ރަޝިޔާއިން ޔުކްރޭނަށް ހަމަލާ ދޭން ފެށުމާއެކު ހިތްފަޅައިގެންދާ ފަދަ އަސަރުގަދަ ވީޑިއޯތައް ސޯޝަލް މީޑިއާގައި ދަނީ ދައުރުވަމުންނެވެ.
ޔުކްރޭން މީހުން ބިރުން ކޮޅުކޮޅަށް ދުވާ މަންޒަރާއި ބޯޑަރު ހުރަސްކޮށް އެހެން ގައުމުތަކަށް ދަތުރުކުރަން މަސައްކަތް ކުރާ މަންޒަރު ފެންނަ ވީޑިއޯތަކެވެ. މީހުން ދިރިއުޅޭ ބޮޑެތި ބިލްޑިންގްތަކަށް ހަމަލާތައް އަރައި ފުނޑުފުނޑުވަމުން ފައިބާ މަންޒަރުތަކެވެ. މީގެ ތެރެއިން ވެސް އިއްޔެ އެންމެ ފާހަގަކޮށްލެވުނު އެއް ވީޑިއޯއަކީ ބައްޕައަކު އޭނާގެ ދަރިފުޅަށް ކީ ކަރުނައިގެ އަލްވަދާއުގެ ވީޑިއޯއެކެވެ.
އެ ބައްޕަ އޭނާގެ ދަރިފުޅާއި އާއިލާ ރައްކާތެރި ތަނަކަށް ފޮނުވާލަން ބަހަކަށް އަރުވާ މަންޒަރު މި ވީޑިއޯގައި ފެނެ އެވެ. އަދި ރޮމުން ރޮމުން ދަރިފުޅުގެ ގައިގައި ބައްދާލާ އަލްވަދާއު ކީ މަންޒަރު ވެސް ފެނެ އެވެ.
ސީއެންއެންގައިވާ މި ރިޕޯޓުގައި ބުނެފައިވާ ގޮތުގައި މި ބައްޕަ އޭނާގެ ދަރިފުޅާއި އާއިލާއާ އެކު ބަހުގައި ދަތުރު ނުކުރީ އަމިއްލަ ގައުމު ދިފާއުކުރަން ހަނގުރާމައަށް ނުކުތުމަށެވެ.
ޔުކްރޭންގެ ރައްޔިތުންގެ ތެރެއިން ހަނގުރާމައަށް ނުކުންނަން ބޭނުންވާ ކޮންމެ މީހަކަށް ހަތިޔާރު ދެއްވާނެ ކަމަށް އެ ގައުމުގެ ރައީސް އަންގާފައިވާތީ އެވެ.
ޔުކްރޭން އާއި ހަންގޭރީގެ ބޯޑަރު ކައިރީގައި އެތައް ސަތޭކަ ކާރެއްގ ކިއު ދެ ކިލޯ މީޓަރަށް ވުރެ ދުރަށް ދެމިފައިވެ އެވެ. އެއީ ހަނގުރާމައަށް ބިރުން ޔުކްރޭނުން ނުކުންނަން ބޭނުންވެފައިވާ އެ ގައުމުގެ ރައްޔިތުންނެވެ. ބައެއް މީހުން ބުނި ގޮތުގައި އެގޮތަށް އެ މީހުން ކިއުގައި ތިބޭތާ ހަ ގަޑިއިރު ވެއްޖެ އެވެ.
ޔުކްރޭން މީހުންގެ ތެރެއިން ފައިސާވެރިން މާ ކުރިއްސުރެ ވަނީ ގައުމު ދޫކޮށް ގޮއްސަ އެވެ. އެންމެ ނިކަމެތި މީހުން ތިބީ ބިންގަރާސްތަކަށް ވަދެ ފިލަ އެވެ. އެމީހުން ގެންގުޅޭ ޖަނަވާރުތަކާއި މުދަލަށް ވާނެ ގޮތަކާ މެދު ފިކުރު ބޮޑުވެފައިވާ ހާލުގަ އެވެ.