މަރުތައް ތަހުގީގު ކުރާ ކޮމިޝަން

ރިސާޗް އޮފިސަރު ހޯދަން އައު އިއުލާނެއް

މަރާލާފައިވާ މީހުންނާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ތަހުގީ ކުރާ ކޮމިޝަނަށް ސީނިއާ ރިސާޗް އޮފިސަރެއް ހޯދަން އަނެއްކާވެސް އިއުލާނުކޮށްފި އެވެ. މިއީ މަރު ކޮމިޝަނަށް ރިސާޗް އޮފިސަރެއް ހޯދަން އިއުލާނު ކުރި ދެވަނަ ފަހަރެވެ. ކުރީން އިއުލާނު ކުރީ ޖަނަވަރީ 29 ވަނަ ދުވަހު އެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އޭނާގެ މައިގަނޑު މަސްއޫލިއްޔަތަކީ މަރު ކޮމިޝަނުން ތަހުގީގު ކުރަމުންދާ މައްސަލަތަކާ ގުޅޭގޮތުން ރިސާޗް ހެދުމާއި، އެ މައްސަލަތަކުގެ ރިޕޯޓް ތައްޔާރުކޮށް ކަމާ ގުޅޭ ލިޔުންތައް ތައްޔާރުކޮށް ފޮނުވުމާއި، ބާއްވަންޖެހޭ ބައްދަލުވުންތައް އިންތިޒާމުކުރުމެވެ. މީގެ އިތުރުން ބައްދަލުވުންތަކުގެ ޔައުމިއްޔާ ތައްޔާރުކޮށް ފޮނުވަންޖެހޭ ފަރާތްތަކަށް ފޮނުވައި މަސައްކަތް ކުރިއަށްދާ ގޮތް ބެލެހެއްޓުމުގެ އިތުރުން ޑޭޓާބޭސް ސެޓްއަޕްކޮށް ބެލެހެއްޓުމާއި މެނޭޖްކުރުންވެސް މަސްއޫލިއްޔަތުގެ ތެރޭގައި ހިމެނެ އެވެ.

މަގާމަށް ހޮވޭ މީހަކަށް މުސާރައަށް 6،295 ރުފިޔާ އަދި ސާވިސް އެލަވެންސްގެ ގޮތުގައި 2،000 ރުފިޔާ އާއި ހާއްސަ އެލަވެންސްގެ ގޮތުގައި 2،832 ރުފިޔާއާ އެކު ޖުމްލަ 11،127 ރުފިޔާ ލިބޭނެ އެވެ.

މަގާމުގެ ޝަރުތުތަކުގެ ތެރޭގައި ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް ހަތަރެއްގެ ސަނަދެއް ހާސިލްކޮށްފައިވުމާއެކު މަގާމުގެ މަސައްކަތާ ގުޅޭ ދާއިރާއެއްގައި ހަ އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން ނުވަތަ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް ފަހެއްގެ ސަނަދެއް ހާސިލްކޮށްފައިވުމާ އެކު މަގާމުގެ މަސައްކަތާ ގުޅޭ ދާއިރާއެއްގައި ތިން އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވާ މީހަކަށް ވާންޖެހެ އެވެ.

މީގެއިތުރުން އެ މަގާމަށް ހޮވޭ މީހަކީ ރިސާޗް ކުރުމާއި އެނަލިޓިކަލް ރިސާޗް ރިޕޯޓްތަކާއި ބްރީފްތައް ތައްޔާރުކުރުމާއި، އަމިއްލައަށް މަސައްކަތްތައް ރާވާ ހިންގުމުގެ ޤާބިލުކަންހުރި، މުވައްޒަފުންނާ ގުޅިގެން ޓީމެއްގެ ގޮތުގައި މަސައްކަތްކުރުމުގެ ގާބިލްކަން ހުރި މީހަކަށް ވާންޖެހެ އެވެ. އަދި ފަރިތަކަމާއެކު ދިވެހި އަދި އިނގިރޭސި ބަހުން ވާހަކަ ދެއްކުމާއި ލިޔުމުގެ ގާބިލުކަން ހުރުން ވެސް ހިމެނެ އެެވެ.

މަރު ކޮމިޝަނަށް ރިސާޗް އޮފިސަރަކު ހޯދަން އިއުލާންކޮށްފައިވާއިރު އެ ކޮމިޝަނާ ހަވާލުވެފައިވާ މަސްއޫލިއްޔަތު އަދާ ނުކުރެވޭ ކަމަށް ބުނެ ކޮމިޝަނަށް އާންމުން ގެންދަނީ ވަރަށް ބޮޑަށް ފާޑުކިޔަމުންނެވެ.