ބޮލީވުޑް

ޑެލިވަރީ ބޯއީއެއްގެ ރޯލު ކުޅެން ކަޕިލް ޝަރުމާއަށް ލިބިއްޖެ

އިންޑިއާގެ މަޝްހޫރު ކޮމޭޑިއަން ކަޕިލް ޝަރުމާ އަށް ފިލްމެއް ކުޅުމުގެ ފުރުސަތު އަނެއްކާވެސް ލިބިއްޖެ އެވެ.

މީގެ ކުރިން ކަޕިލް ވަނީ "ކިސް ކިސްކޯ ޕިޔާރް ކަރޭން" އާއި އައްބާސް-މަސްތާން ޑައިރެކްޓްކުރި "ފިރަންގީ"ގައި ބަތަލުގެ ބައި ކުޅެފަ އެވެ.

ކަޕިލް އަށް އަލަށް ލިބުނު ފިލްމަކީ ނަންދިތާ ދާސް ޑައިރެކްޓްކުރާ ފިލްމެކެވެ. ފިލްމުގައި އޭނާއަށް ކުޅެން ޖެހެނީ ފުޑް ޑެލިވަރީ ބޯއީ އެއްގެ ރޯލެވެ.

މި ފިލްމު އިއުލާންކުރަމުން ނަންދިތާ ކުރި ޓުވީޓެއްގައި ބުނީ ފިލްމުގައި ކަޕިލް ކުޅޭ ރޯލުން އެންމެން ހައިރާން ކޮށްލާނެ ކަމަށް އުއްމީދުކުރާ ކަމަށެވެ. އަދި އޯޑިއަންސަށް ވަރަށް ތަފާތު ކަޕިލްއެއް ބަލާލުމުގެ ފުރުސަތު މި ފިލްމުން ލިބޭނެ ކަމަށް ނަންދިތާ ޔަގީންކުރާ ކަމަށް ވެސް އޭނާގެ ޓުވީޓުގައި ބުނެފައިވެ އެވެ.

ކަޕިލްގެ ޓުވީޓުގައި މި ފިލްމު ކުޅެލާ ހިތުން ކެތްމަދުވެފައިވާ ކަމަށް ބުނެފައިވެ އެވެ. ކަޕިލް ބުނެފައިވާ ގޮތުގައި އޭނާ އުފާވަނީ ކޮންމެހެން ފިލްމެއް ކުޅެން ލިބުނީތީ އެއް ނޫނެވެ. ނަންދިތާ ދާސްގެ ފިލްމެއް ކުޅެން ލިބުނީތީ އެވެ.

"އާޓިސްޓެއްގެ ހައިސިއްޔަތުން އަބަދުވެސް ތަފާތު ރޯލުތައް ކުޅުމަށް އަހަރެން ވަނީ ކަރުހިއްކައިގެންފައި. އެހެންވެ އެފަދަ ރޯލެއް ލިބުމުން ވަރަށް އުފާވެއްޖެ،" ކަޕިލްގެ ޓުވީޓުގައި ބުނެފައި ވެއެވެ.