ލައިފްސްޓައިލް

ރަޝިޔާ ހަނގުރާމައަށް ޔުކްރޭންގެ މުނިމާމައެއް ބަޑި ޖަހަން ދަސްކުރަނީ

މާމަ އާއި މުނިމާމައިންގެ މަތިން ހަނދާން ވުމުން ކޮންމެ މީހަކުވެސް ހިތަށް އަރާނީ ބަދިގޭގައި ކޮންމެވެސް މީރު ކާއެއްޗެއް ކައްކަން އުޅޭ ވަގުތު ތަކެވެ. އެމީހުން ގިނަ ފަހަރަށް މާމަ ދަރިންނާއި މުނި މާމަދަރިންގެ ލޯބި ހޯދަނީ މީރު ކާއެއްޗެތި ހަދައި ކާން ދީގެންނެވެ. ނަމަވެސް އޭކޭ-47ގެ ރައިފަލެއް ޖަހަން ދަސްކުރާ މުނިމާމައެއްގެ ވާހަކަ އަޑުއެހިން ހެއްޔެވެ؟

ޔުކްރޭންގެ މި މުނިމާމަ ވެލަންޓީނާ ކޮންސްޓަންޓިނޯސްކާ މިހާރު އުޅެނީ އޭކޭ-47 އެއް ހިފައިގެން އެ ޖަހާނެ ގޮތް ދަސްކުރުމުގަ އެވެ. އެއީ ޔުކްރޭންގައި އޮތް ސިވިލިއަން ކޮމްބެޓް ޓްރެއިނިންގައި ބައިވެރިވެގެން އޭނާ ދަސްކުރާ ކަމެކެވެ.

ޔުކްރޭނުގެ އުތުރުގައި އޮންނަ މަރިއުޕޯލްގައި 79 އަހަރުގެ މި މުނިމާމައަށް ރައިފަލުން ހަމަލަ ފޮނުވާލާނެ ގޮތް ދަސްކޮށްދެނީ އެ ގައުމުގެ ނެޝަނަލް ގާޑުންނެވެ.

ޔުކްރޭން މީޑިއާއާ ވާހަކަ ދައްކަމުން ވެލަންޓީނާ ބުނީ ހަމަލަ ދޭން ޖެހިއްޖެ ހާލަތެއް އަތުވެއްޖެނަމަ ހަމަލަ ދޭން އޭނާ ތައްޔާރެވެ.

"އަހަރެންގެ ގައުމާއި ރަށް އަދި ދަރިން ހިމާޔަތްކުރުމަށް އަހަރެން ތައްޔާރު. އަހަރެން މިކަން މިކުރަނީ މިކަމަށް ތައްޔާރުވެފައި ހުރިމަ. އަހަރެންގެ ގައުމާއި އަހަރެންގެ ސިޓީ ގެއްލިގެންދާކަށް އަހަރެން ބޭނުމެއް ނޫން،" ވެލަންޓީނާ ބުންޏެވެ.

ވެލަންޓީނާގެ މި ހިތްވަރު ފެނިފައި އޭނާއަކީ ހީރޯއެއް ކަމަށް އެ ގައުމުގެ ސޯޝަލް މީޑިއާގައި މީހުން ވަނީ ސިފަ ކޮށްފަ އެވެ.

އެންބީސީ ނިއުސް ރިޕޯޓަރަކާ ވާހަކަ ދައްކަމުން ވެލަންޓީނާ ބުނީ އޭނާއަކީ އުމުރުން ދުވަސްވެ ގައިބާރު ދެރަވެފައިވާ މީހަކަށް ވުމާއެކު އެންމެ ރަނގަޅު ހަނގުރާމަވެރިއަކަށް އޭނާއަށް ނުވިވެދާނެ އެވެ. ނަމަވެސް ކޮންމެ މީހަކުވެސް އެމީހެއްގެ ގައުމު ދިފާއުކުރަން ކުރެވުނުކަމެއް ކުރާނެކަން ޔަގީންކުރާ ކަމަށެވެ.

ޔުކްރޭނުން އެ ގައުމުގެ ރައްޔިތުން ހަނގުރާމައަކަށް ތައްޔާރުކުރުމަށް މިހާރު ދަނީ ތަމްރީނުތައް ދެމުންނެވެ. މި ތަމްރީނުތަކުގެ މަގްސަދަކީ ހަނގުރާމައެއްގެ ހާލަތެއް ކުރިމަތިވެއްޖެނަމަ އާއްމު ރައްޔިތުން ކަންތައްތައް ކުރާނެ ގޮތުގެ ބޭސިކް މިލިޓަރީ ޓެކްނިކްސް ކިޔައިދިނުމެވެ.

ރަޝިޔާ އާއި ޔުކްރޭނުގެ ބޯޑަރުގައި މި ވަގުތު ދެ ބައި މީހުން ތިބީ ދެންމެ ދެންމެ ހަނގުރާމައެއް ފަށާފާނެ ފަދަ ހާލަތެއްގަ އެވެ.