އެމްއެންޑީއެފް

ހުރިހާ ސިފައިން ދެކެނީ އިންޑިއާ އައުޓަކީ ގައުމީ ސަލާމަތަށް ނުރައްކަލެއް ކަމަށް

ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ބޭލުމަށް ގޮވާލާ ހިންގާ "އިންޑިއާ އައުޓް" ކެމްޕެއިނަކީ ގައުމީ ސަލާމަތަށް ނުރައްކާ ހަރަކާތެއް ކަމަށް ހުރިހާ ލެވެލްގެ ސިފައިން ގަބޫލުކުރާ ކަމަށް ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ އާއި ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް އަބްދުﷲ ޝަމާލު ވިދާޅުވެއްޖެ އެވެ. އެ ދެ ބޭފުޅުން މިހެން ވިދާޅުވީ މިރޭ އޮތް 241 ކޮމެޓީގައި ވާހަކަދައްކަވަމުންނެވެ.

މިރޭގެ ކޮމެޓީ ބައްދަލްވުމުގައި މިނިސްޓަރު މާރިޔާ ދީދީ އާއި ޗީފް އޮފް ޑިފެންސް އަބްދުﷲ ޝަމާލްގެ އިތުރުން ވައިސް ޗީފް އޮފް ޑިފެންސް އަބްދުއްރަހީމް އަބްދުﷲ އާއި އެމްއެންޑީއެފްގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.

ކޮމެޓީގައި ވާހަކަދައްކަވަމުން މިނިސްޓަރު މާރިޔާ ދީދީ ވިދާޅުވީ ނެޝަނަލް ސެކިއުރިޓީ ކައުންސިލްގެ ހުރިހާ މެންބަރުންނާއި އެމްއެންޑީއެފްގެ ލަފާދޭ މަޖިލީހުގެ މެންބަރުން އިއްތިފާގުވެވަޑައިގަންނަވާ ގޮތުގައި "އިންޑިއާ އައުޓް" ހަރަކާތަކީ ގައުމީ ސަލާމަތަށް ނުރައްކަލެއް ކަމަށެވެ. އަދި ސީނިއާ ޖެނެރަލް އޮފިސަރުންނާއި ކޮމާންޑް އެންޑް ސްޓާފް ލެވެލްގައި މަސައްކަތް ކުރާ ހުރިހާ އޮފިސަރުންނާއި ރާއްޖެއިން ބޭރުގައި މަސައްކަތް ކުރަމުން ގެންދާ ދިވެހި އަސްކަރިއްޔާގެ ޑިފެންސް އެޑްވައިޒަރުންވެސް އެކަމަށް އިއްތިފާގުވެވަޑައިގަންނަވާ ކަމަށެވެ.

"އަޅުގަނޑެކޭ އެއްފަދައިން ނެޝަނަލް ސެކިއުރިޓީ ކައުންސިލްގެ ހުރިހާ މެންބަރުން އިއްތިފާގުވެވަޑައިގަނޭ ރަައީސް ޔާމީންގެ މި އިންޑިއާ އައުޓް ކެމްޕެއިނަކީ ގައުމީ ސަލާމަތަށް ހުރި ބޮޑު ނުރައްކަލެއް ކަމަށް. ހަމަ އެހެންމެ އެމްއެންޑީއެފްގެ ލަފާދޭ މަޖިލީހާއި ސީނިއާ ޖެނެރަލް އޮފިސަރުންނާއި ކޮމާންޑް އެންޑް ސްޓާފް ލެވެލްގައި މަސައްކަތް ކުރާ ހުރިހާ އޮފިސަރުންނާއި ރާއްޖެއިން ބޭރުގައި މަސައްކަތް ކުރަމުން ގެންދާ ދިވެހި އަސްކަރިއްޔާގެ ޑިފެންސް އެޑްވައިޒަރުން -- މި ދެންނެވީ ސްރީލަންކާ، އިންޑިއާ، ޕާކިސްތާން، މެލޭޝިޔާ އަދި އިގިރޭސިވިލާތުގައި ޕޯސްޓްކޮށްފައިވާ ޑިފެންސް އެޑްވައިޒަރުން -- ނާވެސް އަޅުގަނޑު މަޝްވަރާ ކުރީން. ހުރިހާ ބޭފުޅުންވެސް އިއްތިފާގުވޭ ރަައީސް ޔާމީންގެ އިންޑިއާ އައުޓް ކެމްޕެއިނަކީ ގައުމީ ސަލާމަތަށް ހުރި ބޮޑު ނުރައްކަލެއް ކަމަށް،" މާރިޔާ ވިދާޅުވިއެވެ.

އަޅުގަނޑެކޭ އެއްފަދައިން ނެޝަނަލް ސެކިއުރިޓީ ކައުންސިލްގެ ހުރިހާ މެންބަރުން އިއްތިފާގުވެވަޑައިގަނޭ ރަައީސް ޔާމީންގެ މި އިންޑިއާ އައުޓް ކެމްޕެއިނަކީ ގައުމީ ސަލާމަތަށް ހުރި ބޮޑު ނުރައްކަލެއް ކަމަށް. ހަމަ އެހެންމެ އެމްއެންޑީއެފްގެ ލަފާދޭ މަޖިލީހާއި ސީނިއާ ޖެނެރަލް އޮފިސަރުންނާއި ކޮމާންޑް އެންޑް ސްޓާފް ލެވެލްގައި މަސައްކަތް ކުރާ ހުރިހާ އޮފިސަރުންނާއި ރާއްޖެއިން ބޭރުގައި މަސައްކަތް ކުރަމުން ގެންދާ ދިވެހި އަސްކަރިއްޔާގެ ޑިފެންސް އެޑްވައިޒަރުން -- މި ދެންނެވީ ސްރީލަންކާ، އިންޑިއާ، ޕާކިސްތާން، މެލޭޝިޔާ އަދި އިގިރޭސިވިލާތުގައި ޕޯސްޓްކޮށްފައިވާ ޑިފެންސް އެޑްވައިޒަރުން -- ނާވެސް އަޅުގަނޑު މަޝްވަރާ ކުރީން. ހުރިހާ ބޭފުޅުންވެސް އިއްތިފާގުވޭ ރަައީސް ޔާމީންގެ އިންޑިއާ އައުޓް ކެމްޕެއިނަކީ ގައުމީ ސަލާމަތަށް ހުރި ބޮޑު ނުރައްކަލެއް ކަމަށް
ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ | ޓޫފޯވަން ކޮމެޓީ

މިނިސްޓަރު ވިދާޅުވީ "އިންޑިއާ އައުޓް" ހަރަކާތަކީ މިފަދަ ނުރައްކާތެރި ހަރަކާތަކަށްވުމުން އެކަން ހުއްޓުވަން ޖެހޭ ކަމަށެވެ. އެކަން ނުހުއްޓުވި އޮތީ ކީއްވެތޯ ދެންނެވުމުން އެކަން ފުލުސް މެދުވެރިކޮށް ސާފުކޮށް ދެއްވުމަށް އެކަމަނާ އެދިވަޑައިގެންނެވިއެވެ.

އަދި އެ ހަރަކާތުން ޓެރަރިޒަމަށް ބާރުދޭ ކަމަށްވެސް ވިދާޅުވިއެވެ.

މިރޭގެ ބައްދަލްވުމުގައި ޗީފް އޮފް ޑިފެންސް ފޯސް އަބްދުﷲ ޝަމާލް ވިދާޅުވީ "އިންޑިއާ އައުޓް" ހަރަކާތުގެ ނުރައްކާ ދެނެގަތުމަށް އެމްއެންޑީއެފްގެ ލަފާދޭ މަޖިލީހާއި ސީނިއާ ޖެނެރަލް އޮފިސަރުންނާއި ކޮމާންޑް އެންޑް ސްޓާފް މަޝްވަރާ ކޮށްފައިވާ ކަމަށެވެ. އަދި ރާއްޖެއިން ބޭރުގައި މަސައްކަތް ކުރަމުން ގެންދާ ދިވެހި އަސްކަރިއްޔާގެ ޑިފެންސް އެޑްވައިޒަރުންގެ ލަފާވެސް ހޯއްދަވާފައިވާ ކަމަށެވެ.

ޝަމާލްވެސް ވިދާޅުވީ އެ ހުރިހާ ބޭފުޅުންގެ ނަޒަރުގައި "އިންޑިއާ އައުޓް" ހަރަކާތަކީ ގައުމީ ސަލާމަތަށް ނުރައްކަލެއް ކަމަށެވެ. އަދި ވިދާޅުވީ ޖުމްލަކޮށް ހުރިހާ ލެވެލްއެއްގެ ސިފައިންގެ ނަޒަރުގައިވެސް އެ ހަރަކާތް ގައުމީ ސަލާމަތަށް ނުރައްކާ ކަމަށެވެ.

"މި މަޝްވަރާތަކުގައި ހުރިހާ ލެވެލްއެއްގެ ސިފައިންވެސް އިއްތިފާގު ވެގެންދަނީ މި ކެންޕެއިނަކީ ނުވަތަ މި ޕްރޮޕެގެންޑާއަކީ އޭގެ ސަބަބުން ގައުމީ ސަލާމަތަށް ނުރައްކާ ވެގެން އަންނާނެ ކެމްޕެއިނެއްގެ ގޮތުގައި. އޭގެ މައިގަނޑު ސަބަބަކީ ދޭދޭ ގައުމުތަކުގެ މެދުގައި ނަފްރަތު އުފައްދާ ފިތުނަ އުފައްދާ ރުޅިވެރިކަން އުފައްދާ އޭގެ ސަބަބުން އަންނާނެ ނުރައްކާތައް،" ޝަމާލް ވިދާޅުވިއެވެ.