ފެނަކަ ކޯޕްރޭޝަން

ފެނަކަ އިން ޒުވާނުން ތަމްރީންކުރަން އެއްބަސްވުމެއް

Feb 15, 2022

ޒުވާނުން ތަމްރީނުކުރުމަށް ޔޫތު މިނިސްޓްރީ އާއި ފެނަކަ ކޯޕަރޭޝަން ލިމިޓެޑާ ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފި އެެވެ.

މިއީ ނެޝަނަލް އެޕްރެންޓިސްޝިޕް ޕްރޮގްރާމްގެ ދަށުން ޒުވާނުންނަށް ވަޒީފާއާ ގުޅުންހުރި މަސައްކަތްތަކަށް ލެވެލް ތިނެއްގެ ސަނަދު ލިބިގެންދާ ތަމްރީނު ޕްރޮގުރާމްތައް ހިންގުމަށް ދެ ފަރާތުން ސޮއިކުރި އެއްބަސްވުމެކެވެ.

ފެނަކަ އަކީ ސަތޭކަ ޕަސެންޓް ދިވެހި މުވައްޒަފުން މަސައްކަތް ކުރާ އަދި ރާއްޖޭގެ އެންމެ އުތުރުން ދެކުނަށް ދިވެހި ރައްޔިތުންނަށް ފެނާއި ނަރުދަމާ އަދި ކަރަންޓުގެ ހިދުމަތް ފޯރުކޮށްދެމުންދާ ކުންފުންޏެކެވެ.

ނެޝަނަލް އެޕްރެންޓިސްޝިޕް ޕްރޮގްރާމަކީ މަސައްކަތު މާހައުލުގައި ތިބެގެން އެ މަސައްކަތްތަކުގެ ތަޖުރިބާކާރުންގެ ބެލުމުގެ ދަށުން މަސައްކަތްތައް ދަސްކޮށް، ތަމްރީނާއި ތަޖުރިބާ ހޯދުމުގެ ފުރުސަތު ފަހިކޮށްދޭ ގައުމީ ފެންވަރުގެ ހާއްސަ ޕްރޮގްރާމެކެވެ.

ދެ އަހަރު ދުވަހުގެ މުއްދަތަކަށް ދެމިގެންދާ މި ޕްރޮގްރާމްތައް ހިންގާނީ މޯލްޑިވްސް ނެޝަނަލް ސްކިލްސް ޑިވެލޮޕްމެންޓް އޮތޯރިޓީގެ "ނެޝަނަލް ކޮމްޕިޓެންސީ ސްޓެންޑަޑްސް" ތަކާއި އެއްގޮތަށެވެ. މި ޕްރޮގްރާމްގެ ދަށުން، އަހަރަކު ޖުމްލަ 120 މީހުން ތަމްރީން ކުރާނެ އެވެ.

މި އެއްބަސްވުމުގެ ދަށުން ހިންގުމަށް ހަމަޖެހިފައިވާ މައިގަނޑު ތަމްރީން ޕްރޮގްރާމްތަކަކީ، ނެޝަނަލް ސެޓްފިކެޓް 3 އިން އިލެކްޓްރިކަލް އިންސްޓޮލޭޝަން އެންޑް މެއިންޓެނަންސް، ނޭޝަނަލް ސެޓްފިކެޓް 3 އިން ސުވެރޭޖް ސިސްޓަމް އޮޕަރޭޝަން އެންޑް މެއިންޓެނަންސް، ނޭޝަނަލް ސެޓްފިކެޓް 3 އިން ޔުޓިލިޓީ ލެބޯޓަރީ ޓެކްނީޝަން ސާވިސަސް އަދި ނޭޝަނަލް ސެޓްފިކެޓް 3 އިން ވޯޓާ ސަޕްލައި ސިސްޓަމްސް އޮޕަރޭޝަން އެންޑް މެއިންޓެނަންސް އެވެ.

މި އެއްބަސްވުމުގެ ދަށުން ޒުވާނުންނަށް ފަހިވެގެންދާ ފުރުސަތުތަކަކީ ޒުވާނުންނަށް ބޭނުންވާ ދާއިރާތަކުން ކުރިއަށް ދިއުމަށް އެޅިގެންދާ ބިންގަލެކެވެ. އަދި ސެޓްފިކެޓް ލެވެލްގެ އިތުރު ކޯސްތަކަށް ދިއުމަށް ޒުވާނުންނަށް ފުރުސަތު ފަހިވުމުގެ އިތުރަށް، މި ޕްރޮގްރާމްތަކުގެ ސަބަބުން ޒުވާނުންނަށް މަސައްކަތުގެ ދާއިރާއިން އެކަށީގެންވާ ތަމްރީނާއި ތަޖުރިބާ ލިބިގެންދާނެ އެވެ