ޔުކްރޭންގައި ޑޮކްޓަރީކަން ކިޔަވަމުންދާ އިންޑިޔާގެ ހަރްޔާނާ އަންހެންކުއްޖަކު އޭނާ ހުންނަ ގޭގެ ވެރިމީހާގެ އާއިލާ ދޫކޮށްފައި އެނބުރި ގައުމަށް ދާން ދެކޮޅު ހަދައިފި އެވެ. އިންޑިޔާ ރައްޔިތުން ޔޫކްރޭނުން ބޭލުމުގެ މަސައްކަތް އިންޑިޔާއިން ކުރަމުންދާއިރު މި އަންހެންކުއްޖާއަށް ވެސް ޔޫކްރޭނުން ފައިބައިގެން އަމިއްލަ ގައުމަށް ދިއުމުގެ ފުރުސަތު ލިބުނެވެ.
ފޭސްބުކްގައި އަންހެން ކުއްޖާގެ މައިންބަފައިންނާ ހަވާލާދީ އޭނާގެ ރައްޓެހި ކުއްޖަކު ލިޔެފައިވާ ގޮތުގައި 17 އަހަރުގެ ނެހާ، ޔުކްރޭނުގައި ދިރިއުޅެނީ ދެމަފިރިއަކާއި އެމީހުންގެ ތިން ދަރިން ދިރިއުޅޭ ގެއެއްގެ ކޮޓަރިއެއް ކުއްޔަށް ހިފައިގެންނެވެ.
ގޭގެ ވެރި ފިރިހެން މީހާ ވަނީ އަމިއްލައަށް ވޮލަންޓިއާ ކޮށްގެން އޭނާގެ ގައުމުގެ ދިފާއުގައި ހަނގުރާމަކުރުމަށް ގޮސް ސިފައިންނާ ގުޅިފަ އެވެ. ގޭގައި ތިބީ އަންހެން މީހާ އާއި އޭނާގެ ކުޑަ ތިން ކުދިން އެކަންޏެވެ.
"އަހަރެން މަރުވިޔަސް މައްސަލައެއް ނެތް. މިފަދަ ހާލަތެއްގައި ކުޑަ ތިން ކުދިންނާއި އެ ކުދިންގެ މަންމަ ދޫކޮށްލާފައި ދާކަށް އަހަންނަކަށް ނުކެރޭނެ،" ނެހާ އޭނާގެ މަންމަ ކައިރީ ބުނި ކަމަށްވެ އެވެ.
ނެހާގެ މަންމަ އަކީ ހަރްޔާނާގެ ސްކޫލެއްގެ ޓީޗަރެކެވެ. އިންޑިއާގެ އާމީގައި މަސައްކަތްކުރި ނެހާގެ ބައްޕަ މީގެ އެތައް އަހަރެއް ކުރިން ވަނީ މަރުވެފަ އެވެ.
ޔުކްރޭނުގެ މެޑިކަލް ކޮލެޖަކުން ކިޔެވުމުގެ ފުރުސަތު ލިބިގެން ނެހާ ޔުކްރޭނަށް ދިޔައީ މިދިޔަ އަހަރު އެވެ.
މިވަގުތު ނެހާ ހުރީ އޭނާ ދިރިއުޅޭ ގޭގެ ވެރިމީހާގެ އަންހެނުންނާއި ތިން ދަރިންނާއެކު ބަންކަރުގަ އެވެ. ކިއޭވްގައި ހުންނަ ގެއަކުން ނެހާ ކޮޓަރިއެއް ކުއްޔަށް ހިފީ ހޮސްޓެލުން ޖާގަ ނުލިބިގެންނެވެ.
ނެހާގެ މަންމަގެ އެކުވެރިއަކު ބުނި ގޮތުގައި އެ ގޭގެ ކުޑަކުދިންތައް ދެކެ ނެހާ ވަރަށް ލޯބިވެ އެވެ. ކިއޭވްއަށް ރަޝިޔާ ސިފައިން ހަމަލަ ދޭން އުޅޭކަން އެނގުމުން ނެހާ އަށް އެ އަމިއްލަ ގައުމަށް ދިއުމުގެ ފުރުސަތު ލިބުނެވެ. އަދި އޭނާގެ މަންމަ އެތައް މަސައްކަތަކުން ނެހާ އިންޑިޔާ އަށް ގެންދެވޭނެ އިންތިޒާމުތައް ހަމަޖެއްސި އެވެ. އަދި ރޫމޭނިޔާ އަށް ގޮސް އެ ގައުމުން އިންޑިޔާ އަށް ދެވޭނެ މަގު ނެހާ އަށް ފަހިވި އެވެ. އެކަމަކު ހާލުގައި ޖެހިފައިވާ އަންހެނަކާއި އޭނާގެ ކުޑަ ތިން ދަރިން އެހާ ނިކަމެތި ހާލެއްގައި ދޫކޮށްލާފައި އަމިއްލަ ގައުމަށް އެނބުރި ދާން ނެހާ ބޭނުމެއް ނުވި އެވެ.
ނެހާގެ މަންމަގެ އެތައް އާދޭހަކާއި ރުއިމަކުން ވެސް ނެހާގެ ޚިޔާލު ބަދަލެއް ނުވި އެވެ. ކޮންމެ ހާލެއް ޖެހުނަސް އެ ކުޑަކުދިންކޮޅާއި އަންހެންމީހާ ދޫކޮށްލަން ނެހާ ތައްޔާރެއް ނޫނެވެ. ނެހާ އޭނާގެ މަންމަ ކައިރީ ބުނީ ހަނގުރާމަ ވަކި ކޮޅެއްގައި ޖެހެންދެން އޭނާ އެމީހުންނާއެކު ހުންނާނެ ކަމަށެވެ. އަމިއްލަ ފުރާނައަށް ވެސް އޭނާގެ ފަރުވާލެއް ނެތެވެ.