ޝަރުޢީ އުޒުރުކާހުރެ މިދިޔަ އަހަރުގެ ރަމަޟާން މަހުން ރޯދައެއް ދޫވެފައިވާނަމަ އެރޯދަ ޤަޟާކުރުމަށް އަވަސްވެގަންނަޖެހެއެވެ. ބަލިހާލަތުގެ ސަބަބުން ނުވަތަ ދަތުރެއްގެ މަތީގައިވާ މީހާ ރަމަޟާން މަހުގެ ރޯދައެއް ދޫކޮށްލުމަށްފަހު، އަހަރުގެ އެހެން ދުވަސްތަކެއްގައި އެރޯދަ ހިފައި ފުރިހަމަ ކުރަންޖެހޭކަން ކީރިތި ޤުރްއާނާ ސުންނަތުން ސާބިތުވެއެވެ.
ބަޤަރާ ސޫރަތުގެ 185 ވަނަ އާޔަތުގެ މާނައިގައިވެއެވެ. "ރަމަޟާން މަހަކީ، އެމަހެއްގައި ޤުރްއާން ބާވައިލެއްވި މަހެވެ. (އެ ޤުރްއާން ބާވައިލެއްވީ) މީސްތަކުންނަށް ހުރި ތެދުމަގެއް ކަމުގައްޔާއި ހިދާޔަތާއި ޙައްޤާއި ބާޠިލު ވަކިކޮށްދެނިވި ހެކިތަކެއް ކަމުގައެވެ. ފަހެ، ތިޔަބައިމީހުންގެ ތެރެއިން އެ މައްސަރުގައި ރަށުގައި ހުރެއްޖެމީހާ، އެ މަހުގެ ރޯދަ ހިފާހުށި ކަމެވެ! އަދި ބަލިވެއުޅޭ މީހާ ނުވަތަ ދަތުރެއްގެ މަތީގައިވާ މީހާ، (އެ މައްސަރުގެ ރޯދަ ދޫކޮށްލައިފިނަމަ) އެހެންދުވަސްތަކަކުން އެ ޢަދަދު ހަމަކުރުން ހުށްޓެވެ. ﷲ ، ތިޔަބައިމީހުންނަށް ލުއިފަސޭހަގޮތް އިރާދަކުރައްވަތެވެ. އަދި ދަތި އުނދަގޫގޮތް ތިޔަބައިމީހުންނަކަށް އިރާދައެއް ނުކުރައްވަތެވެ. (މިކަންތައްތައް މިގޮތަށް ކަނޑައަޅުއްވާފައިވަނީ) ތިޔަބައިމީހުން އެ މައްސަރުގެ ދުވަސްތަކުގެ ޢަދަދު ފުރިހަމަ ކުރުމަށްޓަކައެވެ. އަދި ތިޔަބައިމީހުންނަށް ތެދުމަގު ދެއްކެވިކަން މައްޗަށް ﷲ އަށް ތަކްބީރު ކިޔައި އުޅުމަށްޓަކައެވެ. އަދި ތިޔަބައިމީހުން (އެކަލާނގެއަށް) ޝުކުރުވެރި ވުމަށްޓަކައެވެ."
އިސްވެދިޔަ އާޔަތުގައި ވަރަށް ސާފުކޮށް އަނގަވާފައި އެވަނީ، ރަމަޟާންމަހާ ބައްދުވެއްޖެ މީހާ އެމައްސަރު އެކުގައި ރޯދަ ހިފަންޖެހޭކަމެވެ. އަދި ރޯދައެއް ނުހިފާ ދޫކޮށްލުމުގައި ޝަރުޢީ އުޒުރުވެރިންނަކީ، ބަލިހާލަތުގައިވާ މީހުންނާއި ދަތުރުވެރީން ކަންވެސް އެއާޔަތުން އެނގެއެވެ. އެއާއެކު އަންހެންވެރީންނަށް ޠަބީޢީ ގޮތުން ކުރިމަތިވާ، މައްސަރުގެ ކަންތަކާއި، ވިހެއުމާއިގުޅިގެން އަންނަ ނިފާސްކަމުގެ މުއްދަތުގައިވެސް ރޯދަ ދޫކޮށްލުން ހުއްދަވެގެން ނުވެއެވެ.
ގެއްލިފައިވާ ރޯދަތައް ޤަޟާ ކުރަންޖެހޭ ކަމާއި، ނަމަވެސް ޝަރުޢީ އުޒުރަކާހުރެ ދޫވެފައިވާ ނަމާދުތައް ކުރުމެއް ނުވާކަން ކީރިތި ރަސޫލާ صلى الله عليه وسلم ގެ ސުންނަތުން އެނގެއެވެ. ޢާއިޝާ رضي الله عنها ގެ އަރިހުން ރިވާވެގެންވެއެވެ. "كَانَ يُصِيبُنَا ذَلِكَ (تعني: الحيض) فَنُؤْمَرُ بِقَضَاءِ الصَّوْمِ ، وَلَا نُؤْمَرُ بِقَضَاءِ الصَّلَاةِ" (رواه البخاري ومسلم) މާނައީ: (ޢާއިޝާތުގެފާނު ވިދާޅުވިއެވެ.) "ތިމަންމެންނަށް އެކަން (އެބަހީ: މައްސަރުގެ ކަނތައް) ޖެހުމުން ދޫވާ ރޯދަތައް ޤަޟާ ކުރުމަށް އަމުރު ވެވުނެވެ. ނަމަވެސް އެދުވަސްވަރު ނުކޮށް ދޫކޮށްލާ ނަމާދުތައް ޤަޟާކުރުމަށް އަމުރެއް ނުކުރެއްވެއެވެ."
ގެއްލިފައިވާ ރޯދަ ޤަޟާ ކުރުމުގެ ވަގުތު
މިއާއެކުގައި ދެން ސަމާލުވާންޖެހޭ ކަމަކީ، ރަމަޟާންމަހު ދޫވެފައިވާ ރޯދަތައް ލަސްނުކޮށް ހިފާ ފުރިހަމަ ކުރަންޖެހޭ ކަމެވެ. ފާއިތުވެދިޔަ އަހަރުގެ ރަމަޟާންމަހު ގެއްލިފައިވާ ރޯދަ، ދެން ޖެހިގެން އަންނަ އަހަރުގެ ރަމަޟާންމަސް އައުމުގެ ކުރިން ހިފަންޖެހޭނެކަމުގެ މައްޗަށް އުއްމަތުގެ ދަންނަބޭކަލުން އިއްތިފާޤުވެލައްވައެވެ.
މިކަމުގެ ދަލީލަކީ ޢާއިޝާ رضي الله عنها ގެ އަންނަނިވި ބަސްފުޅެވެ. އެކަމަނާ ވިދާޅުވެފައިވެއެވެ. "كَانَ يَكُونُ عَلَيَّ الصَّوْمُ مِنْ رَمَضَانَ ، فَمَا أَسْتَطِيعُ أَنْ أَقْضِيَهُ إِلا فِي شَعْبَانَ ، وَذَلِكَ لِمَكَانِ رَسُولِ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّم" (رواه البخاري ومسلم) މާނައީ:(ޢާއިޝާތުގެފާނު ވިދާޅުވިއެވެ.) "ރަމަޟާންމަހުގެ ގެއްލިފައިވާ ރޯދަތައް ތިމަންކަމަނާގެ މައްޗަށްވެއެވެ. އެރޯދަތައް ތިމަންކަމަނާއަށް ހިފޭވަރުވަނީ ޝަޢުބާނު މަހުގައެވެ. އެއީ ރަސޫލުﷲ صلى الله عليه وسلم ގެ މަކާނަތައްޓަކައެވެ." (އެބަހީ: ރަސޫލު ﷲ صلى الله عليه وسلم ގެ ޚިދުމަތުގައި ހުންނެވުމަށް އިސްކަންދެއްވާތީ، ރަމަޟާންމަހުން ނުހިފި ހުންނަ ރޯދަތައް އެކަމަނާ ޝަޢުބާނު މަހާއި ހަމައަށްވެސް ނުހިފި ލަސްކުރައްވާކަމެވެ. ނަމަވެސް އެންމެ ލަސްވެގެން ޝަޢުބާން މަހުގެ ތެރޭގައި އެ ރޯދަތައް ހިފައި ފުރިހަމަ ކުރައްވާ ކަމެވެ.)
އަލްޙާފިޡު އިބްނު ހަޖަރު رحمه الله ވިދާޅުވެފައިވެއެވެ. ޢާއިޝާ رضي الله عنه ގެ މިބަސްފުޅާމެދު ވިސްނައިލުމުން އެނގޭ ގޮތުގައި، ގެއްލިފައިވާ ރޯދަތައް ޝަޢުބާން މަސްތެރޭގައި ހިއްޕެވުމަށް އެކަނަމާ ސަމާލުކަން ދެއްވުމުން، ދޭހަވަނީ އަނެއް ރަމަޟާން މަސް އައުމުގެ ކުރީން ނުހިފި ހުރި ރޯދަތައް ޤަޟާކޮށް ނިންމަން ޖެހޭ ކަމާއި، އެއަށްވުރެން ލަސްކުރުން ހުއްދަވެގެން ނުވާކަމެވެ."
އަނެއް ރޯދަމަސް އައި އިރުވެސް، ކުރީ އަހަރުގެ ރަމަޟާންމަހުން ދޫވެފައިވާ ރޯދަތައް ޤަޟާ ނުކޮށްވާނަމަ، މި ޙާލަތުގައި ދެބައެއްވެއެވެ. އެބަޔަކީ، ޢުޒުރަކާ ހުރެ ރޯދަ ޤަޟާ ނުކުރެވި ލަސްވުމެވެ. އޭގެ މިސާލަކީ ފާއިތުވި ރަމަޟާންމަހުން ފެށިގެން ބަލިވެ އުޅޭ މީހަކު، އަނެއް ރަމަޟާންމަސް އައި އިރުވެސް އެ ބަލި ފަސޭހަ ނުވާތީ ރޯދަ ހިފޭ ގޮތް ނުވުމެވެ. މިފަދަ ޙާލަތެއްގައިވާ މީހާ، ރޯދަ ޤަޟާ ނުކޮށް ހުއްޓާ އަނެއް ރަމަޟާންމަހާ ބައްދަލުވުމަކުން އޭނާއަށް ފާފައެއް ނެތެވެ. އޭނާގެ މައްޗަށް އޮތީ ކުރީ އަހަރުގެ ރަމަޟާންމަހު ނުހިފައިވާ ރޯދަ، ބަލި ފަސޭހަވުމުން ޤަޟާކުރުން އެކަންނެވެ. އިތުރު ކައްފާރާއެއް ނުވަތަ މިސްކީނަކަށް ކާންދިނުންފަދަ ކަމެއް ކުރާކަން ނުހޭނެއެވެ.
ދެވަނަ ބަޔަކީ، އެއްވެސް އުޒުރެއްނެތި، އަނެއް ރަމަޟާންމަސް އައި އިރުވެސް ކުރީ އަހަރު ދޫވަފައިވާ ރޯދަތައް ޤަޟާ ނުކޮށް ހުރި މީހާއެވެ. މި ޙާލަތުގައި އޭނާ ރޯދަ ޤަޟާ ނުކޮށް ހުރުމަކީ ފާފަވެރިވާނޭ ކަމެކެވެ. އޭނާއަށްވެސް އޮތީ ކުރީ އަހަރު ރަމަޟާން މަހުން ގެއްލިފައިވާ ރޯދަތައް ޤަޟާ ކުރުމެވެ. އެއާއެކު ކޮންމެ ރޯދައަކަށް މިސްކީނަކަށް ކާން ދޭންޖެހޭނޭ ކަމުގައި ފިޤުހު ޢިލްމުވެރިންގެ ތެރެއިން މާލިކީ މަޒުހަބާއި، ޝަފިޢީ މަޒުހަބާ ޙަންބަލީ މަޒުހަބުގެ ބޭކަލުން ކަނޑައަޅުއްވައެވެ. އެއީ ބައެއް ޞަޙާބީން އެފަދައިން ޢަމަލުކުރައްވާފައި ވާތީއެވެ.
ނަމަވެސް ޞާޙާބީން އެފަދައިން ޢަމަލު ކުރެއްވާފައި ވާކަށް ހުރި ބަސްފުޅުތައް ޞައްޙަ ނޫންކަމަށާއި، އުޒުރަކާހުރެ ނުވަތަ އުޒުރެއްނެތި ނަމަވެސް ރޯދަ ނުހިފައި ލަސްކޮށްލި މީހަކަށް އޮތީ، އޭނާގެ ގެއްލިފައިވާ ރޯދަތަށް ޤަޟާ ކުރުން އެކަނި ކަމުގައި، އަލްއިމާމުލް ބުޚާރީ رحمه الله އާއި އެނޫން ބޭކަލުންވެސް ދެކެލައްވައެވެ.
ފަހުގެ ދަންނަބޭކަލުންގެ ތެރެއިން އިބްނު ޢުޘައިމީން رحمه الله ވެސް ދެކެލައްވަނީ، އުޒުރެއް ނެތި ރޯދަ ޤަޟާ ނުކޮށް ހުރި މީހާ، ގެއްލިފައިވާ ރޯދަތައް ޤަޟާ ކުރުން ފިޔަވައި އެހެން ކައްފާރާއެއް ނުވާކަމުގައެވެ. ރޯދައިގެ ޙުކުމްތައް ބަޔާންކުރައްވާފައިވާ ކީރިތި ޤުރްއާންގެ އާޔަތުގައިވެސް އަންގަވާފައިވަނީ އެފަދައިންނެވެ.
ނަމަވެސް މީގައި ސަމާލުވާޖެހޭ ކަމަކީ، ގެއްލިފައިވާ ރޯދަތައް އުޒުރެއްނެތި ނުހިފައި ލަސްކޮށްލުމަކީ ފާފަވެރިވާނޭ ކަމެއް ކަމެވެ. ވީމާ، ފަރުޟު އަޅުކަންތައް ލަސްނުކޮށް ފުރިހަމަ ކުރުމަށް ސަމާލުކަން ދޭންޖެހޭނެއެވެ.
ހުކުރު ދުވަހު އެކަނި ރޯދައަށް ހުރެވިދާނެތަ؟
ގެއްލިފައިވާ ރޯދަ ޤަޟާ ކުރުމުގައި ހަމައެކަނި ހުކުރު ދުވަހު ރޯދައަށް ހުރުމުގެ ޙުކުމަކީ ކޮބައިތޯ ބައެއް ފަރާތްތަކުން ސުވާލު ކުރެއެވެ. ހަފްތާގެ ދުވަސްތަކުގެ ތެރެއިން ހުކުރު ދުވަސް އެކަނި ރޯދައަށް ހުރުމަކީ ކީރިތި ރަސޫލާ صلى الله عليه وسلم ނަހީ ކުރައްވާފައިވާ ކަމެކެވެ. އިތުރު އެކަލޭގެފާނު ޙަދީޘް ކުރައްވާފައިވެއެވެ. «لاَ يَصُومَنَّ أَحَدُكُمْ يَوْمَ الجُمُعَةِ، إِلَّا يَوْمًا قَبْلَهُ أَوْ بَعْدَهُ» (رواه البخاري) މާނައީ: "ތިޔަބައިމީހުންކުރެ އެކަކުވެސް ހަމައެކަނި ހުކުރު ދުވަހު ރޯދައަށް ނުހުންނަހުށިކަމެވެ. އެހެނެއްކަމަކު، އެއާ ވިދިގެން އެއް ދުވަސް ކުރިން، ނުވަތަ އޭގެ އެއް ދުވަސް ފަހުގެ ރޯދައާއެކު ހިފާށެވެ."
މި ޙަދީޘްގައި މިވަނީ ހުކުރު ދުވަސް އެކަނި ސުންނަތް ރޯދަ ހިފުން ނަހީކުރައްވާފައެވެ. ބުރާސްފަތި ދުވަހާއި، ހުކުރު ދުވަހު ނުވަތަ ހުކުރު ދުވަހާއި ހޮނިހިރު ނުވަތަ ބުރާސްފަތި، ހުކުރު އަދި ހޮނިހިރު ދުވަހު ރޯދަ ހިފާނަމަ، އެކަމުގައި މައްސަލަ އެއް ނެތެވެ. ނަހީކުރައްވާފައިވަނީ ހަމައެކަނި ހުކުރު ދުވަހު ރޯދަ ހިފުމަށެވެ.
ހަމައެއާއެކު، ގެއްލިފައިވާ ރޯދައެއް ހިފަންޖެހިފައި އޮތް މީހާއަށް، ވަޒީފާގެ ސަބަބުން ނުވަތަ އެނޫންވެސް ސަބަބަކާހުރެ، ހަފްތާގެ ދުވަސްތަކުގެ ތެރެއިން ރޯދަ ހިފުމަށް ފަސޭހައީ، ހަމައެކަނި ހުކުރު ދުވަސް ކަމުގައި ވާނަމަ، ހުކުރު ދުވަހު އެކަނި ރޯދައަށް ހުރުމަކީ ހުއްދަ ކަމެއް ކަމުގައި އިބްނު ބާޒް رحمه الله އާއި އިބްނު ޢުޘައިމީން رحمه الله ވިދާޅުވެފައިވެއެވެ.
ވީމާ، ރޯދަ މަސް އައުމުގެ ވަގުތު ކުޑަތަންވެފައިވާ މިދަނޑިވަޅުގައި، ގެއްލިފައިވާ ރޯދަތައް ހިފުމަށް ސަމާލުކަން ދޭށެވެ. އަދި އުޒުރަކާ ނުލައި ކުރިޔަށް އޮތް ރޯދަމަސް އަންނަންދެން ޤަޟާ ކުރަންޖެހިފައިވާ ރޯދަ ނުހިފާ ދޫކޮށް ނުލާށެވެ. ފަރުޟު އަޅުކަން ވާޖިބު ވުމަށްފަހު، އަދާ ނުކޮށް ހުރުމަކީ ފާފަވެރިވާނޭ ކަމެކެވެ.