ރާއްޖެ ކުޅިވަރު

ފިޓްވާން މަސައްކަތްކުރީ ދަގަނޑޭގެ އާދޭހާއެކު: އިމްރާން

މި މަހު ފަހުކޮޅު އިންޑިޔާގައި ފަށާ ސާފް ސުކުޒީ ކަޕް ފުޓްބޯޅަ މުބާރާތުގައި ކުޅެން އޭނާ ތައްޔާރު ކަމަށާއި މުބާރާތަށް ފިޓްވާން މަސައްކަތް ކުރީ ކެޕްޓަން އަލީ އަޝްފާގް (ދަގަނޑޭ)ގެ އަދޭހާ ވެސް އެކު ކަމަށް ކީޕަރު އިމްރާނު މުހައްމަދު ބުނެފި އެވެ.

އިމްރާނަށް އަނިޔާވީ ވޯލްޑް ކަޕް ކޮލިފައިންގައި ގައުމީ ޓީމު ހޮންކޮންއާ ދެކޮޅަށް ކުޅެނިކޮށް މި އަހަރުގެ މެދުތެރޭގަ އެވެ. އޭގެ ފަހުން ކުޅިބަލަންއިން ކީޕަރު ބުނީ ސުކުޒީ ކަޕުގައި ކުޅެދޭނެ ދަގަނޑޭ ތަކުރާރުކޮށް އެދުނު ކަމަށެވެ.

"އަޝްފާގް ވަރަށް ބޮޑަށް އެދެމުންދިޔަ މި މުބާރާތުގައި އަޅުގަނޑު ކުޅެދޭން. އެއީ އޭނާގެ ފަހު މުބާރާތަށް ވުމުން، އަޅުގަނޑު ވެސް އޭނާއާއެކު މި މުބާރާތުގައި ކުޅެން ވަރަށް ބޮޑަށް އެދެމުންދިޔަ. އެހެންވެ އިތުރު ހިތްވަރަކާއެކު ފިޓްވާން މަސައްކަތް ކުރީ،" އުމުރުން މިހާރު 34 އަހަރުގެ ކީޕަރު ބުންޏެވެ.

ދެހާސް ވަނަ އަހަރުން ފެށިގެން ގައުމީ ޓީމުގެ އެއްވަނަ ކީޕަރުކަން ކުރަމުން އަންނަ އިމްރާން ބުނީ އޭނާ ފިޓްކުރުމަށް ދަގަނޑޭ ވަރަށް ބޮޑަށް އެހީތެރިވި ކަމަށެވެ.

"އޭނާ ބަރާބަރަށް އަޅުގަނޑުގެ ސިޓުއޭޝަން ބަލާ. ކޮންމެ ދުވަހަކު ގަވާއިދުން ގުޅާ ހަދައިގެން ވެސް އިންޖަރީއާ ބެހޭ ގޮތުން މައުލޫމާތު ހޯދާނެ. އެވަރުން ނުވެގެން އޭނާ ކުޅޭ ކުލަބުގެ މީހުންނާ ވާހަކަ ދައްކައިގެން މެލޭޝިޔާ އަށް އަޅުގަނޑު ފަރުވާ އަށް ގެންދަން ވެސް އުޅުނު،" އިމްރާން ބުންޏެވެ.

މެލޭޝިޔާގެ ޕީޑީއާރުއެމް އަށް ކުޅެމުން އަންނަ ދަގަނޑޭ އަށްޓަކައި ޑިސެމްބަރު 23 އިން ޖެނުއަރީ ތިނަކަށް ބާއްވާ މުބާރާތް ރާއްޖެ އަށް ކާމިޔާބުކޮށްދޭން އިމްރާނު ބުނީ އޭނާ ގަދައަޅައި މަސައްކަތް ކުރާނެ ކަމަށެވެ.

"އަޅުގަނޑުގެ ވެސް ކެރިއަރުގެ ފަހުކޮޅަށް މިވަނީ އެޅިފައި. ދެން އަޝްފާގް ވެސް ފަހު މުބާރާތް. އެހެންވީމާ މި މުބާރާތް ކާމިޔާބު ކުރަން ވަރަށް ބޮޑަށް ބޭނުން. ވަރަށް މަސައްކަތް ކުރާނަން،" އިމްރާން ބުންޏެވެ.

ކީޕަރު އިމްރާން އާއި ދަގަނޑޭ އަކީ ނިއު ރޭޑިއަންޓާއި ވީބީގައި އެކުގައި ކުޅުނު ދެ ކުޅުންތެރިންނެވެ. އޭގެ އިތުރުން މި ދެ ކުޅުންތެރިންނަކީ 2008 ވަނަ އަހަރުގެ ސާފް ސުޒުކީ ކަޕް ނުވަތަ އެއިރުގެ ސާފް ޗެމްޕިއަންޝިޕް ކާމިޔާބު ކުރި ޓީމުގެ މުހިންމު ދެ ކުޅުންތެރިންނެވެ.

މި ފަހަރު އިންޑިޔާގެ ޓްރިވެންޑްރަމުގައި ބާއްވާ މުބާރާތަށް ގައުމީ ކޯޗު ނިއުޒީލޭންޑްގެ ރިކީ ހާބަޓްގެ އިރުޝާދުގެ ދަށުން ގައުމީ ޓީމު އަންނަނީ ފަރިތަކުރަމުންނެވެ. އަދި އަރަބި ގައުމެއްގައި ކޭމްޕް ކުރަން ދިއުމަށް ވެސް ގައުމީ ޓީމު ދަނީ ތައްޔާރުވަމުންނެވެ.