ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ލައިފްސްޓައިލް

މީހަކު 2020 ފެށިގެން ކޮވިޑުން ސަލާމަތް ނުވެވިފައި

ކޮވިޑުން ސަލާމަތް ނުވެވި ގިނަ ދުވަސް ތަކެއް ހޭދަ ކޮށްފައިވާ ތުރުކީ މީހަކަށް މުޅި ދުނިޔޭގެ ސަމާލުކަން ލިބިއްޖެ އެވެ. އެ މީހާ 78 ފަހަރު ކޮވިޑަށް ޕޮޒިޓިވް ވެފައިވާއިރު 400 އަށް ވުރެ ގިނަ ދުވަހު އޭނާއަށް މި ބަލީގައި އުޅެން ޖެހިފައި ވެއެވެ.

ތުރުކީގެ ނޫހެއް ކަމަށްވާ ޑެއިލީ ސަބާހް ގައިވާ ހަބަރެއް ބުނާ ގޮތުގައި 56 އަހަރުގެ މުޒައްފަރު ކަޔަސަންގެ ކޭހަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުން ކޮވިޑް ޖެހުނު އެތައް މިލިއަން މީހުންނެއްގެ ތެރެއިން ވެސް ޔުނީކް ކޭހަކަށް ވީ އޭނާ ކޮވިޑްގައި ހޭދަކޮށްފައިވާ މުއްދަތުގެ ސަބަބުންނެވެ.

މުޒައްފަރު އަށް ފުރަތަމަ ކޮވިޑް ޖެހުނީ 2020ގަ އެވެ. އޭގެ ފަހުން ފާއިތުވީ ދުވަސްތަކުގައި 78 ފަހަރެއްގެ މަތިން އޭނާ ކޮވިޑަށް ޕޮޒިޓިވް ވެފައި ވެއެވެ. އެހެންކަމުން މި ބަލީގައި އޭނާ 14 މަސް ދުވަސް ނުވަތަ 400 ދުވަސް ވަނީ ހޭދަކޮށްފަ އެވެ.

ކަޔަސަން މިހާރު ހުރީ ކޮވިޑަށް ޕޮޒިޓިވް ވާލެއް ގިނަކަމުން ހަދާނެ ގޮތް ހުސްވެފަ އެވެ. ސަބަބަކީ ކޮންމެ ފަހަރަކު ޕޮޒިޓިވް ވުމުން އެތައް ދުވަހެއް ކަރަންޓީނުގައި ހުންނަން ޖެހޭތީ އެވެ.

ކަޔަސަން އަށް ފުރަތަމަ ކޮވިޑް ޖެހުނުއިރު އޭނާއަކީ ލޭގެ ކެންސަރަށް ފަރުވާ ކުރަމުންދާ މީހެކެވެ. ފުރަތަމަ ފަހަރު އޭނާގެ ކިބައިން ބަލީގެ އަލާމާތްތައް ފެނުނީ ވަރަށް ކުޑަކޮށެވެ. ނަމަވެސް މައްސަލައަކަށް ވަނީ އޭގެ ފަހުން 78 ފަހަރަކު އޭނާ ކޮވިޑަށް ޕޮޒިޓިވް ވެފައިވާތީ އެވެ.

އޭނާގެ މި ހާލަތުގެ ސަބަބުން ފާއިތުވީ ދެ އަހަރެއް ތެރޭގައި އޭނާގެ ދަރިންނާއި ކާފަ ދަރިންނާ ބައްދަލުކުރުމުގެ ފުރުސަތު ކަޔަސަން އަކަށް ނުލިބެ އެވެ. މި މުއްދަތުގައި އޭނާއަށް އެމީހުން ފެންނަނީ މާ ދުރުގައި ހުރި ކުޑަ ދޮރަކުންނެވެ. ސަބަބަކީ ކޮވިޑަށް ޕޮޒިޓިވްވުމުން އެކަހެރިކޮށް ދިރިއުޅެން ޖެހޭތީ އެވެ.
ކިތަންމެ ވަރަކަށް ޕޮޒިޓިވް ވިޔަސް އަދިވެސް ކަޔަސަން ކޮވިޑް ޓެސްޓް ކުރަން ގަސްތުކުރާ ކަމަށް އޭނާ ބުންޏެވެ. ސަބަބަކީ ލޭގެ ކެންސަރަށް ފަރުވާ ކުރުމުގެ ސަބަބުން އޭނާގެ ދިފާއީ ނިޒާމު ބަލިކަށިވެފައިވާތީ އެވެ.

ކަޔަސަން މިހާ ގިނަ ފަހަރު ޕޮޒިޓިވްވީއިރުވެސް އޭނާގެ އަންހެނުންނާއި ފިރިހެން ދަރިފުޅަކު އޭނާއާއެކު ދިރިއުޅެމުން ދެއެވެ. ނަމަވެސް މި ދެ މީހުން ކުރެ އެކަކު ވެސް އެންމެ ފަހަރަކު ވެސް ކޮވިޑަށް ޕޮޒިޓިވް އެއް ނުވެ އެވެ.

"އަހަންނާއެކު އަހަރެންގެ އަންހެނުންނާއި ދަރިފުޅު އެކަނި ދިރިއުޅެނީ. އެކަމަކު އަހަރެން ޕޮޒިޓިވް ވަނީ. އެމީހުންނެއް ނުވޭ. އަހަންނަށް ހީވަނީ އަހަރެންގެ ކޮޓަރި ކުރިމަތިން ކުރިކަނޑާ ބުޅަލަކުން ވެސް އަހަންނަށް ބަލި ޖެހޭހެން،" ކަޔަސަން ބުންޏެވެ.

ކަޔަސަން ބުނިގޮތުގައި އޭނާ ކޮވިޑުން ފަސޭހަވިޔަސް އޭނާގެ ހަށިގަނޑުގެ ކޮންމެވެސް ހިސާބެއްގައި ވައިރަސްތައް ފިލާ ތިބެނީ އެވެ. އަދި ކޮރޯނާވައިރަހުން އޭނާއަށް ލިބެމުންދާ އެންމެ ބޮޑު ގެއްލުމަކީ އޭނާގެ އިޖްތިމާއީ ދިރިއުޅުން ނެތިކޮށްލުން ކަމަށް ކަޔަސަން ދެކެ އެވެ.

"އަހަރެންގެ ގޭގެ ކޮޓަރީގައި ކިތަންމެ ގިނަ ދުވަހު ހުންނަން ވިޔަސް އަހަރެންނަކަށް މައްސަލައެއް ނެތް. މައްސަލައަކަށް ވަނީ އަހަރެންގެ ލޯބިވާ މީހުންނަށް އަހަރެން ކައިރިއަށް ނާދެވޭތީ. އެމީހުންގެ ގައިގައި އަތްލާނެ ފުރުސަތު ނުލިބޭތީ. އަހަރެންގެ ހާލަތު ހުރި ގޮތުން ވެކްސިން ޖެހޭކަށް ވެސް ނެތް،" ކަޔަސަން ބުންޏެވެ.