ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ފަސޭހައިން ލޯނު ލިބޭނެ ގޮތް ހަދައިދިނުމަށް ހޯރަފުށީ ދައިރާގެ މެމްބަރު އަހުމަދު ސަލީމް(ސައްލެ) ގޮވާލައްވައިފި އެވެ.
ސަލީމް މިހެން ވިދާޅުވީ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލަށް މިއަދު މަޖިލީހުގެ ތަޅުމުގައި ކުރި ބަހުސްގައި ވާހަކަ ދައްކަވަމުން ނެވެ.
ސަލީމް ވިދާޅުވީ ދުނިޔޭގެ ނަން މަޝްހޫރު ކުންފުނިތަކަކީވެސް ކުރިން ވަރަށް ކުދި ކުދި ކުންފުނިތައް ކަމަށާއި އަދި މިފަދަ ވިޔަފާަރިތަކަށް ސަރުކާރުން އަޅާލަން ޖެހޭ ކަމަށެވެ.
އޭނާ ވިދާޅުވީ މިހާރު އުސޫލުތައް އޮތް ގޮތުން ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ލޯނު ލިބުމުގައި ދަތިތައް އެބަހުރި ކަމަށާއި އަދި އިންޓަރެސްޓް ރޭޓްވެސް މަތި ކަމަށެވެ.
މީގެ އިތުރުން ރަހުނުގެ ގޮތުގައި ބެހެއްޓަން ޖެހޭ ތަކެތީގެ ސަބަބުން ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ލޯނު ލިބުމުގައި ދަތިތައް ދިމާވާ ކަމަށެވެ. އެހެންކަމުން ގާނޫނަށް އިސްލާހު ގެނެސްގެން ވެސް ރަހުނުގެ ގޮތުގައި ބެހެއްޓޭނެ ތަކެއްޗަށް ލުއިތަކެއް ދޭން ޖެހޭ ކަމަށެވެ.
"ބޭންކުން ލޯނު ހޯދުމަކީ ހަގީގަތުގައި ވެސް ދަތިކަމެއް. ކުދި ކުންފުނިތަކަށް މިކަން ކުރުމަކީ ހަގީގަތުގައި ވެސް ވަރަށް ބޮޑު މައްސަލައެއް. ލިޔެކިޔުމުގެ އުނދަގޫތައް މީގަ އެބަހުރި. ވަރަށް ގިނަ ވަގުތުތައް އެބަ ނަގާ. އަދި މިއާއެކު ހުށަހަޅަން ޖެހޭ ވަރަށް ގިނަ ރިޕޯޓްތައް ހުރޭ. އަދި ހަމަ ވިޔަފާރިތަކަށް ލޯނު ހޯދުމަކީ ހަމަ ހަގީގަތުގައި ވެސް ވަރަށް އުނދަގޫ އަދި ތަކުލީފު އުފުލަން ޖެހޭ ކަމެއް. ވަކިން ހާއްސަކޮށް އަތޮޅުތަކުގައި މަސައްކަތްކުރާ ފަރާތްތަކަށް ދަތި." ސަލީމް ވިދާޅުވި އެވެ.
ސަލީމް ވިދާޅުވީ ލޯން ހޯދުމުގައި ބޭންކު ނޫން ގޮތްތަކެއް ހޯދަން ޖެހޭ ކަމަށެވެ. އަދި ދުނިޔޭގެ އެކި ގައުމުތަކުގައި ވެސް މިހާރު ތަފާތު އެކި ގޮތްތައް ފައިނޭންސް ކުރުމަށް ގެންގުޅުމުގެ އުސޫލުތައް ގެންގުޅޭ ކަމަށެވެ.
"އަޅުގަނޑުމެން އެބަ ޖެހޭ އަމިއްލަ ވިޔަފާރިތަކުން ލޯނު ދޫކުރެވޭނެ ގޮތްތައް. އަމިއްލަ ފަރުދުންނަށް ލޯނު ދޫކުރެވޭނެ ގޮތްތައް. އަދި އިންޓަނެޓް މެދުވެރިކޮށް ދުނިޔޭގެ އެހެނިހެން ފަރާތްތަކުން ވެސް އަޅުގަނޑުމެންނަށް ފަސޭހައިން ލޯނު ހޯދޭނެ ގޮތްތައް ގާނޫނުގެ ތެރެއިން އަޅުގަނޑުމެންނަށް ފަހިވެެއްޖެ ނަމަ މިހާރު ހުރި ދަތިތަކަށް ވަރަށް ބޮޑު ލުއިތަކެއް ލިބިގެންދާނެ" ސަލީމް ވިދާޅުވި އެވެ.