ތެލުގެ އަގު ބޮޑުވަމުން ދިއުމުގެ ސަބަބުން އެކަމުގެ ނޭދެވޭ އަސަރު ޓެކްސީ ޑްރައިވަރުންނަށް ކުރަމުންދާތީ ކަންބޮޑުވުން ފާޅުކޮށްފި އެވެ.
ޓެކްސީ ޑްރައިވަރުންގެ އެންމެ ބޮޑު ކަންބޮޑުވުމަކީ ތެލުގެ އަގު ބޮޑުވެފައިވާތީ އެ މީހުންނަށް ލިބޭ މަންފާއަށްވުރެ ގެންލުން އިތުރުވުމެވެ.
ޑްރައިވަރުން ބޭނުންވަނީ ޓެކްސީ ދަތުރުގެ އަގު ބޮޑުކުރުމަށެވެ. ނުވަތަ ޓެކްސީ ޑްރައިވަރުންނަށް އަގު ހެޔޮކޮށް ތެޔޮ ގަންނަން ލިބޭނެ ގޮތެއް ސަރުކާރުން ހަމަޖައްސައިދިނުމެވެ.
މާލޭގައި ޓެކްސީ ދުއްވާތާ އެތައް އަހަރެއް ވެފައިވާ މުހައްމަދު ޒާހިރު އަވަސް އަށް ވަނީ އޭނާގެ ކަންބޮޑުވުންތައް ހިއްސާކޮށްފަ އެވެ. ޒާހިރު ބުނީ ތެލަށް އަންނަ ބަދަލާއެކު ޓެކްސީ ޑްރައިވަރުންދޭ ހިދުމަތުގެ އަގު ބަދަލު ކުރުމުގެ ހައްގު ނެތް ކަމަށެވެ. ނަމަވެސް މަތިންދާ ބޯޓު ފަހަރާއި ފެރީތަކުގެ އަގު ތެލަށް އަންނަ ބަދަލާއެކު ބޮޑުކުރާ ކަމަށެވެ.
ޓެކްސީގެ ވިޔަފާރި އަކީ އަމިއްލަ ފަރާތްތަކުން ހަރަކާތްތެރިވާ ވިޔަފާރިއެއް ކަމަށް ފާހަގަކުރަމުން ޒާހިރު ބުނީ އަމިއްލަ ވިޔަފާރި ކުރާ މީހުންގެ ވިޔަފާރިތަކަށް ވަދެ އަގު ކަނޑައެޅުމުގެ ހައްގު ސަރުކާރަށް ނޯންނާނެ ކަމަށެވެ. އެކަން އެގޮތަށް ސަރުކާރުން ކުރާނަމަ ފިހާރަތަކުގައި ވިއްކަން ހުންނަ މުދަލުގެ އަގުވެސް ކަނޑައަޅަން ޖެހޭނެ ކަމުގައި އޭނާ ގަބޫލުކުރެ އެވެ.
"2014 ވަނަ އަހަރުން ފެށިގެން 25 ރުފިޔާގެ ރޭޓުން ޓެކްސީ ދުއްވަމުން މި ގެންދަނީ. މި ނުވަ އަހަރުގެ ތެރޭގައި ތެލުގެ އަގަށް ފަސްފަހަރު ވަރަށް ބޮޑެތި ބަދަލު އައިސްފި. އެކަމަކު އަޅުގަނޑުމެން ދެމުންދާ ހިދުމަތުގެ އަގަށް ބަދަލެއް ނުގަނޭ،" ޒާހިރު ބުންޏެވެ.
ރާއްޖޭގެ ޓޫރިޒަމް ފުޅާވުމުން ޓެކްސީ ޑްރައިވަރުންނަށް ވެސް މަންފާތަކެއް ލިބޭނެ ކަމަށް ސަރުކާރުން ބުނި ނަމަވެސް އެފަދަ މަންފާއެއް ލިބެމުން ނުދާ ކަމަށް ޒާހިރު ބުންޏެވެ.
ސަރުކާރުން ކަނޑައަޅާފައިވާ އުސޫލުތަކުގައިވާ ގޮތުން އެއާޕޯޓުން ފަތުރުވެރިން ގޮވައިގެން ކުރާ ދަތުރަކަށް މިހާރު ނެގެނީ 60 ރުފިޔާ ކަމަށާއި އެއަށް ވުރެ ބޮޑު އަގެއް ނަގައިފިނަމަ އެ ޑްރައިވަރަކަށް ފިޔަވަޅު އަޅާ ކަމަށްވެސް ޒާހިރު ބުންޏެވެ.
މާލެ ސަރަހައްދުގައި ޓެކްސީގެ ހިދުމަތް ދެވޭނެ އަގުތަކުގެ ގޮތުގައި ޓްރާންސްޕޯޓް މިނިސްޓްރީން ކަނޑައަޅާފައިވަނީ މާލެ އާއި ހުޅުލެއަށް 60 ރުފިޔާ، ހުޅުމާލޭން ހުޅުލެ އަށް 60 ރުފިޔާ، މާލެ އިން ހުޅުމާލެ އަށް 75 ރުފިޔާ އަދި މާލެ އާއި ހުޅުމާލެ އެތެރޭގައި 25 ރުފިޔާ އެވެ.
ޓެކްސީ ޑްރައިވަރުންގެ ކަންބޮޑުވުންތަކަށް ހައްލެއް ހޯދުމަށް މަސައްކަތް ކުރެވޭނެ ގޮތަކާ ގުޅޭ ގޮތުން މަޝްވަރާކުރުމަށްޓަކައި މިރޭ ސޯޝަލް ސެންޓަރުގައި ހާއްސަ ބައްދަލުވުމެއް ބާއްވަން ޑްރައިވަރުން ވަނީ ނިންމާފަ އެވެ. ޒާހިރު ބުނީ މި ބައްދަލުވުން ނިންމާލާނީ ޓެކްސީ ޑްރައިވަރުންނަށް އެއްބަސްވެވޭ ގޮތްތަކެއް ނިންމުމަށްފަހު ސަރުކާރަށް ހުށަހަޅާނެ ހުށަހެޅުމަކާ ވެސް އެކުގައި ކަމަށެވެ.
ތެލުގެ އަގު ބޮޑުވުމުގެ ސަބަބުން ޓެކްސީ ޑްރައިވަރުންނަށް ލިބެމުންދާ ގެއްލުންތައް އެމީހުން އިއްޔެ ވަނީ މަޖިލީހުގެ އިގްތިސޯދީ ކޮމިޓީގެ ނައިބު މުގައްރަރު އިބްރާހިމް ރަޝީދް (ބޮންޑޭ)އާ ބައްދަލުކޮށް ހިއްސާކޮށްފަ އެވެ.
ޑްރައިވަރުންގެ ކަންބޮޑުވުންތަކަށް ހައްލެއް ހޯދައިދިނުމަށް މަސައްކަތް ކުރައްވާނެ ކަމުގެ ޔަގީންކަން އިބްރާހީމް ރަޝީދު ދެއްވެވި ކަމަށްވެސް ބައްދަލުވުމުގައި ބައިވެރިވި ޓެކްސީ ޑްރައިވަރުން ބުނެފައިވެ އެވެ.