ސާފް ސުޒުކީ ކަޕް

ކުޅުން ހުއްޓާލުމަށްފަހު އުޅޭނީ ވިޔަފާރީގައި: ދަގަނޑޭ

ފުޓްބޯޅަ ކުޅުން ހުއްޓާލުމަށްފަހު އޭނާ ކުރާނެ މަސައްކަތަކީ ވިޔަފާރި ކަމަށް ގައުމީ ކެޕްޓަން އަލީ އަޝްފާގް (ދަގަނޑޭ) ބުނެފި އެވެ.

ބަނގްލަދޭޝްގެ ޑެއިލީސްޓާއަށް އިއްޔެ ދީފައިވާ އިންޓަވިއުގައި ދަގަނޑޭ ބުނީ މި ފަހަރުގެ ސާފް ޗެމްޕިއަންޝިޕަށް ފަހު ގައުމީ ޓީމަށް ކުޅުން ހުއްޓާލަން އޭނާ ނިންމާފައި ނިންމުމަށް ބަދަލެއް ނާންނާނެ ކަމަށެވެ.

"އަހަރެން މި ނިންމުން ނިންމީ ރާއްޖޭގެ ފުޓްބޯޅައިގެ މުސްތަގްބަލް އޮތީ އުޖާލާކޮށް ކަމަށްވާތީވެ. އަހަރެން ރިޕްލޭސްކުރެވޭވަރުގެ ޒުވާން ކުޅުންތެރިން އެބަތިބި،" ދަގަނޑޭ ބުންޏެވެ.

އުމުރުން 30 އަހަރުގެ ކުޅުންތެރިޔާ ބުނީ މާލޭގައި އޭނާ އަންނަނީ އިމާރާތްކުރުމުގެ ވިޔަފާރި ކުރަމުން ކަމަށެވެ.

"އަހަރެން (ކުޅުން ހުއްޓާލާފައި) ކުރާނެ ކަމެއް އަދި ނުނިންމަން. އެކަަމަކު ޔަގީން އަހަރެން ނުދާނެކަން ކޯޗުކަން ކުރާކަށް ނުވަތަ ޓީމެއް ހިންގާކަށް. އަހަރެންގެ އަމިއްލަ ރިއަލް އެސްޓޭޓް ބިޒްނަސްއެއް އެބައޮތް. މިހާރު 10 އަހަރުވެއްޖެ އެކަން ކުރާތާ. ކުޅުން ހުއްޓާލުމަށްފަހު އަހަންނަށް އެކަމަށް މިހާރަށްވުރެ ގިނަ ވަގުތުދެވޭނެ،" ދަގަނޑޭ ބުންޏެވެ.

އެނޫހަށް އިންޓަވިއު ދެމުން ދަގަނޑޭ ބުނީ އޭނާގެ ވިޔަފާރީގައި ބަނގްލަދޭޝްގެ މަސައްކަތު މީހުން ވެސް ގެންގުޅޭ ކަމަށާއި ބަނގްލަދޭޝް ކޮޅަށް 2011 ވަނަ އަހަރުގެ ސާފް ޗެމްޕިއަންޝިޕްގައި ޖެހި ގޯލަކީ ފާހަގަކޮށްލެވޭ ގޯލެއް ކަމަށެވެ.

"އަހަރެން މިހާތަނަށް ބަނގްލަދޭޝްއާ ދެކޮޅަށް ކުޅުނު އެންމެ އުނދަގޫ ޓީމު މިއީ. އަހަރެން ސަމާސާއަށް ބުނާ ވާހަކައެއްނޫން މިއީ. އެމީހުންގެ ޕާސްތައް ރަނގަޅު. ޓެކްނިކަލީ ވެސް ރަނގަޅު. އެކަމަކު ނަތީޖާއަށް ބަލާއިރު އެމީހުންގެ ނަސީބު ދެރައީއޭ ބުނާނީ،" މެލޭޝިޔާގެ ޕީޑީއާރުއެމް އަށް ކުޅޭ ކުޅުންތެރިޔާ ބުންޏެވެ.

އޭނާ އަދި ބުނީ ރާއްޖެ އާއި މެލޭޝިޔާގެ ކުލަބުތަކުގައި ވަސީލަތުގެ ހިންގުމުގެ ގޮތުން ހާސްބައި ތަފާތު ކަމަށާއި މެލޭޝިޔާ ލީގުގައި ކުޅުމަކީ އޭނާގެ ފެންވަރު މައްޗަށް ޖައްސާލެވޭނެ ކަމެއް ކަމަށެވެ.