ކުރިޔަށް ދެތިން އަހަރުގެ ތެރޭގައި ދިވެހި ރައްޔިތުން އުފާވާ ވަރަށް ހައްޖުގެ އަގުތައް ތިރިވެގެންދާނެ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެ އެވެ.
މޯލްޑިވްސް ހައްޖު ކޯޕަރޭޝަންގެ ރަސްމީކޮށް އިފްތިތާހު ކުރުމަށް މިރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު ޝަހީމް ވިދާޅުވީ ހައްޖު ކޯޕަރޭޝަންގައި މިހާރު 110 މިލިޔަނަށްވުރެ ގިނަ ރުފިޔާ އެކި ފަރާތްތަކުން ޖަމާކޮށްފައިވާ ކަމަށައި އެ ފައިސާ އިންވެސްޓް ކުރުމުގެ މަސައްކަތް ވަރަށް އަވަހަށް ފައްޓަވާނެ ކަމަށެވެ.
"މިކަންކަން ކުރެވިގެން ދިއުމުން ކުރިޔަށް އޮތް ދެތިން އަހަރެއްގެ ތެރޭގައި ދިވެހި ރައްޔިތުން އުފާވާވަރަށް ހައްޖުގެ އަގުތަށް ތިރިވެގެންދާނެ،" ހޮޓެލް ޖެންގައި މިރޭ ބޭއްވި ރަސްމިއްޔާތުގައި މިނިސްޓަރު ޝަހީމް ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވީ ހައްޖު ކޯޕަރޭޝަނެއް އައީ ހައްޖަށް މީހުން ފޮނުވާ ޖަމާއަތްތަކުގެ ތެރެއިން ބައެއް ޖަމާއަތްތަކުގެ އަމަލުތަކުގެ ސަބަބުން ކަމަށާއި ނަމަވެސް ހައްޖަށް ފޮނުވުމުގައި އެކަށީގެންވާ ގާބިލުކަން ހުރި އެ މަސައްކަތް ރަނގަޅަށް ކުރާ ޖަމާއަތްތަކަށް އެ ފުރުސަތު އޮންނާނެ ކަމަށެވެ.
"އެފަރާތްތައް ވެސް ޖެހޭނެ ހައްޖަށްދާ ކޮންމެ މީހަކު ދައްކާ އަގުގެ 25 ޕަސެންޓް ފައިސާ ކޯޕަރޭޝަންގައި ޑިޕޮޒިޓް ކުރަންޖެހޭނެ،" ރައީސް އަބްދުﷲ ޔާމީން ވެސް ބައިވެރިވެ ވަޑައިގެންނެވި ރަސްމިއްޔަތުގައި މިނިސްޓަރު ވިދާޅުވި އެވެ.
މިނިސްޓަރު އަދި ވިދާޅުވީ ހައްޖު ކޯޕަރޭޝަންގެ މަސައްކަތް މިހާރުދާ ފުރިހަމަ ގޮޮތުގައިދާން ރާއްޖެއިން ހައްޖަށްދާ މީހުންނަށް ދެވޭ އަގު ހެޔޮވުމުގެ އިތުރުން މުސްލިމުންގެ ތިން ހަރަމަށް ދެވޭނެ ފުރުސަތުވެސް ހަމަޖެހިގެންދާނެ ކަމަށެވެ.