ކްރިމިނަލް ކޯޓުގެ އިމާރާތަށް ލިބިފައިވާ ގެއްލުމުގެ ސަބަބުން އެ ކޯޓުގެ ޝަރީއަތްތައް ހިންގުން މަޑުޖެހިފައިވާތީ އެކަމަށް އަވަސް ހައްލެއް ހޯދުމަށް ސަރުކާރުން މަސައްކަތް ކުރަމުން ގެންދާ ކަމަށް އެޓާނީ ޖެނެރަލް އަހުމަދު އުޝާމް ވިދާޅުވެއްޖެ އެވެ.
އެޓާނީ ޖެނެރަލް އަހުމަދު އުޝާމް މިހެން ވިދާޅުވީ ކްރިމިނަލް ކޯޓާއި ސިވިލް ކޯޓާއި ފެމިލީ ކޯޓުގެ އިމާރާތްތަކުގެ ހާލަތު ބެއްލެވުމަށް އިއްޔެ ކުރެއްވި ޒިޔާރަތަށްފަހު އެވެ.
މި ޒިޔާރަތުގައި ރައްޔިތުންގެ މަޖިލީހުގެ ތުޅާދޫ ދާއިރާގެ މެންބަރު އަދި ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ގެ ރައީސް ހިސާން ހުސެއިން އާއި ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓާ އާއިޝަތު ރިޒްނާގެ އިތުރުން މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗާގެ ބޭފުޅުން ބައިވެރިވެވަޑައިގެންނެވި އެވެ.
ދާދި ފަހުން މާލެއަށް ކުރި ވިއްސާރައިގައި ކްރިމިނަލް ކޯޓު ހިންގާ އިމާރާތަށް ފެނުގެ އަސަރުކޮށްފައިވެ އެވެ.
އެކަމުގެ ސަބަބުން ޝަރީއަތްތައް ހިންގުމަށް ވަނީ ދަތިތަކާ ކުރިމަތިވެފަ އެވެ.