ޔުކްރޭނަށް ރަޝިޔާ ސިފައިން އަރައި އެ ގައުމުގައި ވަރުގަދަ ހަނގުރާމައެއް ފެށުމުން އެ ގައުމުގައި ތިބި އިންޑިޔާގެ އެތައް ހާސް ދަރިވަރުންނަށް ގެނައުމަށް އެ ގައުމުގެ ސަރުކާރުން "އޮޕަރޭޝަން ގަންގާ" ގެ ނަމުގައި މަސައްކަތެއް ފެށި އެވެ. އުމުރުން 24 އަހަރުގެ ޒުވާން އަންހެން ޕައިލޮޓް މަހަސްވެތާ ޗަކްރަބޮތީ އަކީ މި އޮޕަރޭޝަންގައި ބައިވެރިވި ހިތްވަރުގަދަ އެކަކެވެ.
ފެބްރުއަރީ 27 އިން ފެށިގެން މާޗް 7 އާ ދެމެދު މަހަސްވެތާ ވަނީ އިންޑިޔާގެ ކޮލްކަތާ އިން ޕޮލެންޑަށް ހަތަރު ދަތުރު އަދި ހޮލެންޑަށް ދެ ދަތުރުކޮށް 800 އަށް ވުރެ ގިނަ ކުދިން އަނބުރާ ގައުމަށް ގެނެސްދީފަ އެވެ. މަހަސްވެތާ އަކީ ޕްރައިވެޓް އެއާލައިނެއްގެ ޕައިލޮޓެކެވެ.
"ރޭގަނޑު ދަންވަރުގެ ވަގުތެއްގައި އަހަރެން މަސައްކަތް ކުރާ އެއާލައިނުން އަހަންނަށް ގުޅާފައި ބުނި ކުދިން ސަލާމަތްކުރުމުގެ އޮޕަރޭޝަނަށް އަހަރެން ނަގާފައިވާ ކަމަށް. ވަގުތުން ފޮށިތަންމަތި ބަނދެގެން އަހަރެން ފުރަތަމަ ދިޔައީ ތުރުކީގެ އިސްތަންބޫލް އަށް. އެއީ އަހަރެންގެ މަސައްކަތް ފަށަން ހަމަޖެހިފައި އޮތް ރަށް،" މަހަސްވެތާ ބުންޏެވެ.
މި ކުދިން ސަލާމަތްކުރުމުގެ މަސައްކަތުގައި މި ޒުވާން ޕައިލެޓް ވަނީ އޭ-320 ގެ މަތިންދާބޯޓެއް ދުވާލަކު 13-14 ގަޑިއިރު އުދުއްސާފަ އެވެ. ނަމަވެސް މިކަމުގެ ސަބަބުން އޭނާއަށް ލިބުނު ވަރުބަލިކަމާއި ލޮޑުކަން އެއީ މަހަސްވެތާ އަށް އެހާ ބޮޑު ކަމެއް ނޫނެވެ.
އަމިއްލަ ގައުމަށް އެނބުރި ނާދެވިގެން ހަދާނެގޮތް ހުސްވެ ކެތްތެރިކަން ކޮޅުން ލައިފައި ތިބި އެތައް ސަތޭކަ ކުދިންނެއް ރައްކާތެރިކަމާއެކު ގައުމަށް ގެނެސްދެވުނީތީ އޭނާ ހުރީ ހިތްހަމަޖެހިފަ އެވެ.
"ބައެއް ކުދިން ހާސްވެ ކަންބޮޑުވެ ބިރުގަތުމުގެ ސަބަބުން ބަލިވެ، ނަފްސާނީ ގޮތުން ވެސް ވަރަށް އަސަރުކޮށްފައި ތިބީ،" މަހަސްވެތާ ބުންޏެވެ. ބައެއް ކުދިން ބިރުން ތިބި ވަރުން އަމިއްލަ ގައުމަށް އެނބުރި ނާދެވެނީސް ފެން ފޮދެއް ވެސް ބޯން އެއްބަސް ނުވި ކަމަށް އޭނާ ބުންޏެވެ. އެގޮތުން ފްލައިޓް ތެރޭގައި ކުރި ތަޖުރިބާއެއް ވެސް އޭނާ ކިޔައި ދިނެވެ.
"އުމުރުން 21 އަހަރުގެ ކުއްޖަކު ބިރުން ގޮސް ވަރަށް ގަދަޔަށް ފްލައިޓް ތެރޭގައި ފިޓް ޖެހުނު. ނަސީބަކުން އެ ފްލައިޓްގައި ގިނައިން ތިބީ ޖޫނިއާ ޑޮކްޓަރުން. އެ އެންމެން ވެސް ކުއްޖާއަށް ފަރުވާ ދީ ހިތްހަމަޖައްސައިދިނީ،" މަހަސްވެތާ ބުންޏެވެ.