ޕްރަވެޓައިޒޭޝަން

އާސިމަށް ރުހުން ދޭން ކޮމިޓީން ނިންމައިފި

Feb 15, 2022

ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ)ގެ ރައީސަކަށް ގ. މެޒަރިން، އާސިމް މުހައްމަދު ހަމަޖައްސަން ރައްޔިތުންގެ މަޖިލީހުގެ ސްޓޭޓް އޯންޑް އެންޓަޕްރައިޒަސް ކޮމިޓީން ނިންމައިފި އެވެ.

ކޮމިޓީގެ މިއަދުގެ ބައްދަލުވުމުގައި އާސިމަށް ރުހުން ދިނީ އޭނާއާ މެދު އެއްވެސް ފަރާތެއްގެ ޝަކުވާއެއްތޯ ބެލުމަށް އާންމުކޮށް ހުޅުވާލައި ލިބުނު ޝަކުވާތަކަށް ބެލުމަށްފަހުގައި އޭނާއާ އިންޓަވިއު ވެސް ކުރުމަށްފަހު އެވެ.

ކޮމިޓީގެ މިއަދުގެ ބައްދަލުވުމުގައި ތިއްބެވި 11 މެމްބަރުންގެ ތެރެއިން 10 މެމްބަރުން ވަނީ އާސިމަށް ރުހުން ދޭން ފެންނަ ކަމަށް ވޯޓު ދެއްވާފަ އެވެ.

އާސިމަށް ރުހުން ދިނުމުގައި މަޖިލީހުން ދެކޭ ގޮތެއް އަންގަވައި ދެއްވުން އެދިވަޑައިގެން ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި މައްސަލަ މަޖިލީހަށް ހުށަހެޅުއްވީ މިމަހުގެ ހަތްވަނަ ދުވަހު އެވެ.

ޕީސީބީގެ ރައީސްގެ މަގާމަށް އާސިމް ހަމަޖެއްސީ އެ މަގާމު ހުސްކޮށް އޮންނަތާ އަހަރަކަށް ވުރެ ގިނަ ދުވަސް ފަހުން މިދިޔަ ޑިސެމްބަރު މަހުގެ 15 ވަނަ ދުވަހު އެވެ. ޕީސީބީގެ ރައީސްގެ މަގާމަށް ހަމަޖެއްސުމުގެ ކުރިން އާސިމް ހުންނެވީ ޕީސީބީގެ ނައިބު ރައީސްގެ ގޮތުގަ އެވެ.

ކުންފުނިތައް ޒިންމާދާރު ކުރުމުގެ މަސައްކަތް ކުރުން މަތިކޮށްފައިވާ މިނިވަން ވުޒާރާއެއްގެ ގޮތުގައި މަސައްކަތް ކުރާ ޕީސީބީ އަށް ރައީސެއް ހަމަޖެއްސީ ކުރިން އެ ތަނުގެ ރައީސްގެ މަގާމުގައި ހުންނެވި ހަސަން ވަހީދު އިސްތިއުފާ ދެއްވުމުންނެވެ.

އާސިމްގެ އިތުރުން ޕީސީބީގެ ބޯޑުގައި މިހާރު ތިއްބަވަނީ އައިޝަތު ޝާޒްލީ އާއި އަލީ ޝަފީއު އާއި އަހްމަދު ޝަރީފް ޔޫސުފުގެ އިތުރުން ރުޝާހާ އަހަމްދު ޝަރީފް އާއި އަލީ ސުޖާއު އެވެ.

ދައުލަތުގެ ކުންފުނިތައް ޕްރައިވެޓައިޒް ކޮށްގެން 771 މިލިއަން ރުފިޔާ ހޯދުމަށް ދައުލަތުގެ މިއަހަރު ބަޖެޓުގައި ހިމަނާފައިވެ އެވެ.