ގދ. ތިނަދޫ

ތިނަދޫ ފުލުހުން ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި

Feb 17, 2022

ގދ. ތިނަދޫ ޕޮލިސްގެ ބެލުމުގެ ދަށުގައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި އެވެ.

އެކި މައްސަލަތަކާ ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ބަނގުރާ ނައްތާލާފައިވަނީ އިއްޔެ ތިނަދޫ ޕޮލިސް ސްޓޭޝަންގަ އެވެ.

ނައްތާލާފައިވަނީ ހަތަރު މައްސަލައެއްގައި ހިމެނޭ 149 ފުޅި ބަނގުރާ އާއި 25 ދަޅު ބިޔަރެވެ.

ފުލުހުން ބުނީ އެ ތަކެއްޗަކީ މިދިޔަ އެޕްރީލް މަހުގެ އެއްވަނަ ދުވަހުން ފެށިގެން މި އަހަރުގެ ޖަނަވަރީ 24 އަށް ކާޑެއްދޫ އެއާޕޯޓް އަދި މާވާރުލު އެއާޕޯޓަށް ފުރަންދިޔަ ފަތުރުވެރިންގެ އަތުން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ތަކެތި ކަމަށެވެ.

ބަނގުރާ ނައްތާލުން ކުރިއަށް ގެންގޮސްފައިވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވޭ ބަނގުރާ އާއި ބަނގުރާގެ މައްސަލަތަކާ ގުޅިގެން ހިފެހެއްޓޭ ތަކެތި ނައްތާލުމުގައި އަމަލުކުރާ ގޮތުގެ ގަވާއިދުގެ ދަށުން އެކަމަށްޓަކައި އެކުލަވައިލި ކޮމިޓީގެ ބެލުމުގެ ދަށުންނެވެ.