވައްމުލަކު ހޮސްޕިޓަލަށް ސަދާ ގެންދިޔައީ ބަނޑުގައި ރިއްސާ ހޮނޑުލާތީ ފުވައްމުލަކުގައި އޭރު ހުރި ފުލޫ ކްލިނިކަށް ދެއްކުމަށްފަހު އެތަނުން އަންގައިގެން އޮކްޓޫބަރު 1، 2021 ގައެވެ. ސަދާ މަރުވީ އޮކްޓޫބަރު 3، 2021 ގައެވެ.

ސަދާ މަރުވި ކަމަށް އާއިލާއިން ތުހުމަތު ކުރަނީ ފުވައްމުލަކު ހޮސްޕިޓަލުން ޖެހި އިންޖެކްޝަނަކަށްފަހު އެވެ.

ސަދާގެ މަރާ ގުޅިގެން ހެލްތު މިނިސްޓްރީން މައްސަލަ ތަހުގީގުކުރުމަށްފަހު އެކުލަވާލި ރިޕޯޓްގައި 21 ކަމެއް ފާހަގަކޮށްފައިވާއިރު އޭގެ ތެރޭގައި ސަދާ އަށް ފަރުވާ ދިން ޑޮކްޓަރުންނާއި ނަރުހުންގެ ބޮޑެތި އިހްމާލުތަކަކާއި ދޮގު މައުލޫމާތު ދިން މައްސަލަތަކެއް ފާހަގަކޮށްފައިވެ އެވެ.