ރައްޔިތުންގެ މަޖިލިސް

ކޯޓު ހުރުމަތް ކެނޑުމުން ތިން މަހަށް ޖަލަށް ލާން ހުށަހަޅައިފި

ކޯޓު ހުރުމަތް ކެނޑުމުން ތިން މަހަށް ޖަލަށް ލެވޭ ގޮތަށް ހަމަޖައްސަން ކޯޓުތަކުގެ ގާނޫނަށް އިސްލާހު ހުށަހަޅައިފި އެވެ.

ސަރުކާރުގެ ފަރާތުން މަތިވެރި ދާއިރާގެ މެމްބަރު ހަސަން ޒަރީރު ހުށަހެޅުއްވި މި ބިލުގެ ފުރަތަމަ ކިޔުން އިއްޔެ މަޖިލީހުގައި ވަނީ އިއްވާފަ އެވެ.

މި ބިލުގެ ބޭނުމަކީ ޝަރުއީ ކޯޓުތަކާއި އެ ތަންތަނުގައި ހިންގާ ޝަރީއަތްތައް ހިންގަމުން ދަނީ އެ ނިޒާމުގައި ކަންތައްތައް ތަރުތީބުކުރެވިފައިވާ ގޮތްތަކުގެ މަތިން ކޯޓުތަަކަށް ކަނޑައެޅިފައިވާ އިހުތިސާސްތަކާއި ބާރުގެ ދާއިރާގެ ތެރޭގައިކަން ކަށަވަރުކުރުމަށްޓަކައި ކޯޓުތަކުގެ ގާނޫނަށް ގެންނަން ޖެހޭ އިސްލާހު ގެނައުން ކަމަށް ބިލްގައި ބުނެފައިވެ އެވެ.

މިހާރު އަމަލުކުރަމުންދާ ގާނޫނުގައިވާ ގޮތުން ޝަރީއަތް ހިނގަމުންދާއިރު، މައްސަލައިގައި ހިމެނޭ ފަރާތަކުން ނުވަތަ ޝަރީއަތަށް ހާޒިރުކުރެވޭ ހެއްކަކު ނުވަތަ ޚަބީރަކު، ނުވަތަ މައްސަލަ އަޑުއެހުމަށް ވަންނަ ފަރާތަކުން، ކޯޓުގެ ހުރުމަތް ކެނޑޭފަދަ ކަމެއް ކޮށްފިނަމަ، އެ މީހަކު ކޯޓުގެ ހުރުމަތް ކެނޑީ ކަމަށް ކަނޑައަޅައި، އެ މީހެއްގެ މައްޗަށް ވަގުތުން ވަކި އަދަބުތަކެއް ކަނޑައެޅުމުގެ އިހްތިޔާރު މައްސަލަ ބަލާ ފަނޑިޔާރަށް ލިބިދީފައިވެ އެވެ.

ދެވިދާނެ އަދަބުތައް

  • 15 ދުވަހަށްވުރެ ދިގުނޫން މުއްދަތަކަށް ޖަލަށްލުން؛
  • މަސްދުވަހަށްވުރެ ދިގުނޫން މުއްދަތަކަށް ގޭގައި ބަންދުކުރުން.

ކޯޓުތަަކުގެ ގާނޫނަށް އިސްލާހު ގެންނަން ހުށަހެޅި ބިލުގައި ކޯޓުގެ ހުރުމަތް ކަނޑައިފިނަމަ ތިން މަސް ދުވަހަށް ޖަލަށް ލެވޭ ގޮތަށް ހަދަން ވަނީ ހުށަހަޅާފަ އެވެ.

މީގެ އިތުރުން ކޯޓުތަކަށް ލިބިފައިވާ އިހްތިސާސްގެ ތެރެއިން ބަލަމުންދާ މައްސަލައެއްގައި އިޖުރާއަތްތަކުގެ ދަށުން ކުރާ އަމުރެއް ނުވަތަ ނިންމުމެއް ފިޔަވައި، އެއްވެސް ކޯޓަކުން އަމިއްލަ އިސް ނެގުމުގެ މަތިން ނިންމުމެއް ނިންމައިގެން ނުވާނެ ކަމަށް ވެސް ބިލުގައި ބުނެފައިވެ އެވެ. އަދި ކޯޓުތަކުން ކުރާ ހުކުމް އިސްތިއުނާފްކުރެވޭ މުއްދަތު 30 ދުވަހަށް އިތުކުރަން ވެސް ހުށަހަޅައިފައިވެ އެވެ.