ރާއްޖެ ކުޅިވަރު

ދަގަނޑޭ ކުރިއަށްވުރެ މޮޅުވާނެ: ބަނގްލަދޭޝް ކޯޗު

Dec 22, 2015
1

ސާކް ސަރަހައްދުގެ އެންމެ މޮޅު ކުޅުންތެރިއަކީ އަދިވެސް ރާއްޖޭގެ ކެޕްޓަން އަލީ އަޝްފާގް (ދަގަނޑޭ) ކަމަށާއި ކުރިއަށްވުރެ މިހާރު އޭނާ މާމޮޅުވާނެ ކަމަށް ބަނގްލަދޭޝް ޓީމުގެ ކޯޗު މައުރޫފުލް ހައްގު ބުނެފި އެވެ.

"އަހަރެން އޭނާ ދަންނަން ވަރަށް ކުރިން ފެށިގެން. އެއީ މި ސަރަހައްދުގެ އެންމެ މޮޅު ކުޅުންތެރިޔާ. އެކަމާމެދު އެއްވެސް ޝައްކެތްނެތް. އޭނާ އަކީ ސާފް ޗެމްޕިއަންޝިޕުގެ އެންމެ ނުރައްކާތެރި ފޯވަޑް. އެންމެ ގިނަ ގޯލު ޖެހީ ވެސް އޭނާ. ދަނޑުގެ ކޮންމެ ހިސާބަކުން ވެސް އޭނާ ނުރައްކާކޮށްފާނެ. މިހާރު އޭނާ ކުރިއަށްވުރެ މޮޅުވާނެ ކަމަށް އަހަރެން ގަބޫލުކުރަން ބިދޭސީ ލީގެއްގައި ކުޅޭތީވެ،" މައުރޫފް ބުންޏެވެ.

އޭނާ ބުނީ ރާއްޖެ އަކީ ވަރުގަދަ އަދި ހުނަރުވެރި ކުޅުންތެރިން ތިބި ޓީމެއް ކަމަށާއި ނަމަވެސް ޓީމުގެ މައި އިންޖީނަކީ އުމުރުން 30 އަހަރުގެ ދަގަނޑޭ ކަމަށެވެ.

"އޭނާ ނެތި ރާއްޖެ އަށް މޮޅުވުން ވަރަށް އުނދަގޫވާނެ. އެހެންވީމަ އެންމެ ބޮޑަށް ސަމާލުވާންޖެހޭ ކުޅުންތެރިއަކީ އޭނާ. އަހަރުމެންގެ ޓީމުން ރާއްޖެއާ ކުޅޭއިރު ވިސްނާނަން އޭނާ އަށް ފުރުސަތު ނުދޭން. ރާއްޖެ މެޗު ވާނީ ވަރަށް މުހިންމު މެޗަކަށް،" ކޯޗު ބުންޏެވެ.

ދަގަނޑޭ އަކީ ރާއްޖެ ބަލިކޮށް 2003 ވަނަ އަހަރު ބަނގްލަދޭޝް ސާފް ޗެމްޕިއަންޝިޕް ކާމިޔާބުކުރިއިރު އެ މުބާރާތަށް ނެތި ރާއްޖޭގެ ޓީމުން އެންމެ ފަހު ވަގުތު ބާކީވި ކުޅުންތެރިއެކެވެ. ނަމަވެސް ޕެނަލްޓީ ޖަހައިގެން ރާއްޖެ ބަލިވި އިރު އެ މުބާރާތަށް ދަގަނޑޭ ގެންދެވުނުނަމަ ރާއްޖެ އަށް ތަށިލިބުނީސް ކަމަށް އެއިރުގެ ގައުމީ ކޯޗު ޖޯސެފް ޔަންކޭ ފަހުން އެއްބަސްވި އެވެ. އެ ފަހަރުގެ މުބާރާތަށް ދަގަނޑޭގެ ބަދަލުގައި އަހުމަދު ތޯރިގް (ޓޮމް) ނެގީ ދަގަނޑޭ މާބޮޑަށް ހަނގުވުމުން ކަމަށް ވެސް ޔަންކޭ ބުންޏެވެ.