މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ ފްރޮންޓްލައިން އޮފިސަރުން ބޮޑީ ވޯން ކެމަރާ ޓްރަޔަލްއެއްގެ ގޮތުގައި ބޭނުންކުރުމަށްޓަކައި އެ ތަކެތި ރާއްޖެ އެތެރެކޮށް ޑިސްޓްރިބިއުޓްކުރާ ޒެޓާ ޓެކްނޮލަޖީސްއާ އެކު އެއްބަސްވުމެއްގައި މިއަދު ސޮއިކޮށްފި އެވެ.
ކަރެކްޝަންސްގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ ކޮމިޝަނާ އޮފް ޕްރިޒަންސް އަހްމަދު މުހައްމަދުފުޅެވެ. ޒެޓާ ޓެކްނޮލޮޖީސްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު އައިމަން އާދަމް އެވެ.
ކަރެކްޝަންސް އިން ހޯދަން މަސައްކަތް ކުރާ ކެމެރާތަކަކީ އެމެރިކާގެ އެކްސޮން ކުންފުނީގެ އުފެއްދުމެކެވެ.
މިއަދު ސޮއިކުރެވުނު އެއްބަސްވުމުގެ މުއްދަތަކީ ތިން މަސް ދުވަހެވެ. މި މުއްދަތުގައި ޒެޓާ އިން ކަރެކްޝަނަށް 15 ބޮޑީ ވޯން ކެމެރާއާއި ތިން ޓޭޒަ ފޯރުކޮށްދޭނެ އެވެ.
ޓޭޒަ ޒިންމާދާރުކޮށް ބޭނުންކުރުމާއި ބޭނުންކުރާނެ ހާލަތްތަކާ ބެހޭގޮތުން ތަމްރީން ފެށުމުގެ އިންޒިތާމް ހަމަޖެހިފައިވާ ކަމަށް ކަރެކްޝަނުން ބުނެ އެވެ.
ކަރެކްޝަންސްގެ ޕްރިޒަން އޮފިސަރުން ޒަމާނީ ޓެކްނޮލޮޖީގެ ވަސީލަތްތައް ބޭނުންކުރަން ފެށުމުގެ ސަބަބުން ޕްރިޒަން އޮފިސަރުން މިހާރަށް ވުރެ ޒިންމާދާރުވެ، ޖަވާބުދާރީވުން އިތުރު ވެގެންދާނެ ކަމަށް ކަރެކްޝަނުން ބުނެ އެވެ.
ބޮޑީ ވޯން ކެމަރާ ބޭނުންކުރަން ފެށުމުން ޖަލުގައި ބަންދުކޮށްފައި ތިބޭ ފަރާތްތަކާއި ޕްރިޒަން އޮފިސަރުންގެ ރައްކާތެރިކަން ކަށަވަރުކޮށްދިނުމަށް މުހިއްމު ދައުރެއް އަދާކުރާނެ ފިޔަވަޅެއް ކަމަށްވެސް ބުނެފައިވެ އެވެ.
ފުލުހުން ވެސް ވަނީ މި ހަފްތާ ތެރޭގައި ބޮޑީ ވޯން ކެމަރާ ބޭނުންކުރަން ފަށާފަ އެވެ.