އަލީ އަޝްފާގު (ދަގަނޑޭ)

ހިތްވަރުގެ މެސެޖަކާއެކު ދަގަނޑޭގެ ހެޔޮ އެދުންތައް

ހިތްވަރުގެ ވަރުގަދަ މެސެޖަކާއެކު، ކުރިއަށް އޮތް ސާފް ޗެމްޕިއަންޝިޕްގައި ވާދަ ކުރާ ގައުމީ ޓީމަށް، ކުރީގެ ކެޕްޓަން އަލީ އަޝްފާގް (ދަގަނޑޭ) ގެ ހެޔޮއެދުންތައް ގައުމީ ޓީމަށް ރައްދު ކޮށްފި އެވެ.

އަޝްފާގްގެ ޓްވިޓާގައި އޭނާ ވަނީ، އެމެރިކާގެ ގައުމީ އަންހެން ފުޓްބޯޅަ ޓީމުގެ ފޯވަޑް އެލެކްސް މޯގަން ބުނެފައިވާ މެސެޖެއް ޝެއާކޮށް، ގައުމީ ޓީމަށް ހިތްވަރު ދީފަ އެވެ. އެ މެ ސެޖުގައި ބުނެފައި ވަނީ މިހެންނެވެ. "ފަސް ޖެހުމެއްނެތި އަބަދުވެސްބުރަކޮށް މަސައްކަތް ކުރާށެވެ. އެންމެ ފަހު ވަގުތާ ހަމަޔަށްވެސް ދޫދިނުމެއް ނެތި ހިތްވަރު ބަލި ނުވެ ކުރިއަށް ދާށެވެ. ސަބަބަކީ އެންމެ ފަހު ކަށިގަނޑާ ހަމަޔަށްވެސް އެ މަސައްކަތް ނުނިމެނޭނެއެވެ."

"މިއީ ސާފް ސުޒުކީ ކަޕުގައި ވާދަ ކުރާ ގައުމީ ޓީމުގެ ކުޅުންތެރިންނަށް އަހަރެން ދޭން އޮތް މެސެޖު." ނިންމާލަމުން އަޝްފާގް ބުނެފައި ވެއެވެ.

ތިން އަހަރު ކުރިން، އިންޑިއާގައި ބޭއްވި ސާފް ސުޒުކީ ކަޕުގެ ކުރިން އަޝްފާގް ވަނީ އޭރުގެ ސާފް ޗެމްޕިއަންޝިަޕކީ އޭނާގެ އެންމެ ފަހުގެ ސާފްގެ މުބާރާތް ކަމަށް އިއުލާން ކޮށްފަ އެވެ. އޭރު ނިންމި ނިންމުން ބަދަލު ކުރަން ތައްޔާރަށް ހުރިކަމަށް އަޝްފާގް ވަނީ، މިދިޔަ މަހުގެ 30 ވަނަ ދުވަހު އިއުލާން ކޮށްފަ އެވެ. އޭނާ ބުނީ ގައުމީ ސްކޮޑުން ފުރުސަތު ދިން ނަމަ މިފަހަރުގެ ސާފް ޗެމްޕިއަންޝިޕް ކުޅެން އޭނާ ތައްޔާރުވެގެން ހުރި ކަމަށެވެ.

"އަހަރެން ހުރީ މިއަހަރުގެ ސާފް ޗެމްޕިއަންޝިޕް ކުޅެން ތައްޔާރަށް، އަހަރެން އެކަމަށް މަސައްކަތްވެސް ކުރަމުން ދިޔައިން، ނަމަވެސް އަހަންނަށް ކުޅެވޭނީ ކޯޗް އަހަންނަށް ޓީމުން ފުރުސަތު ދިން ނަމަ." ނިންމުން ބަދަލު ކުރާނެ ކަމަށް އިއުލާންކޮށް އަޝްފާގް ބުނެފައި ވެއެވެ.

ގައުމީ ސްކޮޑްގައި އޭނާ ހިމަނާފައި ނުވެ އެވެ. އަޝްފާގް ޓީމުގައި ހިމެނުމަށް އޭނާއާ ވާހަކަ ދެއްކިތޯ ސުވާލުކުރުމުން ގައުމީ ޓީމުގެ ކޯޗް ޕީޓާ ޝެގަޓް ބުނެފައި ވަނީ އޭނާ ތައްޔާރު ވަމުން ދަނީ ޒުވާން ކުޅުންތެރިން ބިނާ ކުރަން ކަމަށާއި އެޓޭކިން ޑިޕާޓްމެންޓުން ޒުވާން ކުޅުންތެރިންނަށް ފުރުސަތު ދޭން ޖެހޭ ކަމަށެވެ. އަދި އަޝްފާގް ނުހިމެނި ސަބަބުތަކުގެ ތެރޭގައި އޭނާގެ އުމުރު ހިމެނޭ ކަމަށެވެ. އޭނާގެ މިހާރުގެ އުމުރަކީ 32 އެކެވެ.

އަޝްފާގް ޓީމުގައި ނުހިމެނުމުން ގިނަ ބަޔަކު ވަނީ ސްކޮޑް ނެގި ގޮތާމެދު ފާޑު ކިޔުންތައް އަމަޡުކޮށްފަ އެވެ. އަޝްފާގް ސަޕޯޓަރުން ވަނީ އޭނާ ޓީމުގައި ހިމެނެން ޖެހޭ ކަމަށް ބުނެ އިހްތިޖާޖުވެސް ކޮށްފަ އެވެ.

ދެކުނު ކޮރެއާ އާއި ޖަޕާންގައި ބޭއްވި ވޯލްޑްކަޕަށް ބްރެޒިލްގެ ސްކޮޑް ނެގިއިރު އޭރު ބްރެޒިލް ޓީމުގެ މުހިންމު އެއް ކުޅުންތެރިޔާ ރޮމާރިއޯ ނުހިމެނުމުން ގިނަ ބަޔަކު އެކަމަށް ފާޑު ކިޔައި އިހްތިޖާޖު ކުރި އެވެ. އެމެރިކާގައި 1994 ވަނަ އަހަރު ބޭއްވި ވޯލްޑްކަޕު ބްރެޒިލަށް ހޯދައިދިނުމުގައި އެންމެ މުހިންމު ދައުރެއް އަދާ ކުރީ ރޮމާރިއޯ އެވެ. އެ މުބާރާތުގެ މޮޅު ކުޅުންތެރިޔަކަށްވެސް ހޮވުނީ އޭނާ އެވެ. ބްރެޒިލްގެ އޭރުގެ ކޯޗް ލުއިޒް ފިލިޕޭ ސްކޮލާރީ އޭނާގެ ސްކޮޑްގައި ރޮމާރިއޯ ނުހިމެނުމުން ސަޕޯޓަރުން ވަނީ ސްކޮލާރީގެ ވިސްނުން ބަދަލު ކުރަންޖެހޭ ކަމަށް ބުނެ އަޑު އުފުލާފަ އެވެ.