ބޮލީވުޑް

"ޒުވިގަޓޯ"ގައި ކަޕިލް ކުޅެނީ ވަރަށް ސީރިއަސް ރޯލެއް

އިންޑިއާގެ ސްޓޭންޑްއަޕް ކޮމޭޑިއަނުންގެ ތެރެއިން އެންމެ ކުރީގައި އުޅޭ ކަޕިލް ޝަރުމާ އެންމެ ފަހުން ކުޅެފައިވާ "ޒްވިޓާގޯ"ގެ ޓްރެއިލާ ބުދަ ދުވަހު ދައްކަން ފަށައިފި އެވެ. މި ޓްރެއިލާ ލޯންޗުކުރީ މުމްބައިގައި އިއްޔެ ބޭއްވި ހާއްސަ އިވެންޓެއްގަ އެވެ.

ކަޕިލް ބަތަލުގެ ބައި ކުޅެފައިވާ "ޒުވިގާޓޯ"ގައި އޭނާ ކުޅެފައިވަނީ ވަރަށް ސީރިއަސް މީހެއްގެ ރޯލެވެ. ފެކްޓްރީއެއްގެ ފްލޯ މެނޭޖަރެއްގެ ގޮތުގައި މަސައްކަތްކުރި މީހެއްގެ ވަޒީފާ ޕެންޑެމިކް ތެރޭގައި ގެއްލުމުން ކާއެއްޗެތި ޑެލިވަރީ ކުރާ މީހެއްގެ ގޮތުގައި މަސައްކަތްކުރާ ތަން މި ފިލްމުގައި ފެނެ އެވެ.

"ޒުވިގާޓޯ" އަކީ ކެތްތެރިކަމާއި އުންމީދު އަދި އިންސާނުންގެ ހުންނަ ނުގުޑާ ފަދަ އަޒުމު ފެނިގެންދާނެ އަސަރުގަދަ ފިލްމެކެވެ. ދަށުފަންތީގެ އާއިލާތަކަށް ނިސްބަތްވާ މީހުންގެ ކޮންމެ ދުވަހެއްގެ ބުރަ މަސައްކަތާއި އެމީހުންނަށް ކުރިމަތިވާ އެކި އެކި ގޮންޖެހުންތައް ފިލްމުގައި ވަރަށް ރީއްޗަށް ގެނެސްދީފައި ވެއެވެ.

ނަންދިތާ ދާސް ޑައިރެކްޓްކޮށްފައިވާ މި ފިލްމާ ގުޅޭ ގޮތުން ފިލްމުގެ ޓްރެއިލާ ލޯންޗުކުރަން ބޭއްވި އިވެންޓްގައި ކަޕިލް ޝަރުމާ ވާހަކަ ދެއްކި އެވެ. އޭނާ ބުނި ގޮތުގައި ނަންދިތާ އޭނާއަށް ދިނީ "ހަޔާތުން އެއްފަހަރު" ލިބޭނެ ފުރުސަތެއް ކަމަށެވެ.

ކަޕިލް ބުނި ގޮތުގައި އޭނާއަކީ އަބަދުވެސް ނަންދިތާ އުފައްދާ ފިލްމުތަކުގެ ފޭނެކެވެ. ވީމާ "ޒުވިގާޓޯ"ގެ ސްކްރިޕްޓް ލިބުމާއެކު އޭނާ ހުރީ ފިލްމު ބަލައިގަންނަން 50 ޕަސެންޓް ތައްޔާރު ވެފަ އެވެ. އަދި ނަންދިތާ އާ ބައްދަލުވެ ފިލްމުގެ ވާޙަކަ ކިޔައިދިނުމުން އޭނާ އިތުރަށް އެ ފިލްމުގައި ބައިވެރިވާހިތް ވީކަމަށް ކަޕިލް ބުންޏެވެ.

މިހިނގާ މާޗް 17 ވަނަ ދުވަހު ރިލީޒްކުރަން ހަމަޖެހިފައިވާ މި ފިލްމުގައި ކަޕިލްގެ އަންހެނުންގެ ރޯލު ކުޅެފައިވަނީ ޝަހާނާ ގޯސްވާމީ އެވެ.