ދުނިޔެ

އެމެރިކާގެ ޑެޕިއުޓީ އެމްބެސެޑަރު ރަޝިއާއިން ބޭރުކޮށްފި

ރަޝިއާގައި ހުންނަ އެމެރިކާ އެމްބަސީގެ ޑެޕިއުޓީ އެމްބެސެޑަރު، ބާޓް ގޯމަން ރަޝިއާއިން ފައިބައިވަޑައިގަތުމަށް، ރަޝިއާ ސަރުކާރުން މުހުލަތު ދެއްވައިފި އެވެ.

އެމެރިކާ އެމްބަސީގެ ތަރުޖަމާން ޖޭސަން ރެބޯޒް ވިދާޅުވީ ގޮތުން ގޯމަންއާ ނުލައި އެމްބަސީ ހިންގުން ހީނަރުވުން ގާތެވެ.

ބާޓް ގޯމަން ރަޝިއާ ދޫކޮށް ފޭބުމަށް ރަޝިއާ ސަރުކާރުން އެންގި ސަބަބު މުޅީން ސާފެއް ނުވެ އެވެ. އެހެން ނަމަވެސް ބެލެވެނީ ރަޝިއާ އާއި ޔުކްރޭނާ ދެމެދު މިހާރު އުފެދިގެން އުޅޭ މަސައްލައާ ގުޅުން ހުރި ކޮންމެވެސް ކަމެއް ކުރެއްވީ ކަމަށެވެ.

ތަރުޖަމާން ވިދާޅުވި ގޮތުން ޑެޕިއުޓީ އެމްބެސެޑަރަކީ ވަރަށް ހީވާގި ބޭފުޅެކެވެ. އަދި ދުވަހުން ދުވަހަށް އެމްބަސީގައި ކުރަން ހުންނަ ހުރިހާ ކަމެއްގައިހެން އެމްބެސެޑަރު ޖޯން ސުލިވަންއަށް އަތް ގާތްކޮށް ދެއްވަނީ އޭނާ އެވެ.

ތަރުޖަމާން ވިދާޅުވީ ގޯމަން އެމްބަސީއަށް ވަޑައިގެންނެވި ފަހުން އަދިވީ ދެތިން އަހަރު ކަމަށެވެ. އަދި އޭނާގެ ވިސާ ހަމަވާން ގާތްވެސް ނުވާ ކަމަށެވެ. އޭނާ ވިދާޅުވީ މޮސްކޯގެ އަމަލުތަކަށް އެމެރިކާ ޖަވާބު ދޭނެ ކަމަށެވެ.

ރަޝިއާ އާއި ޔުކްރޭން މައްސަލާގައި ހުޅަނގުން ޚާއްސަކޮށް އެމެރިކާއިން ގެންދަނީ ރަޝިއާ ބުނާ ގޮތުން އެކިފަހަރު އެކި ދޮގު ހަދަމުންނެވެ.

ޔުކްރޭން ބުޑަށް ރަޝިއާ ފައުޖުތައް ޖަމާވަނީ ޔުކްރޭނަށް އަރައިގަންނަން ކަމަށް ބުނެ އެތައް ދޮގެއް ހެދުމަށް ފަހު ޔުކްރޭނަށް ހަމާލާދޭ ތާރީޚް ވެސް އެމެރިކާ ކަނޑައެޅި އެވެ.

ރަޝިއާގެ އަސްކަރިއްޔާއިން ކުރިއަށް ގެންދިޔަ ތަމްރީންތައް ނިންމާލުމަށް ފަހު އަސްކަރީ ފައުޖުތައް ޔުކްރޭނާ ދުރަށް ޖައްސައި ދާއިމީ މަރުކަޒުތަކުގައި ބަދަނރުކުރާ ކަމަށް ރަޝިއާ ބުނުމުން ވެސް އެމެރިކާ ބުނީ އެއީ ދޮގެއް ކަމަށެވެ.

އެމެރިކާ ބުނާ ގޮތުން ރަޝިއާއިން އެކަކު ވެސް ޔުކްރޭނާ ދުރަށް ނުޖައްސަ އެވެ. އަދި އެސަރަހައްދަށް ފައުޖުތައް އިތުރުކުރުން ނޫން ކަމެއް ރަޝިއާ ނުކުރެ އެވެ.