ޓޫރިޒަމް

ޓޫރިޒަމްގެ ހާއްސަ ބަދަލުވުމަށް ކޯބިން ރާއްޖެއަށް

Feb 15, 2022

ޓޫރިޒަމްގެ ރަން އަހަރު ފާހަގަ ކުރުމުގެ ގޮތުން ބާއްވާ ހާއްސަ ބައްދަލުވުމެއްގައި ބައިވެރިވުމަށް ރާއްޖެއަށް ޓޫރިޒަމް ތައާރަފު ކުރުމުގައި މެދުވެރިއަކަށްވި ޓްރެވަލް އެޖެންޓް ކަމަށްވާ ޖޯޖު ކޯބިން ރާއްޖެ އަތުވެއްޖެ އެވެ.

ޓޫރިޒަމް ރާއްޖެއަށް ތައާރަފު ކުރުމުގައި އެންމެ އިސްކޮށް ހަރަކާތްތެރިވި ފަރާތްތަކާއެކު މިމަހުގެ 16 ވަނަ ދުވަހު ބާއްވާ ހާއްސަ ބަދަލުވުމެއްގައި ބައިވެރިވުމަށް މިއަދު ރާއްޖެއަށް ކޯބިންއާއެކު އޭނާގެ އަންހެން ދަރިފުޅު ވެސް ރާއްޖެ އައިސްފައިވެ އެވެ.

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ) ގައި މިއަދު ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި ކޯބިންއަށް މަރުހަބާކީ ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމްގެ އިތުރުން މިހާރުގެ ހެލްތް މިނިސްޓަރު އަދި ރާއްޖެ އަށް ޓޫރިޒަމް ތައާރަފު ކުރުމުގައި އިސްކޮށް ހަރަކާތްތެރިވި ބޭފުޅެއް ކަމަށްވާ އަހުމަދު ނަސީމް (ކެރަފާ ނަސީމް) އެވެ. ރާއްޖެއަށް ޓޫރިޒަމް ތައާރަފު ކުރުވުމުގައި ނަސީމްގެ އިތުރުން ދެން ހިމެނި ވަޑައިގަންނަވަނީ މުހައްމަދު އުމަރު މަނިކް (އެމްޔޫ މަނިކް) އާއި ޗަމްޕާ ހުސެއިން އަފީފު އެވެ.

ސްރީލަންކާ މަގުން "އެއާ ސިލޯން" ފްލައިޓެއްގައި ރާއްޖެ އަށް އައި 22 ޓޫރިސްޓުގެ ގްރޫޕަކާއެކު ރާއްޖެ އަށް ފުރަތަމަ ޓޫރިޒަމް ތައާރަފުވީ 22، ފެބްރުއަރީ 1972 ގަ އެވެ. ކޯބިން ރާއްޖެ ވަޑައިގަތީ އިޓަލީވިލާތުގެ ނޫސްވެރިންގެ ގްރޫޕަކާއެކުގަ އެވެ. އަދި ކޯބިން އާއި ޓޫރިސްޓުންގެ ގްރޫޕުން ރާއްޖޭގައި ތިބީ ވިހަމަނާފުށި އަދި މިހާރުގެ ކުރުނބާ މޯލްޑިވްސް ރިސޯޓުގަ އެވެ. އޭރު އެ ރިސޯޓުގައި ހުންނަނީ ފަނުން އާދައިގެ ގޮތަކަށް ހަދާފައިވާ 30 ކޮޓަރި އެވެ. އެ ރިސޯޓު ހުޅުވީ 3، އޮކްޓޯބަރު 1972 ގަ އެވެ.