ސާފް ޗެމްޕިއަންޝިޕަށް ފަހު ގައުމީ ޓީމަށް އަލްވަދާއު ކިޔަން ނިންމާފައިވާ ކެޕްޓަން އަލީ އަޝްފާގް (ދަގަނޑޭ)ގެ ގާތް ރައްޓެހިން ބުނާގޮތުގައި ސްކޫލުގައި އުޅުނު އިރު އެއީ ވަރަށް ސިޔާސަ ކުއްޖެކެވެ. ކިޔެވުމަށްވުރެ ބޮޑަށް އޭނާ އިސްކަން ދިނީ ސްކޫލު ބައިވެރިވާ އެކިއެކި ކުޅިވަރު ހަރަކާތްތަކުގައި ބައިވެރިވުމަށެވެ. ކުށްވެރިވެގެން ނަމަވެސް މަދުރަސީ މާހައުލާ ދުރަށް ދެވުމަކީ އެއިރު އޭނާ ގަބޫލުކުރި ގޮތުގައި ފުޓްބޯޅައިގެ ރޮނގުން ކުރި އަށް ދިއުމަށް ފުރުސަތު ހުޅުވިގެންދާނެ ކަމެކެވެ.
އަހުމަދިއްޔާ އާއި ޖަމާލުއްދީން އަދި މަޖީދިއްޔާގެ އިލްމީ ހިޔާވަހިކަމުން ނަފްސު މުއްސަދި ކުރުމަށްވުރެ ބޮޑަށް އޭނާ ލޯބި ކުރީ ފުޓްބޯޅަ ދަނޑުން ދިރިއުޅުން ބިނާކުރާށެވެ. ނަތީޖާއެއްގެ ގޮތުން އެ ދަރިވަރު ވެގެންދިޔައީ މިއަދު ދިވެހި ފުޓްބޯޅައިގެ އެންމެ އިސް އާރުކާޓީ އަށެވެ. އޭނާ ނެތި މިއަދު ދިވެހި ގައުމީ ފުޓްބޯޅަ ޓީމު ފުރިހަމައެއް ވެސް ނުވާނެ އެވެ. އުމުރުން އެންމެ 23 އަހަރުގައި ސަރަހައްދީ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާގެ މަގާމަށް އޭނާ ވާސިލްވީ، އޭނާގެ ހުނަރުން އެތަކެއް ބަޔަކު އާޝޯހު ކުރުވައި އެ ހުނަރަށް އެތައް ބައެއްގެ ހިތް ލަންބުވާލުމަށް ފަހު އެތައް ޑިފެންޑަރުން ހާވިއާ ކޮށްލާފަ އެވެ.
އައްޑު އަތޮޅު ހިތަދޫ މުހައްމަދު ރަޝީދާއި ކ. މާލޭ އާމިނަތު ނާހިދާ އަށް ލިބުނު ދެ ފިރިހެން ކުދިންގެ ތެރެއިން ހަނގު ދަރިފުޅު އަޝްފާގް އުފަންވީ ސެޕްޓެމްބަރު 6، 1985 ވަނަ އަހަރު އެވެ. އޭނާގެ މަންމަ ކިޔާދިންގޮތުނަމަ ޅައުމުރުގައި ވެސް އަޝްފާގުވީ ފުޓްބޯޅަ ބަލަން ގަވާއިދުން ގަލޮޅު ދަނޑަށް ދާ ކުއްޖަކަށެވެ.
"އަބަދުވެސް ފުޓްބޯޅަ ކުޅެން ބޭނުންވާނެ. އެހެންވެ އޭނާ އެހާކުރާހިތްވާ ކަމަކަށްވާތީވެ އެކަން މަނާކުރާކަށް އެއްވެސް އިރަކު ނޫޅެން،" ނާހިދާ ކުރިން ދީފައިވާ އިންޓަވިއުއެއްގައި ބުންޏެވެ.
ގޯލްޑަން ޖުބުލީ ބަލަން އިނީ ސިޑިބަރީގައި
ރާއްޖޭގެ ފުޓްބޯޅަ އަށް 50 އަހަރު ފުރިގެން 2000 ވަނަ އަހަރު ބޭއްވި ގޯލްޑަން ޖުބުލީ ފުޓްބޯޅަ މުބާރާތުގެ މެޗުތައް ބަލަން އޭނާ ދަނޑުގައި އިން އިރު އެއީ ކާކުކަން ގިނަ ބަޔަކަށް ނޭނގުނަސް އެ މަންޒަރު މިއަދު ޓީވީން ފެނުމުން އެ ކަމާ ހައިރާން ވާނެ މާ ގިނަ ބަޔަކު ނެތީ އޭނާގެ ޖާދޫގައި ސަހަރައްދީ ހިތްތަކާ ވެސް ކުޅެ، އެތަކެއް ގޯލެއް ފޫއަޅުވާލާފައިވާތީ އެވެ. މަޖީދިއްޔާގެ އަށް ވަނަ ގްރޭޑަށް ދިޔަފަހުން ކިޔެވުން ހުއްޓާލުމަށް ފަހު އަޝްފާގް ފުޓްބޯޅަ ދަނޑަށް ރަސްމީކޮށް ނުކުތީ ގޯލްޑަން ޖުބުލީ މުބާރާތް ކުޅުނުތާ އަހަރެއް ފަހުންނެވެ.
އެންމެ ފުރަތަމަ އަޝްފާގް ފުޓްބޯޅަ ކުޅެއުޅުނީ ހިއްކި ބިމުގަ އެވެ. އެއިރު އޭނާގެ އެންމެ ގާތް އެއް އެކުވެރިއަކީ ވެލެންސިއާގެ ޗެއާމަން އަދީލްޖަލީލްގެ ދަރިފުޅު އަދި މިހާރު އެފްއޭއެމުގެ ޖެނެރަލް ސެކްރެޓަރީ ބައްސާމް އަދީލް ޖަލީލެވެ. މި ގުޅުމަކީ އަޝްފާގަށް ވެލެންސިއާއިން ފުރުސަތު ލިބެން މެދުވެރިވި މުހިންމު ސަބަބަކަށްވި އެވެ. ނަމަވެސް އަދީލް ޖަލީލު އޭނާ ވެލެންސިއާ އަށް ގެނައީ ބޮޑެތި އެހެން ކުލަބުތަކުން ވެސް އޭނާ އަށް ޝައުގުވެރިވެ ސީރިއަސްކޮށް ވާހަކަ ދައްކަމުންދަނިކޮށް ވަރަށް ބުރަ މަސައްކަތުންނެވެ.
ފުރަތަމަ މެޗުގައި ވެސް އެންމެންގެ ތައުރީފް ހޯދި
ގައުމީ ފެންވަރުގެ ފުޓްބޯޅަ މެޗަކަށް އަޝްފާގް އެންމެ ފުރަތަމަ ނުކުތީ 2001 ވަނަ އަހަރުގެ ޕޮމިސްކަޕުގައި ވިކްޓަރީއާ ދެކޮޅަށެވެ. އެއިރު ވެލެންސިއާގެ އެންމެ އިސް ފޯވަޑް އަލީ އުމަރު ބޮޑު ސަސްޕެންޝަނެއްގައި ހުރުމުން ކޯޗު އަހުމަދު މުޖުތަބާ (ފެސްކޯ) ވެލެންސިއާގެ ކުރީގެ ކެޕްޓަން އިސްމާއީލް އާސިފް (ކުޑަހީނާ)ގެ 12 ނަންބަރު ޖާޒީގައި އަޝްފާގް ދަނޑަށް ނެރުނީ "މިއީ ވަކި އަލީއުމަރަށް ދޫކުރާ ވަރުގެ މީހެއްނޫން،" ކަމަށް ބުނެފަ އެވެ.
ގައުމީ ކީޕަރު އިމްރާނު މުހައްމަދު ބެލެހެއްޓި ވިކްޓަރީގެ ގޯލަށް އޭނާގެ ފުރަތަމަ ލަނޑު ދަގަނޑޭ ވައްދާލީ ކުރީގެ ގައުމީ ކެޕްޓަން މުހައްމަދު އިބްރާހީމް (ކައްޕި) ކަޓުވާފައި އޭރިޔާ ތެރެއަށް ވަދެ ވާތުފައިން ގޯލުގެ އަރިމަތީ ކަނަށް ތިރިތިރިން ބޯޅަ ފޮނުވާލައިގެންނެވެ.
މި ލަނޑާއެކު އުފާފާޅު ކުރަން އޭނާ ބުރު އަޅަމުންދިޔައިރު މިއީ ފުޓްބޯޅައިގައި ދިވެހިން ފަހުރުވެރިވާނެ ކުޅުންތެރިޔާ ކަމަށް ގަބޫލުކޮށްގެންތިބީ މަދުބަޔެކެވެ. އެކަމަކު ދެ އަހަރެއްހާ ދުވަހުގެ ތެރޭގައި އަޝްފާގްގެ ވިދާބަބުޅައިގަތީ އެންމެން އަޖާއިބުކޮށްލާފަ އެވެ. ކުރީގެ ގައުމީ ކޯޗު މެނުއަލް ގޯމޭޒް ގަލޮޅުދަނޑުގައި އިން ފުރަތަމަ ދުވަހު އަޝްފާގްގެ މައުލޫމާތު ހޯދައި އޭނާ އަށް ބައިނަލް އަގްވާމީ ދަނޑަށް ނެރެން މަސައްކަތް ފެށި އެވެ. އުމުރުން 16 އަހަރުގައި ޕޯޗުގަލް ލީގުގައި ކުޅުމުގެ ފުރުސަތު ފަހިކޮށްދިނެވެ. އޭގެ ފަހުން އޭނާގެ އެހީއަށް ނޭދޭ އެއްވެސް ބޮޑު ކުލަބެއް ދެކުނު އަދި މެދުތެރޭ އޭޝިޔާގައި ނެތެވެ. ނޫސްވެރިންގެ ކުރިމަތީގައި އޭނާ އަށް ސަނާ ނުކިޔާ އެންމެ ކޯޗަކު ވެސް ނެތެވެ.
"އެއީ ރާއްޖޭގެ މެސީ. އަހަންނަށް އޭނާ ފެނުނު ފުރަތަމަ ދުވަހު ގަބޫލު ވެސް ނުކުރެވުނު އެއީ ރާއްޖޭގެ ކުޅުންތެރިއެއް ކަމަށް. އެކަމަކު ދުނިޔޭގެ ފެންވަރުގެ ހުނަރުވެރިއެއް،" ގޯމޭޒް ބުންޏެވެ.
ސަރަހައްދީ ފެންވަރުގައި އޭނާގެ ފުރަތަމަ ގޯލު ޖެހީ 2002 ވަނަ އަހަރު އިންޑިޔާގެ ވަރުގަދަ ކުލަބު މޯހަން ބަގާންކޮޅަށެވެ. އޭޝިއަން ޗެމްޕިއަންސް ލީގުގައި ކަލްކަތާގައި ކުޅުނު މެޗުން ވެލެންސިއާ ބަލިވާން ދަނިކޮށް އަޝްފާގް މެޗުގެ ނަތީޖާ އެއްވަރުކުރި ލަނޑު ޖެހި ނަމަވެސް އެ އަހަރު ނިމިގެން އޮތް ސާފް ޗެމްޕިއަންޝިޕުން އޭނާ އަށް ފުރުސަތު ނުދިނެވެ. އެކަމަކު އެއީ އަޝްފާގް ޓީމާއެކު ގެންދެވުނު ނަމަ ތަށި ލިބޭނެ މުބާރާތެއް ކަމަށް ފައިނަލްގައި ޕެނަލްޓީ ޖަހައިގެން ބަލިވުމުން އެއިރުގެ ގައުމީ ކޯޗު ސްލޮވާކިޔާގެ ޖޯސެފް ޔަންކޭ އެއްބަސްވި އެވެ. މިހެންވެ 2008ގެ މުބާރާތަށް ޓީމުން ފައިނަލް ކުރަމުންދިޔައިރު ޖާގަ ކަށަވަރުކޮށްދިން މަދު ކުޅުންތެރިންގެ ތެރޭގައި ޔަންކޭ ވަނީ ދަގަނޑޭގެ ނަން ބާއްވާފަ އެވެ.
ދިވެހި ފުޓްބޯޅައިގެ ހުރިހާ ރެކޯޑެއް އޭނާގެ އަތުގައި
ރާއްޖޭގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާގެ މަގާމަށް 2003 ވަނަ އަހަރު އަޝްފާގް ވާސިލްވީ ދިވެހި ފުޓްބޯޅައިގެ ގިނަ ރެކޯޑްތަކަކާ ވެސް އެކުގަ އެވެ. ސީޒަނެއްގައި އެންމެ ގިނަ ލަނޑު ޖެހި ދިވެހި ކުޅުންތެރިޔާގެ ރެކޯޑް މުގުރާލައި އެ ރެކޯޑް ތިން ފަހަރެއްގެ މަތީން އޭނާ އާކުރީ އެހެން ކުޅުންތެރިންނަށް ކައިރިވެސް ނުކުރެވޭހާ ދުރުންނެވެ. ފަނަރަ އަހަރުގެ ކެރިއަރުގައި މިހާތަނަށް 360 ލަނޑު ޖަހާފައިވާއިރު، މޮޅު ކުޅުންތެރިޔާގެ މަގާމާއި ސީޒަނުގެ އެންމެ ގިނަ ލަނޑު ޖަހާ ކުޅުންތެރިޔާގެ ރަންބޫޓު އޭނާ ހޯދިވަރާ ގާތަށް އެކަކަށް ވެސް މިހާތަނަށް ނުހޯދެ އެވެ. އަދި ފުޓްބޯޅައިގައި އޭނާ ހެދި ރެކޯޑްތައް ކައިރި މުސްތަގްބަލެއްގައި މުގުރާލުމަކީ ވެސް ވަރަށް ދުރުކަމެކެވެ.
ނިއު ރޭޑިއަންޓާއި ވީބީ އަދި ބުރޫނާއީގެ ޑީޕީއެމްއެމް އަށް ކުޅުމަށްފަހު މިހާރު މެލޭޝިޔާގެ ޕީޑީއާރުއެމް އަށް ކުޅޭ އަޝްފާގް ކުޅުނު ހުރިހާ ކުލަބުތަކުން ވެސް އޭނާގެ ހުނަރާއި ހިދުމަތް ބަލައިގަތީ އުފަލުންނެވެ. ގައުމީ ޓީމުގެ ކެޕްޓަންކަމާއި 2008 ވަނަ އަހަރު ހަވާލުވުމަށްފަހު މިހާރު އޭނާ އަކީ އެންމެ ގިނަ ދުވަހު ކެޕްޓަން ބޭންޑް އެޅި ދިވެހި ކުޅުންތެރިޔާ އެވެ. ގައުމީ ޓީމަށް އެންމެ ގިނަ މެޗު ކުޅެދީ އެންމެ ގިނަ ގޯލު ޖަހައިދިން ކުޅުންތެރިޔާ އެވެ. ސާފް ޗެމްޕިއަންޝިޕް ރާއްޖެ އަށް ހޯދައިދިން ޓީމުގައި ކުޅެ އެ މުބާރާތުގެ މޮޅު ކުޅުންތެރިޔާ އެވެ. އަންނަ މުބާރާތަށް ފަހު ސާފް ޗެމްޕިއަންޝިޕުގައި ގައުމީޖާޒީ ނުލާން ނިންމައިގެންހުރި އިރު އެ މުބާރާތުގެ އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިއަކީ ވެސް އޭނާ އެވެ.
"ދަގަނޑޭ ނެތުމަކީ ގައުމީ ޓީމަށް ލިބޭނެ ބޮޑު ހުސްކަމެއް. އޭނާއަކީ ދަނޑުމަތީގައި ކުޅުންތެރިއަކު ކުރަން ކޯޗު ބޭނުންވާ ހުރިހާ ކަމެއް އެނގޭ ކުޅުންތެރިއެއް. އެއީ ކުޑަކުޑަ މަރަޑޯނާ އެއް. ރާއްޖޭގެ ކުޑަކުދިންނަށް ރޯލް މޮޑެލް އެއް،" ވެލެންސިއާ އާއި ވީބީގެ ކުރީގެ ކޯޗު ހަންގޭރީގެ ލާސްކޯ ކިސް ބުންޏެވެ.
އުމުރުން މިހާރު 30 އަހަރުގެ ދަގަނޑޭ ނެތަސް ޔަގީންވާ ކަމެއް އެބައޮތްވެ. ދިވެހި ފުޓްބޯޅައިގެ ތާޖު އޭނާ ފިޔަވައި ދޭނެ އެހެން ކުޅުންތެރިއަކު ނެތް ކަމެވެ. ގިނަ ބަޔަކު ގަބޫލުކުރާ ގޮތުގައި އެފަދަ ކުޅުންތެރިއަކު ދެން ފެނުމަކީ ވެސް ދުރުކަމެކެވެ.