ރިޕޯޓް

ޓޫރިޒަމަށް މިފަހަރު މަރުގެ އެތިފަހަރެއް

Dec 22, 2015
2
  • އޮކިއުޕަންސީ 6.4 ޕަސެންޓް ދަށަށް ގޮސްފައި
  • މައިގަނޑު މައްސަލައަކީ ސިޔާސީ ހަލަބޮލިކަން
  • މުޅި ދުނިޔޭގެ ޓޫރިޒަމަށް ވެސް އަސަރު ކޮށްފައިވޭ

ކޮންމެ އަހަރަކު ވެސް ޑިސެމްބަރާއި އާ އަހަރުގެ ޗުއްޓީއާ އެކު ރާއްޖޭގެ ރިސޯޓްތައް އެކީ ފުރި ބާރުވެ އެވެ. އަހަރުގެ މި ދުވަސްކޮޅާ ދިމާކޮށް ޖާގައެއްގެ އިންތިޒާރުގައި ތިބޭ ޓޫރިސްޓުންގެ ވެއިޓިން ލިސްޓް ވެސް ވަރަށް ދިގުވާނެ އެވެ. އެކަމަކު މިއަހަރު މަންޒަރު މުޅިން ބަދަލު ކޮށްލައިފި އެވެ. ރާއްޖޭގެ ރިސޯޓްތަކުގެ އޮކިއުޕަންސީ 100 ޕަސެންޓާ ގާތަށް ވެސް ނުގޮސް، 70 ޕަސެންޓްގައި ހުރީ ހިފެހެއްޓިފަ އެވެ. އެހެން އަހަރުތަކުގައި ރިސޯޓްތައް ފުރިބާރުވެ، އަގު ދެ ގުނައަށް މައްޗަށް ދާއިރު، މިފަހަރު އުޅެން ޖެހިފައި މި އޮތީ ސޭލް އަޅުއްވައިގެންނެވެ. ހަމަ ގައިމު ވެސް ރިސޯޓްތަކަށް އެނގުން ވެއްޖެ އެވެ. މިނިސްޓްރީގެ ހިސާބުތައް ދައްކާ ގޮތުން މިދިޔަ އަހަރުގެ މި މުއްދަތަށް ވުރެ މިއަހަރު ރިސޯޓްތަކުގެ އޮކިއުޕެންސީ ރޭޓް ވަނީ 6.4 ޕަސެންޓް ދަށްވެފަ އެވެ. މި ހަގީގަތާ މި އޮތީ ކުރިމަތިލާން ޖެހިފަ އެވެ. ސަބަބުތަކަކީ ކޮބައި ހެއްޔެވެ؟

ދުނިޔެ ވެސް ބިރުވެރިކަމެއްގެ ތެރޭގައި

މުޅި ދުނިޔެވެސް މިއަހަރުގެ ތެރޭގައި މި ފެންނަނީ ބިރުވެރިކަމާއި ޝޮކެއްގެ ތެރޭގައި އޮއްވަ އެވެ. ފުލުފުލުން ޓެރަރިސްޓުންގެ ހަމަލާތައް އައިސް ދަތުރު ކުރަން ބިރު ގަންނަ ވަރަށް ކަންކަން މި ވަނީ ގޮސްފަ އެވެ. ހައި ސީޒަން ބޯމަތިވެފައި ވަނިކޮށް، ފްރާންސްގައި ދިން ވަރުގަދަ ބަޑީގެ ހަމަލާތަކާއި މިސްރުގެ ރިސޯޓް ރަށް، ޝަރުމުޝައިހް އިން ފުރައިގެން ރަޝިޔާއަށް ދިމަ ބޯޓުގައި ބޮމެއް ގޮއްވާލާ ވައްޓާލުމާ އެކު، ދަތުރު ކުރަން ނުކުރެވޭ ވަރަށް ބިރު ވަނީ ބޮޑުވެފަ އެވެ.

ރާއްޖޭގައި ޓްރެވަލް އެޖެންސީއަކުން ވާހަކަ ދެއްކި އޮފިޝަލަކު ވިދާޅުވި ގޮތުގައި މުޅި ދުނިޔޭގެ ޓޫރިޒަމަށް ވެސް ވަނީ އަސަރުތަކެއް ކޮށްފަ އެވެ. މައިގަނޑު ގޮތެއްގައި ޔޫރަޕަށް އަމާޒުކޮށް ދެމުން އަންނަ ހަމަލާތަކުގެ ސަބަބުން ޔޫރަޕްގެ ބޮޑު ޗުއްޓީއާ ދިމާކޮށް ދަތުރު ކުރަން މީހުން ވަނީ ފަސްޖެހިފައި ކަމަށް އޭނާ ވިދާޅުވި އެވެ. ނަތީޖާއެއްގެ ގޮތުން މުޅި ދުނިޔޭގެ ޓޫރިޒަމް ވެސް އޮތީ އަސަރުތަކެއްގެ ތެރޭގަ އެވެ. ރާއްޖެއަށް ކުރިމަތިވެގެން މި އުޅޭ މައްސަލައިގައި ވެސް އެ ހުރިހާ ސަބަބެއް ވެސް ހިއްސާ ކުރާ ކަމަށް އޭނާ ދެކެވަޑައިގަންނަވަ އެވެ. އަދި އެ ސަބަބުތައް އެއް ފަރާތްކޮށް ބަލާ އިރު އެހެން ސަބަބުތަކެއް ވެސް ރާއްޖެއަށް އެބަ ކުރިމަތިވެ އެވެ. 

"މުޅި ޓޫރިޒަމްގެ އެރައިވަލް ދުނިޔޭގައި ވެސް 10 ޕަސެންޓް ވަރު މި ވަނީ ދަށްވެފައި. ވަރަށް ބޮޑަށް މި ހުރީ ދަށަށް ގޮސްފައި. އެ ސަބަބުތައް ވެސް ރާއްޖެއަށް ދިމާވެފައިވާ މައްސަލައިގައި ހިމެނޭނެ، މީގެ އިތުރަށް ރާއްޖޭގެ ސިޔާސީ ހަލަބޮލިކަމުން ކުރިފަޅައިގެން އަންނަ މައްސަލަތައް ވެސް މި ކަން ވަރަށް ބޮޑަށް ގޯސް ކުރާނެ. މިސާލަކަށް ސްޓޭޓް އޮފް އެމަޖަންސީ އާއި އެކި ކަހަލަ ބޮއިކޮޓް ކެމްޕޭންތަކުގެ އަސަރު ވެސް މީގެ ތެރޭގައި އެބަ އުޅޭ،" އޮފިޝަލް ވިދާޅުވި އެވެ.

ތަފާސް ހިސާބުތަކަށް ބަލާއިރު ރާއްޖެއަށް އެންމެ ގިނައިން ޓޫރިސްޓުން އަންނަ ޒަމާންވީ މާކެޓްތައް ކަމަށްވާ، ޗައިނާ ރަޝިޔާ އަދި ފްރާންސްހިމެނެ އެވެ. ރާއްޖެއަށް އެންމެ ގިނައިން ޓޫރިސްޓުން އަންނަ ޗައިނާ އިން އައި ޓޫރިސްޓުންގެ އަދަދު ވަނީ 19 ޕަސެންޓް ދަށްވެފަ އެވެ. އަދި ރަޝިޔާ އިން އައި އަދަދު ވަނީ 29.8 ޕަސެންޓް ވެއްޓިފަ އެވެ. މީގެ އިތުރަށް ފްރާސުން އައި ޓޫރިސްޓުންގެ އަދަދު ވެސް 19.1 ޕަސެންޓް ދަށަށް ގޮސްފައިވެ އެވެ.

ޖަވާބު ހޯދަން ޖެހިފައި އޮތް ބޮޑު ސުވާލަކީ ރާއްޖެއަށް ކުރިމަތިވެފައިވާ ހަގީގީ މައްސަލައަކީ ކޮބައިހެއްޔެވެ؟

ރާއްޖެއަށް އަދި ތަފާތު މައްސަލައެއް

ހަގީގަތުގައި ރާއްޖޭގެ ޓޫރިޒަމަށް ކުރިމަތިވެފައިވާ އެންމެ ބޮޑު އެއް މައްސަލައަކީ މިފަހުން މިއައި ހިލުންގަނޑު ކަމަށް ބެލުމުގެ ޖާގަ މި ވަނީ ވަރަށް ބޮޑަށް ހުޅުވިފަ އެވެ. އަދި އެ މައްސަލަ އިތުރަށް ގޯސް ކުރުމަށް ސިޔާސީ ވާދަވެރިކަމުގެ ތެރެއިން ހިންގޭ ކަންތައްތައް ވެސް ވަކި މަނދެއް ނޫނެވެ. އެ ހުރިހާ ކަމެއް އެއް ފަހަރާ އައިސް ޓޫރިޒަމަށް މި އޮތީ ރަނގަޅަށް ވެސް ލައިގަނެފަ އެވެ. ސިިޔާސީ ގޮތުން ތޫނު ކުރި ހުރިހާ ލޮންސިތަކެއް އަމާޒުވުވެ ކުދިކުދި މި ވަނީ ޓޫރިޒަމެވެ. ރާއްޖޭގެ ރިހޭ މައްޗަށް ހަގީގަތުގައި ވެސް މި އޮތީ ފޮއި ވެއްޓިފަ އެވެ.

އެމްއެމްޕީއާރުސީގެ އޮފިޝަލަކު ވިދާޅުވި ގޮތުގައި މައިގަނޑު ގޮތެއްގައި ތިން ކަމަކުން ރާއްޖޭގެ ޓޫރިޒަމަށް އަސަރުކޮސްފައިވެ އެވެ. ރައީސްގެ ލޯންޗްކޮޅުގައި އެއްޗެއް ގޮއްވާލުމުގެ ބިރުވެރިކަމާއި، ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ މައްސަލައިގައި ސިޔާސީ ގޮތުން ހިންގާ އެކި ބޮއިކޮޓް ކެމްޕޭންތައް އަދި ސްޓޭޓް އޮފް އެމަޖެންސީ އިއުލާން ކުރަން ޖެހުން އޭގެ ތެރޭގައި ހިމެނެ އެވެ. އަދި ރާއްޖެއަކީ، "ޓެރަރިސްޓުންގެ ސުވަރުގެއެއް" ކަމަށް ބުނާ ޑޮކިއިމަންޓްރީ ޖަރުމަނުގެ ޓީވީގެ ޒަރިއްޔާ އިން އަސަރު ކުރުމުގެ ބިރު ވެސް އޮތީ ބޮޑުވެފައި ކަމަށް އޭނާ ވިދާޅުވި އެވެ.

"ބޮއިކޮޓް ކެމްޕޭންތަކާ ދެކޮޅަށް ކުރެވުނު މަސައްކަތް ވެސް އެކި ކަންކަމާ ހުރެ އޮތީ މަޑުޖެހިލާފައި. އަދި ރައީސްގެ ލޯންޗްކޮޅުގެ ހާދިސާއަށް ފަހު ފުލުފުލުން މި އައި ކަންކަމުން ވަރަށް ބޮޑަށް ޓޫރިޒަމަށް އޮތީ އަސަރުކޮށްފައި. އޭގެ ސަބަބުން ތަފާތު ނެގެޓިވް މެސެޖްތައް ބޭރަށް ދިޔައީ. އެ އެއްޗިހި މަރާލެވޭ ވަރުގެ ކެމްޕޭނެއް ޖެއްސުމަކަށް އޭރު ހާލަތު ވެސް ތަންދެވިފައެއް ނެތް. އެކަމުގެ ސަބަބުން ރާއްޖެއާ މެދު ގޯސް ތަސައްވުރެ މި ވަނީ އުފެދުމުގެ ދޮރުތައް ހުޅުވިފައި. އެކަމުގެ އަސަރު ރާއްޖެއަށް އަސްލު މި ކުރަނީ،" އޮފިޝަލް ވިދާޅުވި އެވެ. 

ޓޫރިޒަމް މިނިސްޓަރު މޫސާ ޒަމީރު ވެސް ވިދާޅުވާ ގޮތުގައި މިހާރު ޓްރެއިލާ އާންމުވެފައިވާ ޓޫރިޒަމާ ޓެރަރިޒަމާ ގުޅުވާފައިވާ ޑޮކިއުމަންޓްރީ އާއި ބޮއިކޮޓް ކެމްޕޭންތަކުގެ ސަބަބުން ރާއްޖޭގެ ޓޫރިޒަމަށް ނޭދެވޭ އަސަރުތަކެއް ކުރާނެ އެވެ. އަދި ބައެއް ފަރާތްތަކުން ބޭރުގައި ރާއްޖޭގެ ތަސައްވަރު ކިލަނބު ކުރަން ކުރާ ކަންތައްތަކުގެ ނޭދެވޭ އަސަރުކޮށް އޭގެ ގެއްލުން ޓޫރިޒަމަށް ފޯރާފައިވާކަން މިނިސްޓަރު ވެސް ފާހަގަ ކުރައްވަ އެވެ. ހާއްސަކޮށްމި ފަހުން ތައްޔާރު ކުރި ޑޮކިއުމަންޓްރީ އަކީ ހަމަ ސީދާ ރާއްޖޭގެ ޓޫރިޒަމް މަރާލުމަށް ކުޅުނު ބޮޑު ކަންތައްގަނޑެއް ކަމަށް މިނިސްޓަރު ސިފަކުރެއްވި އެވެ.

"މެދު އިރުމައްޗާއި ރަޝިޔާގެ މައްސަލަ އާއި ރާއްޖޭގައި އިއުލާންކުރި ކުއްލި ހާލަތާ ގުޅިގެން، ޓޫރިސްޓުންގެ އަދަދު ކޮންމެވެސް ވަރަކަށް މަދު ވުމަށް ފަހު އަދި ކިރިޔާ މި ރަނގަޅުވާން ފެށީ. އެކަމަށް ބަލާފައި، ޓޫރިޒަމަށް ގެއްލުންދޭން އަނެއްކާވެސް މި ފަދަ ކަމެއް މި ކުރީ، މީގެ އަސަރު ޖެނުއަރީ އާއި ފެބުރުއަރީގެ ބުކިންއަށް ކުރާނެ." މިނިސްޓަރު ކަންބޮޑުވުން ފާޅު ކުރެއްވި އެވެ.

އެ ޑޮކިއުމަންޓްރީގައި ރާއްޖެ ސިފަ ކުރަނީ ޓެރަރިސްޓުން އުފައްދާ މެޝިނެއްގެ ގޮތުގަ އެވެ. އެ ޑޮކިއުމަންޓްރީގެ ނިޔަތަކީ ކޮބައިކަން ނޭނގުނަސް އެއާ އެކު ވެގެން ނިކުންނަ ދޮގު މައުލޫމާތުތަކުން ކުރިއަށް ދެތިން މަސްވެސް އެ ގެއްލުމުން އަރައި ނުގަނެވި ރާއްޖެ ތިބެން ޖެހިދާނެ އެވެ. މިފަހުން އީޔޫ އިން ފާސްކުރި ގަރާރުގެ ސަބަބުން ވެސްކުރާނެ އަސަރުތައް ހުންނާނެ އެވެ. ޓޫރިޒަމްގެ ރިހޭ ފައި މައްޗަށް އަނެއްކާ ވެސް އިތުރު ފޮލެއް މި ވެއްޓުނީ އެވެ.

ބޭނުމީ ވަރުގަދަ ޕީއާރެއް

ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަން ވެއްޓުމާ އެކު އުފެދުނު އުދާސްތަކާއި މަގުތައް ހަލަބޮލިވެ، ބޭރުންނާއި އެތެރެއިން ރާއްޖެއަށް އައި ފިއްތުންތަކުން އޭރު އަރައިގަންނަން ވެސް މުއްދަތެއް ނެގި އެވެ. އެކަމަށް ގިނަ މަސައްކަތް ވެސް ކުރި އެވެ. އޭރު ވެސް އޮތީ ވަރުގަދަ ޓޫރިޒަމް ބޮއިކޮޓް ކެމްޕޭނެއްގެ އަޑު ވެސް ގަދަވެފަ އެވެ. ބަޣާވާތެއް ކަމަށް ބުނެ ހިންގަމުން އައި ހަރަކާތްތަކުން ޓޫރިޒަމް އޮތީ އެކީ އެކަށް ހަފުސްވެފަ އެވެ. އެކަމަކު އެ ހާލަތުން އޭރު އަރައިގަތީ ވަރުގަދަ ޕީއާރު ކެމްޕޭންތަކެއް ޓޫރިޒަމް ކުރިއަރުވަން ބޭރުގައި ބާއްވައިގެންނެވެ. އޭރު ވެސް ލައްކަ ގިނަ މަސައްކަތް ކުރި އެވެ. އެންމެ ފަހުން އެ ހާލަތުން ވެސް އަރައިގަނެވުނެވެ.

އެމްއެމްޕީއާރުސީގެ އޮފިޝަލް ވިދާޅުވީ، ރާއްޖެ ޕްރޮމޯޓް ކުރަން މިއަހަރު ގިނަ އަހަރަކާތްތަކެއް ވިޒިޓް މޯލްޑިވްސް އަހަރުގެ ތެރޭގައި ގެންދާނެ އެވެ. އެ ހަރަކާތްތަކުގެ ތެރޭގައި އައިޓީބީ ހޮސްޓް ކަންޓްރީއަށް ރާއްޖެވުމުން، ލިބޭ ސަމާލުކަން ބޮޑުވާނެ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި ބޮއިކޮޓް ކެމްޕޭންތައް މަރާލުމަށް ރާއްޖޭގެ ޕްރޮމޯޝަން ވަރަށް ވަރުގަދަ ކުރާނެ ކަމަށް ވެސް އޮފިޝަލް ވިދާޅުވި އެވެ. އޭނާ ދެކެވަޑައިގަންނަވާ ގޮތުުގައި މި ހާލަތުން ރާއްޖެއަށް އަރައިގަނެވޭނީ ވަރުގަދަ ޕްރޮމޯޝަން ހަރަކާތްތަކެއް ހިންގިގެންނެވެ. 

"ހުރިހާ ޕްރޮމޯޝަން ހަރަކާތެއް ހަމަ އެ ހުރި ގޮތަށް ކުރިއަށް ދާނެ. ޕްރޮމޯޓް ކުރަން ކުރަން ޖެހޭ އެއްވެސް ކަމެއް ނުކޮށެއް ނުބާއްވާނެ. އަންނަ އަހަރު އިތުރަށް ރާއްޖެ ޕްރޮމޯޓް ކުރަން ޖެހޭތީ އިތުރު މުޅިން އާ ހަރަކާތްތަކާއި ޕްރޮމޯޝަނަލް ކަންކަން އިތުރު ވެސް ކުރާނަން. މުޅި ކުންފުނީގެ ފޯކަސްއަކަށް މި އޮތީ ރާއްޖެ ޕްރޮމޯޓް ކުރަން. އިތުރު ޓޫރިސްޓުން ގެނެވޭނެ ގޮތްތައް ހޯދުމަށް،" އެމްއެމްޕީއާރުސީގެ އެމްޑީ، ހާރިސް މުހައްމަދު ވިދާޅުވި އެވެ."މި ފުރުސަތުތަކުގެ ބޭނުން އަޅުގަނޑުމެން ކުރާނަން. ކުންފުންޏަށް މިހާރު ފޯކަސް ކުރަން ޖެހޭ އެހެން ކަމެއް. ބާރު ދުވެލީގައި ޕްރޮމޯޝަން ކަންކަން ކުރިއަށް ގެންދެވޭނެ."

ރާއްޖޭގެ ޓޫރިޒަމަށް އަނެއްކާ ވެސް މި އައީ ދަތިދުވަސްކޮޅެކެވެ. މި ދުވަސްތަކުން އަރައިގަންނަން ކުރަން ޖެހޭ މަސައްކަތް ލައްކަ ގިނަ އެވެ. ހުޅުވަން ޖެހޭ ލައްކަ ދޮރު އެބަ ހުއްޓެވެ. ވާން ޖެހޭ އެތައް ގުރުބާނީއެއް އެބަ ހުއްޓެވެ. މިހެން ބަލަން ތިބެވޭކަށް ނެތެވެ. ޓޫރިޒަމަށް ކުރިމަތިވެފައި ހުރި މަރުގެ އެތިފަހަރުތައް އެއް ފަރާތް ކުރުން ނޫނީ އެ ހުރިހާ ކަމަކާ ދެކޮޅަށް ރާއްޖެއިން ވަރުގަދަ މަސައްކަތެއް މި ވަނީ އަލުން ފަށަން ޖެހިފަ އެވެ.